އައްޑޫ ސިޓީ ހިތަދޫ އުތުރުދާއިރާގެ ބައި އިލެކްޝަނުގައި ވާދުކުރުމަަށް ޕީއެންސީގެ ަޓިކެޓް ލިބިފައިވާ އެދާއިރާގެ ކުރީގެ މެންބަރު އެހެން މީހަކަށް ފުރުސަތު ދިނުމުގެ ގޮތުން ޓިކެޓް ދޫކޮށްލައިފިއެވެ. އެ ޓިކެޓް މިހާރު ލިބިފައިވަނީ ޕްރައިމަރީގައި ސިނާއާ ވާދަކުރެއްވި އަހުމަދު ސައީދަށެވެ.
”ނިމިދިޔަ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އަޅުގަނޑަށް ތާއީދުކޮށް ވޯޓްދެއްވި ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ނުހަނު ލޯތްބާއެކު ޝުކުރުދަންނަވަމެވެ.އަދި ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އަޅުގަނޑުގެ ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޓަކައިވެސް އަޅުގަނޑު ޝުކުރުދަންނަވަމެވެ.“
”ނަމަވެސް އަޅުގަނޑު މިދިޔަ 3 ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އަޅުގަނޑު ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމި ވާހަކަ ލޮބުވެތި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިގޮތަށް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓަކު އިންތިޚާބު ކޮށްދިނުމަށް އަޅުގަނޑު ފުރިހަމަ ބައިވެރިވުމާއި އަޅުގަނޑުގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.“
މިނިންމުން މިހާރު ވާނީ ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް އަންގާފައި ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އެ ނިންމުން ޕާޓީގެ ރައީސާއި
ލީޑަރޝިޕުން ވަނީ ގަބޫލުކޮށްފައި ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.
”މާތްاللهގެ ހެޔޮރަޙުމަތާއެކު ޕާޓީން ކެންޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެކެންޑިޑޭޓަކާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް ދާނަމެވެ. އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ.“ ސިނާ ވިދާޅުވެފައި ވެއެވެ. އޭނާގެ ގޮނޑި ގެއްލުނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެންނެވެ.






