މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމެޓީއާއި، ޕޮލިސް މެޑިކަލް ސާވިސަސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިއީ “ވޯލްޑް ޑޮނޭޝަން ޑޭ” ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ މަގުސަދަކީ މުޖުތަމައުގައި ލޭ ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޚާއްސަ ގޮތެއްގައި ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ފުލުހުންގެ މަގުސަދެކެވެ. އަދި މީގެ ފުލުހުންގެ މެދުގައި އިޖުތިމާއި ރޫހު އާލާވެގެންދިއުމަކީ ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖް ހިޔާގައި މިއަދު އެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.






