ނޮވެމްބަރު ފަނަރައިން ފެށިގެން ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ކުރަން ޖެހޭކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ( 15 ނޮވެމްބަރ 2024 އިން ފެށިގެން“ މަނާ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭ ކަމަށެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުން ވެސް މާދަމާއިން ފެށިގެން މަނާކުރުމަށް އަންގަވާފައި ވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އެތަކެތި ”ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން،“ ރައީސް ވިދާޅުވެފައިވެއެވެ.
ވޭޕް ކުރުމަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. އާންމުވެގެން ގޮސް މިތަކެތިވަނީ ރާއްޖޭގެ ސްކޫލްތަކަށް ވެސް ވަދެފައެވެ. ސްކޫލް ކުދީން އެތަކެތި ސިއްރުން ސްކޫލަށް ވައްދައި ބޭނުން ކުރަމުންދެއެވެ.






