ދިވެހިރާއްޖެއަކީ މުއްސަނދި ސަގާފަތަކާއި އާދަކާދަތަކެއްގެ ވެރި ޤައުމެކެވެ. މީގެ ތެރެއިން ދިވެހީންގެ ސަގާފީ ގިނަ ކުޅިވަރުތަކާއި ހަރަކާތްތައް ފެނިގެން ދަނީ ދިވެހީން ފާހަގަކުރާ ދެ އީދުގައެވެ. އެއީ ކުޑައީދާއި ބޮޑުއީދެވެ. އިސްލާމް ދީނުގެ މި ދެ އީދަކީ ދިވެހީންގެ އިޖުތިމާއީ ރޫހާއި އުފާވެރިކަން އެންމެ ބޮޑަށް ފެނިގެންދާ ދެ މުނާސަބަތެވެ. އީދު ފޯރީގެ ތެރެއިން ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ”މާލި ނެރުން“ ނުވަތަ މާލި ހެދިގެން ރަށުތެރޭގައި ހިނގާ ހިނގުމެވެ. ތާރީޚީ ގޮތުން ބަލާއިރު މާލިހެދުމަކީ ދިވެހި ވެށީން ލިބެންހުންނަ ތަކެތި ބޭނުންކޮށްގެން އެ މީހަކީ ކާކުކަން ނޭނގޭގޮތަށް ހެދުން އަޅައިގެން އުޅުމެވެ. މާލިނެށުމަކީ މާލިހެދިގެން ނުވަތަ މާލިހެދުން އަޅައިގެން ނަށާ ނެށުމެވެ.
މާއްޔަކީ ކޮބާ؟
ދިވެހި ބަހުގައިފުރޭތައަށް ވެސް މާލި ކިޔައެވެ. ފުރޭތައަކީ ޖިންނީގެ ތެރޭގައި އުޅޭ ވަރަށް ބިޔަ، ބާރުގަދަ އަދި ނުލަފާ ސިފަ ހުތުރު އަދި ސިފަ ބަދަލުކުރުމުގެ ބާރު ލިބިގެންވާ އެއްޗެއް ކަމަށް ވެއެވެ. މާއްޔަށް ފުރޭތަ ކިޔަނީ ސިފަ ހުތުރުކަމާއި ސިފަ ބަދަލުކުރާ ކުރުމަށް ނިސްބަތްކޮށް ކަމަށް ގަބޫލުކުރެވެއެވެ.
ދިވެހީންގެ ތެރޭގައި މާލީގެ ސަގާފަތް ގުޅިފައިވަނީ ދިވެހީންގެ އިހުގެ ފޯކުލޯރުތަކާއި ފުލޯކު ވާހަކަތަކާއެވެ. އެހެންކަމުން މިއީ ދިވެހީން އިސްލާމްދީން ގަބޫލުކުރުމުގެ ކުރީގައި ތިބި ބުދު ދީނުގެ އަގީދާގެ ތެރެއިން ދިވެހީންގެ ސަގާފަތުގެ ތެރެއަށް ގަދެފައިވާ ކަންތައްތަކެއް ކަމުގައި ގަބޫލުކުރެވެއެވެ. މިހާރު ވެސް ބުދު ދީނުގެ އީދުތަކުގައި ސިފަހުތުރު ތަފާތު ވައްތަރުތަކުގެ މޫނުމަތި އަޅައިގެން ސިފަ ބަދަލުކޮށްގެން ހިނގާ ހިނގާލުންތަކާއި ނެށުންތައް އޮވެއެވެ. މީގެތެރެއިން ވެސް ޖިންނީންގެ ހެދުންއަޅައިގެން ނުވަތަ ސަގާފީ ޖިންނިޖިންނިއަށް ހެދިގެން ފާހަގަކުރާ އީދެއް ވެސް އޮވެއެވެ. ނޭޕާލްގެ ޓިޖީ ފެސްޓިވަލަކީ މިފަދަ އީދެކެވެ.
މާލީގެ ސަގާފަތަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން ދިވެހީންގެ ތެރޭގައި އޮތް ކަމެކެވެ. އިހުގެ މީހުން ގަބޫލުކުރާ ގޮތުގައި މާލި ހެދުމުގެ އަސްލަކީ ކަނޑުން ނުވަތަ ވަލުން އަރާ ތަފާތު ސޫރަތަކަށް ނުވަތަ ރޫހާނީ ބާރުތަކަށް ނިސްބަތްކޮށް ކުރާ ކަމެކެވެ.
ދުނިޔޭގެ ތާރީޚު
މިހާރު މި ފެންނަގޮތަށް ތަފާތު ވައްތަރުގެ ހެދުން އަޅައިގެން މަގުމަތީގައި ބާއްވާ ހިނގާލުންތަކުގެ ތާރީޚަކީ އެތައް ހާސް އަހަރެއް ވެފައި ކަންތައްތަކެކެވެ. މިއީ އިހުއްސުރެ ދީނީ އަދި އަސްކަރީ ހަރަކާތްތަކުން ފެށިގެން، މިއަދުގެ ކުލަގަދަ އިޖުތިމާއީ އުފާފާޅުކުރުންތަކާ ހަމައަށް ބަދަލުވަމުން އައިސްފައިވާ ސަގާފަތެކެވެ.
އެންމެ ކުރީގައި މިފަދަ ހިނގާލުންތައް ފެށިފައިވަނީ މީލާދީ ސަނަތުގެ ގާތްގަނޑަކަށް 2000 އަހަރު ކުރިން މެސޮޕޮޓޭމިއާގައި ކަމުގައި ބުނެވެއެވެ. އެތަނުގެ ބެބިލޯނިއަނުން ”އަކީތޫ“ ފެސްޓިވަލް ފާހަގަކުރުމުގެ ގޮތުން އެމީހުން އަޅުކަންކުރާ އިލާހުންގެ ބުދުތައް ހިފައިގެން ހިނގާލުންތައް ބޭއްވިބޭއްވުމަކީ މިއަދު މި ފެންނަ ޕެރޭޑުތަކުގެ ފެށުންކަމުގައި ބެލެވެއެވެ. އޭގެފަހުން ރޯމަނުންގެ ޒަމާނުގައި މަގުމަތީގައި މިފަދަ ހަރަކާތްތައް ބޭއްވީ ހަނގުރާމައިގެ ކާމިޔާބީތައް ފާހަގަކުރުމަށެވެ. އެގޮތުން ހަނގުރާމައިގައި އަތުލައިގަންނަ ތަކެއްޗާއި، ސިފައިންނާއި، އަދި ހައްޔަރުކުރެވޭ އަސީރުން ގޮވައިގެން ރަށުތެރޭގައި ރޯމަނުންގެ ޖެނެރަލުން ހިނގާލުންތައް ބާއްވައި، އެމީހުންގެ ކާމިޔާބީ ފާހަގަކުރިއެވެ. މިއީ އަސްކަރީ ޕެރޭޑްތައް ފެށިގެން އައިގޮތެވެ.
މެދުޒަމާނަށް އައިއިރު، ދީނާއި ސަގާފަތާ ގުޅުވައިގެން ޕެރޭޑްތަކާއި ޕްރޮސެޝަންތައް ބާއްވަން ފެށިއެވެ. ކާކުކަން ނޭނގޭގޮތަށް މޫނު ނިވާކޮށްގެން ތަފާތު ފަރުމާތަކުގެ ހެދުން އަޅައިގެން ހިނގާލުންތައް ބާއްވަން ފެށުނީ މިހާހިސާބުގައެވެ. މިއީ ދުނިޔޭގެ ތާރީޚުގައި މިހާރު މި ފެންނަ މާލި ހެދިގެން ހިނގާހިނގުންތަކުގެ ފެށުމެވެ. ބޮޑު މަގުބޫލުކަމެއް މިހާރު ލިބިފައިވާ ފުޅަނދު (ފްލޯޓް) ބުރުތައް ދުނިޔެއަށް ތަޢާރަފުވީ 15 ވަނަ އަދި 16 ވަނަ ގަރުނުގައި ޔޫރަޕުންނެވެ.
ދިވެހިތާރީޚުގައި އެންމެ ފުރަތަމަ ފުޅަނދުބުރެއް ބޭއްވީ 18 ވަނަ ގަރުނުގައެވެ. މިއީ މީލާދުން 1704 އިން 1721 އަށް ރަސްކަން ކުރެއްވި
ދިޔަމިގިލި ބަންޑާރައިން ނުވަތަ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ގެ ރަސްކަމުގައި އެ ރަދުންގެ ދޮށީ ދަރިކަލުން (ފަހުން އިބްރާހީމް ރަސްގެފާނު) އަށް އެއްގަމުގައި ދުއްވާގޮތަށް ގުރާބުތަކެއް ހައްދަވައި ދެއްވައިގެން ބޭއްވެވި އެއްގަމު އަރުމާޒެވެ.
މާލީގެ ވައްތަރުތައް
މާލީގެ ތެރޭގައި ތަފާތު ވައްތަރުގެ އަދި ތަފާތު ނަންނަންކިޔާ މާލިތައް ދިވެހީން ހަދައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް މާއްޔަކީ ބޮޑުމާއްޔެޗެ. ބޮޑުމާއްޔަކީ ބޮޑުމާލި ހެދިގެން އެގޮތަށް ހެދުން އަޅައިގެން ހުންނަ މީހާ އެވެ. ބޮޑު މާއްޔަކީ ކުޑަކުދިން ކިޔަމަންތެރިކުރުމަށް ކިޔާ ލަވައެއްގައި އަންނަ ޚިޔާލީ ފުރޭތައެއްގެ ނަމެކެވެ. ބޮޑުމާލިނެށުމަކީ އުނަގަނޑުން ތިރި ވަށައިގެން އެއްވަރަށް ބޮޑުކޮށް ފުއްޕައިފައި ހުންނަ ރޫބައެއް ލައިގެން ބޮނޑެތިމާ ޖަހައިގެން ފަހާފައި ހުންނަ ހެދުމެއްލައިގެން، ބޮލުގައި ވައްތަރެއްގެ ތާޖެއް އަޅައިގެން ބެރުގައިޖަހާ ލަވަޔާ ހަމަވާގޮތަށް ނެށުމެވެ. ބޮޑުމާލިލަވައަކީ ބޮޑުމާލި ނަށާއިރު ކިޔާ ޚާއްޞަލަވައެކެވެ.
އާންމު ގޮތެއްގައި މާއްޔަށް ނަން ދީފައި ހުންނަނީ އެ މާއްޔެއް ހެދުމުގައި ބޭނުންކުރާ މައިގަނޑު ބާވަތަކަށް ނިސްބަތްކޮށެވެ. މިގޮތުން ދޮންކެޔޮފަތާއި އެކި ވައްތަރުގެ ފަތް ބޭނުންކޮށްގެން ހަށިގަނޑު ނިވާކޮށްގެން ހަދާ މާއްޔަށް ފަތްމާލި ކިޔައެވެ. ގޯނި ބޭނުންކޮށްގެން ހަދާ މާއްޔަށް ކިޔަނީ ގޯނި މާއްޔެވެ. ބޮނބި ބޭނުންކޮށްގެ ހަދަނީ ބޮނބިމާއްޔެވެ. ފަން ބޭނުން ކޮށްގެން ހަދަނީ ފަން މާއްޔެވެ. ދެލި ބޭނުންކޮށްގެން (ދެލި ފުނޑާފައި މުޅި ގައިގައި ކަޅު ދެލި އުނގުޅައިގެން) ހަދާ މާއްޔަށް ކިޔަނީ ދެލިމާއްޔެވެ.
މާލީގެ ތެރެއިން ފޯމާއްޔަކީ ކާކުކަން ނޭނގޭ ގޮތަށް ފަނުން ނުވަތަ ހުއިން ނުވަތަ ފޮތިން މުޅި ހަށިގަނޑު ނިވާކޮށްގެން ކުޅެ އުޅުނު ކުޅިވަރެކެވެ. ފޯމާލިނެށުމަކީ ފޯމާލި ކުޅުމުގައި ނަށާ ތަފާތު ވައްތަރުގެ ނެށުމެކެވެ.
މާލީގެ ތެރެއިން ކަދާމާއްޔަކީ ކުޅުދުއްފުށީގައި ”ދަމުހިނގުމޭ“ ކިޔާ ކުޅިވަރުގައި ބައިވެރިވާނަށާ މީހުންނެވެ. މި މީހުންތިބޭނީ ”މާލިހެދުމޭ“ ކިޔާ ހެދުންއަޅާފައެވެ. މިއިން ކޮންމެ މާއްޔެއްގެ އަތުގައި ކަދާމައްޗަކާއި ލޯ ތަށްޓަކާ އޮންނާނެއެވެ. އެމީހުން ނަށާއިރު އެތަށީން މަތިގަނޑުގައި ލަވަހަމަކޮށް ޖަހާނެއެވެ. މާލިތައް ތިބޭނީ ފޭލިއަނދެފައި ކަކުލު ހުޅާހަމަޔަށް ހުންނަވަރުގެ އަތްދިގު ހުދުލިބާހެއްލައިފައި އުނަގަނޑުމަތީ ތެޔޮރުމާލެއް ބަނދެލާފައެވެ. ކުޅުދުއްފުށީ ކުޅިން ނަގާ މަށި ގައިގައި އުގުޅައިގެން ހަދާ މާއްޔަކީ މަށިމާއްޔެވެ.
ދިވެހީންގެ ތެރޭގައި ސަގާފީ ކުޅިވަރެއްގެ ގޮތުގައި މާލިހެދެނީ މަޖާކަމެއްގެ ގޮތުގައެވެ. ކުޑަކުދީންނާއި ބައެއް ބޮޑެތި މީހުން ވެސް މާލިދެކެ ބިރުން އުޅުމަކީ މީގެ އެއް ސަބަބެވެ. އަދި މާއްޔަކަށް ހެދިގެން އުޅޭ މީހަކީ ކާކުކަން އެ މާލީގެ ނެށުމާއި ހަރަކާތްތަކުން ހޯދަން އުޅުމަކީ އެއް ބަޔަކަށް މަޖާކަމަކަށްވެއެވެ. ކުރީ ޒަމާނުއްސުރެ ކުރަމުން އަންނަކަމަކަށް ވާތީ މިފަދަ ކަންކަން ދިރުވައި އާލާކުރުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ދިވެހިވަންތަކަން ދެމެހެއްޓުމަށް ޓަކައި ކުރެވޭ މުހިންމު ކަމެކެވެ. އަދި ދީނާ ޚިލާފުނުވާގޮތަށް ދިވެހީންގެ މަސައްކަތްތެރިކަމާއި ދިވެހިވަންތަކަން ފެންނަގޮތަށް މާލި ހެދުމަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވާނެ އުފާވެރި ވަގުތުކޮޅަކަށް ވެދާނެއެވެ. އެހެން ނަމަވެސް އެހެން ދީނެއްގެ ޝިޢާރެއް ފާޅުވާގޮތަށް ނުވަތަ އެހެން ދީނެއްގެ ސަގާފަތް ދައްކުވައިދެވޭގޮތަށް މާލި ހެދުމަކީ ހުއްދަކަމަކަށް ނުވާނެއެވެ. ވަކިން ޚާއްޞަކޮށް އެހެން ދީންތަކުގެ މީހުން އެ މީހުންގެ ދީނީ ފެސްޓިވަލްތަކުގައި އެ ދީންތަކުގެ ރަމުޒުތަކުގެ ގޮތުގައި ބޭނުންކުރާ ތަފާތު ވައްތަރުވައްތަރުގެ މޫނުގަނޑުތައް ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެކަމެއް ނޫނެވެ. އަދި މާލި ހެދުމުގެ ނަމުގައި އެކަކުއަނެކަކަށް މަލާމާތާއި ފުރައްސާރަކުރުމަކީ ދިވެހީންގެ ސަގާފަތުގައި އޮތް ކަމެއް ނޫނެވެ. އަދި ބަދުއަޚުލާޤީ ބަސްތަކާއި މަންޒަރު ދައްކުވައިދޭގޮތަށް މާލި ނެރުމަކީ ދިވެހި ކާބަފައިން ކޮށްއުޅުނު ކަމެއް ވެސް ނޫނެވެ.
ފޮޓޯތައް: މީސްމީޑިއާ. ކުރެޑިޓް ހައްގުވެރިފަރާތަށް.






