އިސްލާމީ އުއްމަތުގެ ޙާލަތު ބަދަލުކޮށްލި ސިޓީތައް!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 29, 2026

ފުރަތަމަ ސިޓީއަކީ އަމީރު މުޢާވިޔަތު رضي الله عنه ޔަޒީދު ބިން މުޢާވިޔާއަށް ވަޞިއްޔަތްކޮށް ލިޔުއްވި ސިޓީފުޅެކެވެ. ދެވަނަ އަދި ތިންވަނަ ސިޓީއަކީ ޔަޒީދު ބިން މުޢާވިޔާ، އޭނާގެ ގަވަރުނަރުންނާއި، ސިފައިންނަށް އަމުރުކޮށް ފޮނުވި ސިޓީއެވެ. އަދި ހަތަރުވަނަ ސިޓީއަކީ އިމާމު ޙުސެއިން رضي الله عنه، ޔަޒީދު ބިން މުޢާވިޔާއަށް ފޮނުއްވި، އެކަލޭގެފާނުގެ އެންމެ ފަހުގެ ސިޓީފުޅެވެ.

އިސްލާމީ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ބާބުކަމަށްވާ ”ކަރުބަލާގެ ހާދިސާގެ“ ނާރެސް ބިނާވެފައިވަނީ މިދެންނެވި ހަތަރު ސިޓީގެ މައްޗަށެވެ. އެ ހަތަރު ސިޓީއަކީ ހިޖުރައިން 60 އާއި، ހިޖުރައިން 61 ދެމެދު ފާއިތުވީ 18 މަސްދުވަހުގެ ތެރޭގައި ލިޔެވުނު، އުއްމަތުގެ ތަޤުދީރު ބަދަލުކޮށްލި ހަތަރު ސިޓީއެވެ.

1. އަމީރު މުޢާވިޔަތު رضي الله عنه، ޔަޒީދު ބިން މުޢާވިޔާއަށް ވަޞިއްޔަތްކޮށް، ހިޖުރައިން 60 ވަނަ އަހަރު ލިޔުއްވި ސިޓީގެ ފަސްމަންޒަރު.

މުޢާވިޔަތު ބިން އަބޫ ސުފްޔާން رضي الله عنه އޮންނެވީ އަވަހާރަވުމުގެ އާލާސްކަންފުޅުގައެވެ. އޭނާގެ ފަހުން، އިމާމު ޙުސެއިން رضي الله عنه އާއި، ޔަޒީދާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފާނެކަމަށް މުޢާވިޔާއަށް ވިސްނި ވަޑައިގަތެވެ. އެހެންކަމުން އަވަހާރަވުމުގެ ކުރިން ޔަޒީދަށް ވަޞިއްޔަތް ކުރައްވައި ސިޓީފުޅެއް ލިޔުއްވިއެވެ.

އެ ސިޓީފުޅުގެ ޚުލާޞާއަށް ބަލާއިރު، އަލްބިދާޔާ ވައްނިހާޔާ އަދި ޠާރިޚުއް ޠަބަރީގައި ބަޔާންކޮށްފައިވެއެވެ.

މުޢާވިޔަތު رضي الله عنه ތިން ބޭކަލެއްގެ މައްޗަށް ބިރުފުޅުގެން ވަޑައިގަތެވެ. އެއީ، އިބުނު އައްޒުބައިރު رضي الله عنه އާއި، އިބުނު ޢުމަރު رضي الله عنه އާއި، އަދި އިމާމު ޙުސައިން رضي الله عنه އެވެ. އޭގެތެރެއިން އިސްވެ ދެންނެވުނު ދެބޭކަލުންނާ މެދު މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރުމަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއިރު، އެންމެ ބޮޑަށް ބާރު އެޅުއްވީ އިމާމު ޙުސެއިން رضي الله عنه ގެ މައްސަލައިގައެވެ.

”فأما الحسين بن علي، فإن أهل العراق لن يدعوه حتى يخرجوه، فإن فعلوا فلا تقتلوه… وإن عفوت عنه كان أكرم لك، وأبقى لذكرك، وأحظى عند ربك“

”ޙުސައިން ބިން ޢަލީއާ ބެހޭގޮތުން ބުނާނަމަ، އިރާޤުގެ ރައްޔިތުން އެކަލޭގެފާނު ދޫކޮށެއް ނުލައްވާނެއެވެ. އެބައިމީހުން އެކަލޭގެފާނު ބޭރުކޮށް ލައްވައިފިނަމަ، ކަލޭ އެކަލޭގެފާނު ޤަތުލުނުކުރާށެވެ. އަދި ކަލޭ، އެކަލޭގެފާނަށް މަޢާފުކޮށްފިނަމަ، އެއީ ކަލެއަށް މާ ޢިއްޒަތްތެރިކަން ބޮޑު، ކަލޭގެ ޒިކުރާ ދެމިގެންދާނޭ، އަދި ކަލޭގެ ވެރިރަސްކަލާނގެ ކުރިފުޅުމަތީގައި މާބޮޑަށް ރުހިވޮޑިގަންނަވާނޭ ކަމެކެވެ. އެކަލޭގެފާނަށް މަޢާފުކުރާށެވެ. އެކަލޭގެފާނު، ކަލެއަށް މާ ދީލަތިވެ ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނަށް މަޢާފުކޮށްފިނަމަ ކަލެއަށް އިޙުތިރާމް ލިބިގެންދާނެއެވެ.““

މުޢާވިޔަތު رضي الله عنه، ނަބިއްޔާ صلّي الله عليه وسلّم ގެ ޙަދީޘް ބަސްފުޅު ޔަޒީދަށް ހަނދާންކޮށް ދެއްވިއެވެ. ”ޙުސައިން ވަނީ އަހުރެންގެ ކިބައިންނެވެ. އަދި އަހުރެން ވަނީ ޙުސެއިންގެ ކިބައިންނެވެ. ޙުސެއިން ދެކެ ލޯބިވާ މީހާ ދެކެ، الله ލޯބިވެ ވޮޑިގަންނަވާނެއެވެ.“

މުޢާވިޔަތު رضي الله عنه ގެ ސިޓީފުޅުން ބައްޕައެއްގެ އޯގާތެރިކަމާއި، ސިޔާސީ އިސްވާރެއްގެ ދުރުވިސްނުމުގެ އަސަރުތައް ފާޅުވެގެންދެއެވެ. ޙުސެއިން رضي الله عنه ގެ ލޭފޮދުގެ ސަބަބުން އިސްލާމީ އުއްމަތުގައި ޤަރުނުތަކެއް ވަންދެން ޝިފާއެއް ނުލިބޭނޭ ބައިބައިވުމެއް އުފެދިގެން ހިނގައިދާނެކަން، މުޢާވިޔަތު رضي الله عنه އަށް އެނގިވަޑައިގަތެވެ. މުޢާވިޔަތު رضي الله عنه ގެ އަމާޒަކީ ”ބާރާއި، އުއްމަތުގެ އެއްބައިވަންތަކަން“ ސަލާމަތް ކުރެއްވުމެވެ.

2. ހިޖުރައިން 60 އާއި 61 ވަނަ އަހަރު މުޙައްރަމު މަހު، ޔަޒީދު ބިން މުޢާވިޔާ، އޭނާގެ ގަވަރުނަރުންނާއި، ސިފައިންނަށް ފޮނުވި ހަރުކަށި އަމުރުގެ ސިޓީތަކުގެ ފަސްމަންޒަރު.

މުޢާވިޔަތު رضي الله عنه އަވަހާރަވިތާ މާގިނަ ދުވަހެއް ނުވެ، ޔަޒީދު ވެރިކަމާއި ޙަވާލުވިއެވެ. ޔަޒީދަށް އެންމެ ބޮޑު ބިރެއް ކުރިމަތިވެފައިވަނީ އިމާމު ޙުސައިން رضي الله عنه އާއި، އިބުނު އައްޒުބެއިރު رضي الله عنه އާއި، އަދި އިބުނު ޢުމަރު رضي الله عنه ގެ ފަރާތްޕުޅުންނެވެ.

ތިރީގައި އެވަނީ މަދީނާގެ ގަވަރުނަރު ވަލީދު ބިން ޢުތުބާއަށް، ޔަޒީދު ލިޔުނު ސިޓީގެ ޚުލާސާއެވެ.

فإذا أتاك كتابي هذا فخذ الحسين بن علي… بالبيعة أخذاً شديداً ليست فيه رخصة، فمن أبى عليك فاضرب عنقه وابعث إلي برأسه“

”އަހުރެންގެ މި ސިޓީ ކަލެއާ ހަމައަށް ފޯރައިފިހިނދު، ޙުސައިން ބިން ޢަލީގެ އަތުން، އެއްވެސް ލުޔެއް ނުދީ ގަދަކަމުން ބައިޢަތު ހޯދާށެވެ. ބައިޢަތު ހިފުމަށް ދެކޮޅު ހަދައިފި މީހެއްގެ ބޯ ބުރިކޮށްފައި، ބޯ އަހުރެންނަށް ފޮނުވާށެވެ.“

ކޫފާގެ ގަވަރުނަރު ޢުބައިދު الله ބިން ޒިޔާދަށް، ޔަޒީދު ފޮނުވި ސިޓީގެ ޚުލާސާއަކީ މިއެވެ.

މައްކާއިން ކޫފާއަށް އިމާމު ޙުސައިން رضي الله عنه ދަތުރުފުޅު ކުރައްވާކަން އެނގުމުން ޔަޒީދު ލިޔެފައިވެއެވެ. ”މަގުތައް ބަންދުކޮށް، ކިއްލާތަކުގައި ގާޑުން ބައިތިއްބައި، ބައިޢަތު ހިފުމަށް ޙުސެއިންއަށް މަޖުބޫރު ކުރާށެވެ. ދެކޮޅު ހަދައިފިނަމަ، އޭނާއާ ހަނގުރާމަ ކުރާށެވެ.“

ޔަޒީދުގެ ސިޓީއަކީ، މުޢާވިޔާ رضي الله عنه ގެ ވަޞިއްޔަތްފުޅަށް މުޅިން އިންކާރު ކުރުމެވެ. މުޢާވިޔަތު ވިދާޅުވެފައި އޮތީ ”فلا تقتلوه“ – އޭނާ ޤަތުލު ނުކުރާށެވެ.“ ޔަޒީދު، އޭނާގެ ގަވަރުނަރުންނަށް ލިޔެފައި އޮތީ ”فاضرب عنقه“ އޭނާގެ ކަރުގައި ޖަހާށެވެ! ޔަޢުނީ ޤަތުލުކުރާށެވެ. ޔަޒީދުގެ އަމާޒަކީ ހަމައެކަނި އޭނާގެ ”ވެރިކަމުގެ ބާރު ގަދަކުރުމެވެ.“ އުއްމަތް އެއްބައިވަންތަ ކުރުމެއް ނޫނެވެ. އޭނާ ނިންމީ އޭނާގެ ދައުލަތުގެ ސިޔާސަތު، އަހުލުބައިތުންގެ ޠޯހިރު ލޭފޮދުން ލިޔުމަށެވެ. އިމާމު ޙުސެއިން رضي الله عنه ވަނީ ޔަޒީދަށް ބައިޢަތު ހިފުމަށް ފާޅުގައި ދެކޮޅު ހައްދަވާފައެވެ.

3. އިމާމު ޙުސައިން رضي الله عنه 09 މުޙައްރަމު 61 ވަނަ އަހަރު ޔަޒީދަށް ފޮނުއްވި އެންމެ ފަހުގެ ސިޓީގެ ފަސްމަންޒަރު.

72 އެކުވެރިންނާއެކު އިމާމު ޙުސެއިން رضي الله عنه އަށް 3 ގޮތެއް އޮތެވެ. އެއީ، ބައިއަތު ހިއްޕެވުން، ހަނގުރާމަ ކުރެއްވުން، ނުވަތަ ސުލްޙައެވެ. އަދި، ހަނގުރާމައިން ސަލާމަތްވެ ވަޑައިގަތުމަށް ޙުސެއިން رضي الله عنه އެންމެ ފަހުގެ މަސައްކަތްޕުޅު ކުރެއްވިއެވެ.

އިމާމު އައްޠަބަރީގެ ތާރީޚުގައި ބަޔާންކޮށްފައިވާ ގޮތުން، ކަރުބަލާއިން ތިން ހުށަހެޅުމެއް، އިމާމު ޙުސެއިން رضي الله عنه ހުށަހެޅުއްވިއެވެ. އަދި ޢުމަރު ބިން ސަޢުދު މެދުވެރިކޮށް ޔަޒީދަށް، އެ ސިޓީފުޅު ފޮނުއްވިއެވެ.

”ތިންކަމެއްގެ ތެރެއިން ގޮތެއް ޚިޔާރުކުރާށެވެ. އަހުރެން އެނބުރި މަދީނާއަށް ދިއުމަށް ދޫކޮށްލާށެވެ. ނުވަތަ އިސްލާމީ އުއްމަތުގެ ސަރަޙައްދީ ރޮނގުން ބޭރަށް ޖިހާދަށް ދާން ދޫކޮށްލާށެވެ. އަދި އިސްލާމީ ދަޢުވަތު ފޯރުކޮށް ދިނުމަށް އަހުރެން ދޫކޮށްލާށެވެ.“

އެ ސިޓީފުޅަކީ އިންޤިލާބީއެއްގެ ސިޓީފުޅެއް ނޫނެވެ. މުޞްލިޙެއްގެ ސިޓީފުޅެކެވެ. އިމާމު ޙުސެއިން رضي الله عنه 3 ފަހަރު ޞުލްޙަ ހުށަހެޅުއްވިއެވެ. އެކަލޭގެފާނުގެ މަޤުޞަދަކީ ”ޚިލާފަތުގެ ތަޚުތެއް“ ނޫނެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ރަނގަޅު ކަންކަމަށް އަމުރުކޮށް، ނުބައި ކަންތައްތައް ނަހީކުރެއްވުމެވެ. އެކަލޭގެފާނު ފާޑުވިދާޅުވީ ޔަޒީދުގެ ސިޔާސަތުތަކަށެވެ. ޔަޒީދަކަށް ނޫނެވެ. އެކަލޭގެފާނުގެ ހުރިހާ ހުށަހެޅުމެއް ބާޠިލު ކުރުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ޤަތުލުވުން، ބޯގުދުކުރުމަށް ވުރެ ރަނގަޅެވެ.“

 

ނޯޓް: މި ހުރިހާ މަޢުލޫމާތެއް ނަގާފައިވަނީ އިމާމް އައްޠަބަރީގެ ”ތާރީޚު އައް ރަސޫލު ވަލްމުލޫކު“ އާއި އިބުނު ކަޘީރުގެ ”އަލްބިދާޔާ ވައް ނިހާޔާ“ އާއި އިބުނު އަޘީރުގެ ”އަލްކާމިލް ފިއް ތާރީޚު“ އިންނެވެ. ތާރީޚީ ރިވާޔަތްތަކުގައި ލަފުޒުތަކުގައި ކުޑަކުޑަ ތަފާތެއް ހުރި ކަމުގައި ވިޔަސް މަފުހޫމް އެއްގޮތެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *