ކޫފާގެ ބާޒާރުގައި އައްސައްޔިދާ ޒައިނަބު ​​رضي الله عنهما ދެއްވި ޚުޠުބާ

ޟަމްރަތު އަހްމަދު
ޖޫން 26, 2026

”الله އަށް ޙަމްދު ހުއްޓެވެ. އަދި އެކަލާނގެ ނިޢުމަތްތައް، އަހުރެންގެ ބަފައިކަލުން މުޙައްމަދުގެފާނަށާއި އެކަލޭގެފާނުގެ ހެޔޮ، ނަމޫނާ ދަރިފަސްކޮޅުގެ މައްޗަށް ހުއްޓެވެ.

އޭ ކުފާގެ އަހުލުވެރިންނޭވެ! އޭ މަކަރުވެރި އަދި ޚިޔާނާތްތެރިންނޭވެ! ތިޔަބައިމީހުން ކަރުނަ އޮހޮރަނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ކަރުނަތަކެއް ދުވަހަކުވެސް ނުހިކޭނެއެވެ. އަދި ތިޔަބައިމީހުންގެ ރުއިމުގެ ބާރު އަޑު ދުވަހަކުވެސް ނުކެނޑޭނެއެވެ. ތިޔަބައިމީހުން އެ އަންހެނާ ފަދައެވެ. އެއީ، އޭނާ ވަރުގަދައަށް އަޅާފައިވާ ރޮދި، އަމިއްލައަށް ބުރިކޮށްލި އަންހެނާއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަމަކީ މަކަރުވެރިކަމާއި، ޚިޔާނާތްތެރިވުން ނޫން އެހެން އެއްޗެއް ނޫނެވެ.

ތިޔަބައިމީހުންގެ ތެރޭގައި ފާޙިޝް، މަލާމާތް ލިބިފައިވާ، ބޮޑާ، ކިބުރުވެރި، ޙަސަދަވެރި، ހުޝާމަދުކުރާ، ޢަދާވާތްތެރި އަދި ފުރައްސާރަކުރާ ބަޔަކު، ނޫން އެހެން ބަޔަކު އެބަތިބި ހެއްޔެވެ؟ ތިޔަބައިމީހުންގެ ތެރޭގައި ނަޖިސްތަނެއްގައި ހެދޭ ރިވެތި ގަހެއް ފަދަ، ނުވަތަ ގަބުރެއްގެ މަތީގައިވާ ރިހިތަކެއް ފަދަ، ބަޔަކު އެބަތިއްބެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ނަފުސުތަކުގެ މައްޗަށް ތިޔަބައިމީހުން ދުރާލާ ހޯދައިގަތް ކަންތަކުގެ ނުބައިކަމާއެވެ. ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް ކޯފާވެ ވޮޑިގެންނެވެ. އަދި އެކަލާނގެ ޢަޒާބުގައި ތިޔަބައިމީހުން ދެމިތިބޭނޫއެވެ.

ތިޔަބައިމީހުން ރޮއި ހިތާމަކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން الله ގަންދެއްވަމެވެ. ނިމުމެއް ނުވާ ރުއިމަކުން ތިޔަބައިމީހުން ރޯނެއެވެ. އަދި ވަރަށް މަދުން ނޫނީ ހިނިތުންވެ ނުއުޅޭނެވެ. އެހެނީ، ތިޔަބައިމީހުންގެ ޢަމަލަކީ ވަރަށް ބިރުވެރިކަން ބޮޑު، ލަދުވެތި ޢަމަލެކެވެ. އަދި އޭގެ ކައްފާރާއެއް، ދުވަހަކުވެސް ތިޔަބައިމީހުންނަކަށް އަދައެއް ނުކުރެވޭނެއެވެ. ނަބީކަން ޚަތިމް ކުރެއްވި ސާހިބާގެ ދަރިކަލުން، ރިސާލަތުގެ ޖައުހަރު، ސުވަރުގޭގެ ޒުވާނުންގެ ސާޙިބާ، އަދި ރަސޫލާގެ ސުންނަތް ދިރުވާ އާލާކުރި ތިޔަބައިމީހުންގެ ސާހިބާ، ޝަހީދުކޮށްލުމުގެ ކުށުން ތިޔަބައިމީހުން ދޮވެ ސާފުވާނީ ކިހިނެއް ހެއްޔެވެ؟

ތިޔަބައިމީހުން ކުރީ ކޮންފަދަ ބިރުވެރި ފާފައެއް ހެއްޔެވެ؟ އަހުރެން ވަނީ ތިޔަބައިމީހުންނާއި ދުރުވެގެންނެވެ. ތިޔަބައިމީހުންނަކަށް މަޢާފެއް ނޯންނާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މަސައްކަތް ނާކާމިޔާބުވެއްޖެއެވެ. އަދި ތިޔަބައިމީހުންގެ އަތްތައް ހަލާކުވެއްޖެއެވެ. ތިޔަބައިމީހުންގެ މުޢާމަލާތް ބޭކާރުވެއްޖެއެވެ. ތިޔަބައިމީހުން ވަނީ، ތިޔަބައިމީހުންގެ ނަފުސުތައް، الله ގެ ކޯފާ ޙައްޤުވާ ބަޔަކަށް ހަދައިފައެވެ. ތިޔަބައިމީހުންގެ މައްޗަށް ދެރަކަމާއި ނިކަމެތިކަން ހުއްޓެވެ.

ތިޔަބައިމީހުންނަށް ހަލާކު ހުއްޓެވެ! ތިޔަބައިމީހުން الله ގެ ރަސޫލާގެ މޭފުޅު އިރާލި ގޮތް ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ ތިޔަބައިމީހުން ކަޝްފުކޮށް ހާމަކުރީ، އެކަލޭގެފާނުގެ އަންހެން ދަރިދަރި ކަނބަލުންގެ ތެރެއިން ކޮންބައެއްގެ ހެއްޔެވެ؟ ތިޔަބައިމީހުން އޮހޮރުވާލީ، އެކަލޭގެފާނުގެ ކޮން ލޭފޮދެއް ހެއްޔެވެ؟ ތިޔަބައިމީހުން ބަދުނާމުކޮށްލީ އެކަލޭގެފާނުގެ ކޮން ޝަރަފެއް ހެއްޔެވެ؟

ތިޔަބައިމީހުންގެ ޢަމަލަކީ، ހަމަ ޔަޤީނުންވެސް އެހާމެ ނުރައްކާތެރި، ހުތުރު، އަދި މުޑުދާރު ޢަމަލެއް ކަމުން، އޭގެ ފަސާދައިން އުޑާއި ބިން ފުރިގެން ދިޔައެވެ. ލޭގެ ވާރޭ ވެހުމުން، ތިޔަބައިމީހުން ހައިރާންވީ ހެއްޔެވެ؟ ހަމަކަށަވަރުން، އާޚިރަތުގެ ޢަޒާބަކީ އެއަށް ނިމުމެއް ނުވާ، ބޮޑު ނިކަމެތިކަމެއް ގެނުވާނެ ޢަޒާބެކެވެ. އަދި ތިޔަބައިމީހުންނަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ހުއްޓެވެ. ހަމަކަށަވަރުން ހުރިހާ ކަމެއް ﷲ މޮޅަށް ބައްލަވައި ވޮޑިގެންވެއެވެ.“

ދެން އެކަމަނާ ތިރީގައިވާ ބައިތުތައް ވިދާޅުވިއެވެ. އޭ ކޫފާގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ކުރި ކަންތަކާ މެދު، ކީރިތި ރަސޫލާ صلّي الله عليه وسلّم ސުވާލު ކުރެއްވުމުން، އެވަގުތު ތިޔަބައިމީހުން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ”ތިޔަބައިމީހުންނަކީ އެންމެ ފަހުގެ އުއްމަތެވެ. އަހުރެންގެ އަހުލު ޢިޔާލުންނާއި، އަދި އަހުރެންގެ ޙުރުމަތާ މެދު، ތިޔަބައިމީހުން މިފަދައިން ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން، އޭގެތެރެއިން އެއްބަޔަކު އަސީރުކޮށް، އަނެއް ބަޔަކު ލެއިން ފެންވެރުވީ ކީއްވެގެން ހެއްޔެވެ؟“

އަހުރެންގެ އަހުލުބައިތުންނާ މެދު، ކަލޭމެން މިގޮތަށް ކަންތައް ކުރުން އެއީ، އަހުރެންގެ ރަސޫލުކަމުގެ ރިސާލަތުގެ އަގު ހެއްޔެވެ؟

ޢާދުބާގައިގެ މީހުންގެ މައްޗަށް ބާވައިލެއްވި ފަދަ ޢަޒާބެއްގެ ޙައްޤުވެރިންނަށް ތިޔަބައިމީހުން ވެދާނެތީ، ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުވެތިވަމެވެ.“

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *