ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ މިވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫންކަމަށް ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަނުމުގެ ކުރީން ރާއްޖޭގެ ބައެއް މީޑިއަމްތަކާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ”މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން ހެޔޮ އެދިގެން ގެނައި ސަރުކާރެއް. ނަމަވެސް މި ސަރުކާރަކީ މިވަގުތު ރާއްޖެގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއްނޫން،“
އޭނާ ވިދާޅުވީ އޭނާއަށް ހެޔޮއެދޭ ރައްޓެހީންނާއި، ރަހުމަތްތެރީންނާއި، އެކުވެރީން މިސަރުކާރާ ދެކޮޅަށް މަސައްކަތް ކޮށް 2028 އައުމުގެ ކުރީން ސަރުކާރު ނިންމާލަ ދިނުމަކީ އެދޭ އެދުމެއް ކަމަށެވެ.
”އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑުގެ ގާތް އެކުވެރީން، ރައްޓެހީން އަދި އާއިލާ އަދި އަޅުގަނޑަށް ހެޔޮއެދޭ ކޮންމެ މީހަކު ވެސް މިސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް 2028 ގެ ކުރިން ނިންމައި ދިނުން،“ އޭނާ ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއަކީވެސް ފްރޭމް ކުރުމުގެ ގޮތުން ކޮށްފައިވާ ދަޢުވާތަކެއް ކަމަށެވެ. އެކަމުގައި އިސްކޮށް ތިއްބެވީ ދާޚިލީ ވަޒީރާއި ބަންޑާރާ ނާއިބު ކަމަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތިން ދައުވާއަކީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މިތުން ދައުވާ ސާބިތުވެ ޖުމްލަ 25 އަހަރަށް އޭނާ ޖަލަށްލުމަށް ކޯޓުން މިއަދުވަނީ ހުކުމް ކޮށްފައެވެ.






