ގެއްލިފައިވާ އިޓަލީގެ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރު ސްޓާފް ސާޖެންޓް، މުޙައްމަދު މަހުދީ ނިޔާވުމަކީ ލިބިވަޑައިގެންނެވި ފުންހިތާމައެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ މިއީ އެމަނިކުފާނަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަށެވެ.
”މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް. މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވަން،“ ރައީސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މުޙައްމަދު މަހުދީ ނިޔާވެފައިވަނީ ޑިއުޓީގައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެގެން ކަމަށެވެ. ”އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.





