ނިކަމެތިކަމާއި، ލަދުވެތިކަމުން، ޔަޤީންކަމާއި، އިތުބާރަށް!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 16, 2026

ތިރީގައިވާ ފޮޓޯއިން ދައްކުވައިދެނީ، ސީނުކަރައިގެ 46 އަހަރުގެ ތަބުދީލުން ދުނިޔޭގެ ބާރުގެ ތިލަފަތް ބަދަލުކޮށްލި މިންވަރެވެ. 1980 ވަނަ އަހަރު ދުނިޔެއިން، ޗައިނާއާ މެދު ދެކެމުން ދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ.

ތިރީގައިވާ ތަސްވީރުގެ ކަނާތްފަރާތުގައިވާ ކަޅާއި ހުދުގެ ތަސްވީރުން، ހަމައެކަނި ސަލާމަށް އަތްޕުޅު ދިއްކޮށް ލެއްވުމަށްވުރެ މާ ފުން ވާހަކައެއް ކިޔައިދެއެވެ. އޭރުގެ ސީނުކަރައިގެ ޕްރިމިއަރ ހުއާ ގުއޯފެން ފެންނަނީ ވަރަށް ބޮޑަށް ސަމާލުވެވަޑައިގެން، ގާތްގަނޑަކަށް ކިޔަމަންތެރި ކަމާއެކު، އެމެރިކާގެ ރައީސް ޖިމީ ކާޓަރގެ ކުރިފުޅު މަތީގައި އިސްތަށިފުޅު ކުޑަކޮށް ގުދުކޮށް ލައްވައިގެން ހުންނަވަނިކޮށެވެ. އޭރު ސީނުކަރައިން ދިޔައީ، އެތައް ދަހަރެއްވީ ފަޤީރުކަމާއި، ސިޔާސީ ހަލަބޮލިކަމާއި، އިޤުތިޞާދީ އެކަހެރިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އޭރުގެ ސުޕަޕަވަރެވެ. ސީނުކަރައަކީ ދުނިޔެއަށް ދޮރުތައް ހުޅުވާލުމަށް މަސައްކަތް ކުރަމުން ދިޔަ ތަރައްޤީވަމުން އައި ޤައުމެކެވެ.

އޭރު ސީނުކަރައިގެ ހަތަވިވަރު، ހުޅަނގުގެ ގިނަ ދައުލަތްތަކަށް ވުރެ މާބޮޑަށް ކުޑައެވެ. އެތައް މިލިއަން ބަޔަކު ދިރިއުޅެމުން ދިޔައީ ފަޤީރުކަމުގައެވެ. ސީނުކަރައިގެ ސިނާޢަތްތައް ބަލިކަށްޓެވެ. ޓެކްނޮލޮޖީ އިމްޕޯޓްކޮށް، ޤައުމު ވަރަށް ބޮޑަށް ބަރޯސާވެފައި އޮތީ ބޭރުގެ ވުނަތަކާއި، ހުޅަނގުގެ ރުހުން ހޯދުމުގެ މައްޗަށެވެ. ސީނުކަރައިގެ ޕްރިމިއަރ ހުއާ ގުއޯފެންގެ ޖިސްމާނީ ބަހުރުވައިން، އެ ޒަމާނުގެ ޖިއޮޕޮލިޓިކަލް ޙަޤީޤަތް ދައްކުވައިދެއެވެ. ސީނުކަރައިން ހޯދަމުން ދިޔައީ، އެހެން ޤައުމުތަކުން އެ ޤައުމު ބަލައިގަތުމެވެ.

އެކަމަކު، މަދު ދަސް އަހަރުގެ ތެރޭގައި ތާރީޚަށް ވަރަށް ބޮޑަށް ބަދަލު އަތުވެދާނެއެވެ. ތިރީގައިވާ ތަސްވީރުގެ ވާތްފަރާތުގައިވާ 2026 ވަނަ އަހަރުގެ ތަސްވީރުން ފެންނަނީ މުޅިން ތަފާތު ޢާލަމީ ނިޒާމެކެވެ.

މިހާރު ސީނުކަރައިގެ އިސްވާރު ފެންނަނީ މަޑުމައިތިރިކަމާ، އިތުބާރާއެކު ހުއްޓިވަޑައިގެން ހުންނެވި މަންޒަރެވެ. އެކަމަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕު ފެންނަނީ، މާބޮޑަށް އިޙުތިރާމް އަދާކުރާ މަންޒަރެވެ. ސަލާމަށް އަތް ދިއްކުރުމުގެ ތެރޭގައި ބޯގުދުކޮށް ކިޔަމަންތެރިކަން އަދާކުރާ މަންޒަރެވެ. ރަމުޒީ ގޮތުން ވިޔަސް އަދި ސްޓޭޖް ކޮށްގެން ވިޔަސް، ޑޮނަލްޑް ޓުރަމްޕުގެ ޖިސްމާނީ ބަހުރުވައިގެ ތަފާތު ތަމްސީލުކޮށް ދެނީ ޢާލަމީ ބާރުގެ ޑައިނަމިކްސް އަށް އައިސްފައިވާ ބޮޑު ބަދަލެވެ.

ސީނުކަރައަކީ މިއަދު ހަމައެކަނި އަގުހެޔޮ އުފެއްދުންތަކުގެ ކާރުޚާނާއެއް ނޫނެވެ. އެއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދެވެ. ސިނާރާއި، އިލެކްޓްރިކް ވެހިކަލާއި، ސެމީކޮންޑަކްޓަރާއި، އަދި ސްޕޭސް އެކްސްޕްލޯރޭޝަންގައި ސީނުކަރައަކީ ފަންނިއްޔާތުގެ ވާދަވެރި ސުޕަރޕަވަރެކެވެ.
ސީނުކަރައަކީ ދޮޅަހަކަށް ޤައުމުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ސީނުކަރައަކީ އޭޝިއާ، އެފްރިކާ، ލެޓިން އެމެރިކާ، އަދި ވިލާތުގެ ހުރިހާ ހިސާބެއްގައިވެސް އެމެރިކާގެ ނުފޫޒުތަކަށް ގޮންޖަހާލެވޭ ހަމައެކަނި އަސްކަރީ އަދި ޑިޕްލޮމެޓިކް ބާރެވެ.

ބުލެޓް ރޭލުތަކުން ފެށިގެން ބިޔަ ސަހަރުތަކާއި، ވާވޭއިން ފެށިގެން ބީ.އައި.ޑީއާއި، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އިން ފެށިގެން ޢާލަމީ އުފެއްދުންތެރިކަމުގެ ބާރާއި، ނުފޫޒު ސީނުކަރައިން ހޯދިއެވެ. ސީނުކަރައިން އެ ހުރިހާ ކަމެއް ޙާޞިލުކުރީ ދިގު މުއްދަތުގެ ރޭވުންތެރިކަމުގެ ދަށުންނެވެ. ސިނާޢީ ކުރިއެރުމާއި، ބިނާރުގެ ވުނައާއި، ބޭރަޙުމީ އިޤުތިޞާދީ ސުލޫކުގެ ތެރެއިންނެވެ.

ނިމުމެއް ނެތް ހަނގުރާމަތަކާއި، ސިޔާސީ ޕޮލަރައިޒޭޝަނާއި، ދަރަނީގެ ދަތިތަކާއި، އިތުރުވަމުން އަންނަ އެތެރޭގެ ބައިބައިވުންތަކުގެ ސަބަބުން، ކުރިން ގޮންޖަހައި ނުލެވޭ އެމެރިކާގެ ބާރާއި، ނުފޫޒު މިވަގުތު ވަނީ ބަލިކަށި ވެފައެވެ. ދުނިޔެއަކީ މިހާރު ޔުނިޕޯލާ ތަނެއް ނޫނެވެ. އެ ބަދަލުގެ އެންމެ ޝައުގުވެރި ބަޔަކީ ނަފުސިއްޔާތީ ބަދަލެވެ.

1980 ވަނަ އަހަރު ސީނުކަރައިގެ އިސްވާރުން އެމެރިކާގެ ރައީސުންނާ ބައްދަލު ކުރެއްވިއިރު ފެނިގެން ދިޔައީ ފަރުވާތެރިކަމާއި، ކިޔަމަންތެރިކަމެވެ.

2026 ވަނަ އަހަރު ސީނުކަރައިގެ އިސްދާނަކަމުން، އެމެރިކާއާއެކު މުޢާމަލާތުކުރަމުން ދަނީ ގާތްގަނޑަކަށް ހަމަހަމަ ގޮތެއްގައެވެ. ބައެއް ފަހަރު ހީވަނީ ސީނުކަރައިގެ މަޤާމު މާވަރުގަދަ ހެންނެވެ.

ތިރީގައިވާ ތަސްވީރުން ކިޔައިދެނީ މިބަޔާންކުރި ވާހަކަތަކެވެ. އެ ތަސްވީރުން ހަމައެކަނި ދައްކުވައިދެނީ ދެ ޤައުމެއްގެ ވެރިންގެ ސަލާމް ކުރުމެއް އެކަންޏެއް ނޫނެވެ. އެކަމަކު ސާޅީހަކަށް އަހަރު ފަހުން ޤައުމެއް ހިންދެމިލާފައި ހަމައިސްކޮޅަށް ތެދުވި ތަނެވެ. ހަމަ ޔަޤީނުންވެސް މަދު ދަހަރެއްގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގައިފާނެއެވެ. ތާރީޚު އެއް ސުޕަޕަވަރަކަށް ތާއަބަދަށް ވަފާތެރިއެއް ނުވާނެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *