ހިލާލީ ދަރިކޮޅު

ޢަބްދުﷲ ސަޢީދު
މެއި 3, 2026

ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖޭގައި ތިންވަނައަށް ރަސްކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަންކުރީ ޢުމަރުވީރު ދަރިކޮޅެވެ. ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އެންމެ ގިނަ ދުވަހު ދެމިއޮތް ދަރިކޮޅެވެ. ހިލާލީ ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޙަސަން ހިލާލީ (އެއްވަނަ) ސިރީ ވީރަ ބަވަނަ މަހާރަދުންނެވެ.

މި ދަރިކޮޅުގެ ނަން ނިސްބަތްވަނީ ޔަމަން ކަރައިން ދިވެހިރާއްޖެ އައިސް ހުޅުލޭގައި އުޅުނު ”ހިލާލީ“ އާއިލާއަށެވެ. މި ދަރިކޮޅުގެ ދައުރުގައި 29 ރަސްކަލަކު ރަސްކަން ކުރެއްވިއެވެ. މީގެ ތެރެއިން ހަތް ރަސްކަލުންނަކީ ހިލާލީ އާއިލާގެ ބޭފުޅުންނެއް ނޫނެވެ.

ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަކީ ސިޔާސީ ގޮތުން ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާ ހަލަބޮލި ދުވަސްވަރެކެވެ. އަދި ބޭރުގެ ފަރާތްކުގެ ނުފޫޒު ބޮޑުވެގެން ދިޔަ ދުވަސްވަރެކެވެ. މިދުވަސްވަރު އެންމެ ފާހަގަ ކުރެވޭ ހާދިސާއަކީ މި ދަރިކޮޅުން އެންމެ ފަހުން ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން (ނުވަވަނަ) އިސްލާމްދީން ދޫކުރައްވައި ނަސޯރާދީނަށް ވަންނަވައި މުރުތަދުވި ހާދިސާއެވެ. އަދި ޕޯޗްގީޒުންގެ އެހީގައި އަލުން ރަސްކަން ހޯއްދަވަން ޕޯޗުގީޒުފެ ސިފައިން ފޮނުވައިގެން ކުރި ހަނގުރާމަތަކާއި ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ދިޔަ ގޮތެވެ.

ހިލާލީ ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ:-

1. އައްސުލްޠާން ޙަސަނުލް ހިލާލީ (އެއްވަނަ)

2. އައްސުލްޠާން އިބްރާހީމް (އެއްވަނަ)

3. އައްސުލްޠާން ޙުސައިނުލް ހިލާލީ (އެއްވަނަ)

4. އައްސުލްޠާން ނާޞިރުއްދީނުލް ކަލާވަހީ (މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. މިއީ އިންޑިއާއިން ދިވެހިރާއްޖެ ވަޑައިގެން ރާއްޖޭގައި ދިރިއުޅުއްވި ބޭފުޅެކެވެ.)

5. އައްސުލްޠާން ޙަސަން ( ދެވަނަ) (މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ.)

6. އައްސުލްޠާން ޢީސާ (މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. މިއީ ކުރިން ރަސްކަމުގައި ހުންނެވި އައްސުލްޠާން ޙަސަން (ދެވަނަ) ގެ އެއްބަފާ ކޮއްކޯފުޅެކެވެ.)

7. އައްސުލްޠާން އުޘްމާނު (ދެވަނަ)

8. އައްސުލްޠާން ދަންނަ މުޙައްމަދު

9. އައްސުލްޠާން ޔޫސުފް (ދެވަނަ)

10. އައްސުލްޠާން އަބޫބަކުރު (އެއްވަނަ)

11. އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ)

12. އައްސުލްޠާން ސައްޔިދު މުޙައްމަދު (މިއީ ޢަރަބި ކަރައިގެ ބޭކަލެކެވެ. މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ.)

13. އައްސުލްޠާން ހަދި މުޙައްމަދުލް ހިލާލީ

14. އައްސުލްޠާން ޙަސަން (ހަތަރުވަނަ)

15. އައްސުލްޠާން ޢުމަރު (ދެވަނަ)

16. އައްސުލްޠާން ޙަސަން (ފަސްވަނަ)

17. އައްސުލްޠާން އައްޝައިޚު ޙަސަން (ހަވަނަ)

18. އައްސުލްޠާން އިބްރާހީމް (ދެވަނަ)

19.އައްސުލްޠާން ކަޅު މުޙައްމަދު

20. އައްސުލްޠާން ޔޫސުފް (ތިންވަނަ)

21. އައްސުލްޠާން ޢަލީ (ހަތަރުވަނަ)

22. އައްސުލްޠާންޙަސަން (ހަތްވަނަ)

 

23. އައްސުލްޠާން އަޙްމަދު ޝަރީފުލް މައްކީ (މިއީ ޢަރަބިކަރައިގެ މައްކާގެ ބޭކަލެކެވެ. މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ.)

24. އައްސުލްޠާން ޢަލީ (ފަސްވަނަ)

25. އައްސުލްޠާން ޙަސަން ސީރާޖީ (އަށްވަނަ)

26. އައްސުލްޠާން މުޙައްމަދު

27. އައްސުލްޠާން ޙަސަން (ނުވަވަނަ)

28. އައްސުލްޠާން އަބޫބަކުރު (ދެވަނަ) (މިއީ ހިލާލީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ.)

29. އައްސުލްޠާން ޢަލީ (ހަވަނަ) (މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ޝަހީދު ޢަލީ ރަސްގެފާނެވެ. ޢަލީ ރަސްގެފާނަކީ ހިލާލީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އަވަހާރަވީއިރު އިންނެވި އަނބިކަމަނާ، ކަނބާ ޢައިޝާ ރަނިކިލެގެފާނަކީ ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.)

ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދައުރަށް ފަހު ދިވެހިރާއްޖޭގައި އޮތީ ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމެވެ. އެއަށްފަހު ރަސްކަން ކުރެއްވީ އުތީމު ދަރިކޮޅެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *