ލޫޓުމާރީންގެ ދާރުލްއާސާރުތައް!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 27, 2026

އިނގިރޭސި ދާރުލްއާސާރުގައި، 200 އަށްވުރެ ގިނަ ޤައުމުގެ، ގާތްގަނޑަކަށް 8 މިލިއަން އާސާރީ ތަކެތި އެބަހުއްޓެވެ. އޭގެ ތެރޭގައި ގިނައީ ވަގަށް ނަގާފައިވާ ތަކެއްޗެވެ. އެއީ، ގަނެފައިވާ އެއްޗިއްސެއް ނޫނެވެ.

ކުރީގެ ބެނިން މިހާރުގެ ނައިޖީރިއާއިން ”ބެނިން ބްރޯންޒް“ އޭ ކިޔޭ، އެތައް ހާސް އާސާރީ ތަކެއްޗެއް އިނގިރޭސިން ފޭރިގަތެވެ. 1897 ވަނަ އަހަރު، އިނގިރޭސި ސިފައިން އެ ރަސްކަން އަންދާލިއިރު، އެތަނުގައި ހުރި ޝާހީ ޚަޒާނާގެ ތެރެއިން 900 އަށް ވުރެ ގިނަ އައިޓަމް، މިހާރު އިނގިރޭސި އެންމެ ދާރުލްއާސާރެއްގައި އެބަހުއްޓެވެ.

އިނގިރޭސި ދާރުލްއާސާރުގައި ޢިރާޤުގެ 164،000 އަށް ވުރެ ގިނަ އާސާރީ ތަކެތި ހުރި ކަމަށް ލަފާކުރެވެއެވެ. އަދި، ޢިރާޤުގެ އާސާރީ ތަކެތި އެންމެ ގިނައިން ވަގަށް ނަގާފައިވަނީވެސް އިނގިރޭސިންނެވެ. ޢިރާޤުން ނަގާފާއިވާ ތަކެތީގެ ތެރޭގައި، އާޝޫރީންގެ ޤަދީމީ އާސާރުތަކާއި، އޫރު ސަހަރުގެ ޝާހީ ޤަބުރުސްތާނުން ނަގާފައިވާ ޚަޒާނާތައް ހިމެނެއެވެ. ވަކިން ޚާއްޞަކޮށް 2003 ވަނަ އަހަރު ޢިރާޤަށް އަރައިގަނެ، ޢިރާޤުގެ ރަސްމީ ދާރުލްއާސާރު ލޫޓްވާލައިގެން 15،000 އަށް ވުރެ ގިނަ އާސާރީ ތަކެތި ވަގަށް ނަގާފައިވެއެވެ. އޭގެއިތުރުން، މިހާރުގެ ސީރިއާ އާއި ޖޯޑަންގެ ނުވަތަ ބިލާދުއްޝާމުގެ ގިނަ ޢަދަދެއްގެ ޤަދީމީ ފަންނީ އާސާރުތައްވެސް، އިނގިރޭސި ދާރުލްއާސާރުގައި އެބަހުއްޓެވެ. ނަމަވެސް، އެ ތަކެތީގެ ސާފު ޢަދަދުތަކެއް ހާމަކޮށްފައި ނުވެއެވެ.

ޔޫނާނުގެ ޕާރތިނޯންގެ ސަލާމަތުން ހުރި މުޖައްސަމާތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހުރީ އިނގިރޭސި ދާރުލްއާސާރުގައެވެ. މިޞްރުގެ ރޮސެއްޓާ ހިލައާއި، ޤަދީމީ މަމީތަކާއި، ފިރުޢައުނުގެ ޚަޒާނާގެ 1000 ވުރެ ގިނަ އައިޓަމް އިނގިރޭސިން ވަގަށް ނަގާފައިވެއެވެ. އިންޑިއާއިން އަގުބޮޑު ގަހަނާއާއި، ޖަވާހިރާއި، ތަޚުތުތަކާއި، އަދި ފައްޅިތަކުގެ ބުދުތައް ފޭރިގެންފައި ވެއެވެ. އަދި، އޭގެއިތުރުން، މަޝްހޫރު ކޯހީ ނޫރު އަލިމަސް ވަގަށް ނަގައި، އެ އަލިމަސް އިނގިރޭސި ޝާހީ ތާޖުގައި ވަނީ ހަރުކޮށްފައެވެ. ޙަބުޝްކަރައިން ފޭރުނު ސާމާނުތަކުގެ ގިނަކަމުން، އެތަކެތި އުފުލުމަށް ނީލަގެރިއެތާއި، އަހާއި، ހިމާރު ބޭނުން ކޮށްފައިވެއެވެ. ބެނިންގެ ރަސްކަން އިނގިރޭސިން އަންދާލި ދުވަހު، އިނގިރޭސި ސިފައިންގެ ތެރެއިން މަރުވީ އެންމެ 8 ވަރަކަށް މީހުންނެވެ. ބެނިންގައި އުޅުނު މީހުން، އެމީހުންގެ ތެރެއިން މަރުވި މީހުން ޢަދަދު ބަލާފައި ނުވެއެވެ. އެއަށްވުރެ މާގިނަ މީހުން، އަނިޔާވެރި އިނގިރޭސި ސިފައިންގެ އަތްދަށުން އެދުވަހު މަރުވެފައިވެއެވެ.

އަދި، އިނގިރޭސިންގެ ލަދު ޙަޔާތް ކެނޑިފައިވާ މިންވަރީ، އިނގިރޭސިވިލާތުން އެކި ޤައުމުތަކުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް އަނބުރާ ރައްދުކޮށް ދިނުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައި، 1963 ވަނަ އަހަރު ޤާނޫނެއް ފާސްކޮށްފައިވެއެވެ. ޤައުމުތަކުގެ މުދާ ފޭރި، ވަގަށް ނެގުމަކީ ފަތަޙައެވެ. އަދި އެ މުދާ އަނބުރާ ދިނުމަކީ ކުށެކެވެ.

އެފްރިކާގެ ސަޤާފީ ތަރިކައިގެ ގާތްގަނޑަކަށް 90 އިންސައްތަ މިހާރު ހުރީ، އެ ބައްރުން ބޭރުގައެވެ. ހަމައެކަނި ފަރަންސޭސިވިލާތުގައި، 70،000 އަށް ވުރެ ގިނަ، އެފްރިކާގެ ސަޤާފީ ތަރިކާގައި ހިމެނޭ ތަކެތި ހުރިއިރު، އޭގެތެރެއިން ގިނަ ތަކެތި ހުރީ ޕެރިހުގެ އެންމެ ދާރުލްއާސާރެއްގައެވެ. ފަރަންސޭސިންނާއި ދެކޮޅަށް ޖިހާދު ކުރެއްވި ސެނެގާލްގެ އިސްލާމީ ޢާލިމް، އަދި ސޫފީ ޢިސްވާރު އަލް ޙާޖީ ޢުމަރު ސަޢީދުގެ ކަނޑިކޮޅުވެސް ފަރަންސޭސިން ވަގަށް ނަގާފައިވެއެވެ. އަދި މަޑަގަސްކަރައިގެ ރާނީގެ ތާޖުވެސް ފަރަންސޭސިން ފޭރިގެންފައިވެއެވެ.

2021 ވަނަ އަހަރު ފަރަންސޭސިން ވަނީ، އެފްރިކާގެ ޝާހީ ޚަޒާނާތަކުގެ ތެރެއިން 26 ޚަޒާނާއެއް އަނބުރާ ޙަވާލުކޮށްފައެވެ. އަދިވެސް، އެކި ޤައުމުތަކަށް ނިސްބަތްވާ އެތައްހާސް ޚަޒާނާއެއް އެބަހުއްޓެވެ. ފަރަންސޭސި އަނިޔާވެރި ސިފައިން ހަމައެކަނި ގެންދިޔައީ، ކުރެހުމާއި، އާސާރީ ތަކެތި އެކަންޏެއް ނޫނެވެ. ފަރަންސޭސި އިސްތިޢުމާރާ ދެކޮޅަށް ތެދުވި ކޮންމެ ލީޑަރެއްގެ ބޯވެސް ކަނޑާލައިގެން ޕެރިހަށް ގެންދިޔައެވެ. ޕެރިހުގެ މިއުޒިއަމެއްގައި ބަހައްޓާފައި ހުރި ގާތްގަނޑަކަށް 18،000 ކަށްބޮލުގެ ތެރޭގައި، މިދެންނެވި ލީޑަރުންގެ ބޯވެސް ހިމެނެއެވެ. ފަރަންސޭސި އިސްތިޢުމާރުގެ 170 އަހަރު ފަހުން، 2020 ވަނަ އަހަރު 24 ލީޑަރެއްގެ ބޯ، އަނބުރާ ޙަވާލުކޮށްފައިވެއެވެ.

އެހެން ޤައުމުތަކުގެ ޚަޒާނާތައް ލޫޓުވައިލީ، އެ ޚަޒާނާތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ނަމުގައެވެ. އޭރު، އަތުގައި އެއްވެސް އެއްޗެއް ނެތް ދޮން ލުޓޭރުން، މީހުންނަށް ވިސްނައިދެނީ، އެ ޚަޒާނާތަކުގެ ވެރިންނަކީ އެތަކެތި ބެލެހެއްޓުމަށް އެކަށީގެންވާ ލާއިގު ބައެއް ނޫންކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *