ނޮވެމްބަރު ފަނަރައިން ފެށިގެން ރާއްޖޭގައި ވޭޕް މަނާކުރުމަށް ކަމާ ބެހޭފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުން އެކަމަށް އެޓަރނީޖެނެރަލް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެޓަރނީޖެނެރަލް އަހުމްދު އުޝާން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން،“ ކަމަށެވެ.
އެމަނިކުފާނުގެ އެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.
”އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި،“ އޭޖީގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް މިއަދު ވިދާޅުވެފައިވަނީ ”ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން،“ ކަމަށެވެ. ރައީސްގެ މިނިންމެވުމަށް ވަރަށްގިނަ މީހުން ގެންދަވަނީ ތައުރީފް ކުރައްވަމުންނެވެ.
ވޭޕްގެ އިތުރުން ރާއްޖޭގައި ސިގިރެޓާއި ދުންފަތުގެ އެހެން ބާވަތްތައް މަނާކުރައްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ.






