ދެހާސް ސައުވީސް ވަނަ އަހަރު ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގދ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންއިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މި އިންތިޚާބާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ”ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޝަކުވާ / މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. މިގޮތުން ފޯމު އީމެއިލް ކުރައްވާނީ އެ ކޮމިޝަނުގެ ރަސްމީ އީމެއިލަށެވެ.
ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅޭނޭ ކަމަށް ވެސް އިލެކްޝަނުން ވިދާޅުވެފައިވެއެވެ. އިލެކްޝަންސް ކޮމިޝަނަށް، ”ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު“ އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.






