ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ގެރިބަކަރި ޖަނަވާރު ހިމެނޭގޮތަށް މުސްލިމުންނާއި، ޢަރަބިން މެރުމަށާއި، އަދި ޣައްޒާ ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލުމަށް ހިތްވަރުދިން ކަމަށް ބުނާ ސަޙުޔޫނީ ރޫހާނީ އިސްވާރު، އަދި އިސް ރާހިބު އަމޯސް ގޮއިޓާ ބަނޑަށް ވަޅިހަރައި އިއްޔެ މަރާލައިފިއެވެ.
ގޮއިޓާގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ތަޙުޤީޤުތައް ފައްޓާފައެވެ. އަދި، ގޮއިޓާއަށް ވަޅިން ޙަމަލާދީ މަރާލި މައްސަލައިގައި ޝައްކު ކުރެވޭ މީހަކު އިޒުރޭލުގެ ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އެ ޢަމަލު ހިންގި ކަމަށް ޝައްކު ކުރެވޭ މީހަކީ ކުރިން ގޮއިޓާ ކިޔަވައިދިން އޭނާގެ ދަރިވަރެކެވެ. އަދި، އެއީ ޢުމުރުން 20 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ، ވަޅިން ހަމަލާދިނުމަށް ފަހު، އެތަނުން ފިލައިގެން ދާން މަސައްކަތް ކުރަނިކޮށެވެ.






