އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލް އަވަސްކުރަން ގޮވާލި މައްސަލަ މަޖިލީހަށް ހުށަހެއްނޭޅުނު

އަހުމަދު މުހައްމަދު
އޮކްޓޯބަރ 21, 2024

ނަސްލުނައްތާލުމަށް އަމާޒުކޮށްގެން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލްގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި މަޖިލިސް ތަޅުމަށް ހުށަހެޅުމުގެ ފުރުސަތު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ނުދެއްވިއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ގޮތުން ”ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު“ އަށް އިސްލާހު ގެންނަން މަޖިލީހަށް ބިލް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުން އެ ބިލް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަދުވަހު ބޭއްވި ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ގޮތަށް އެ ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބިލް ފޮނުއްވިއެވެ.

ނަމަވެސް އޭގެ ފަހުން ބިލްގެ މަސައްކަތް ކުރިއަށްނުގެންގޮސް ކޮމިޓީގައި ވަނީ ޕާކު ކޮށްފައެވެ. އޭގެ ފަހުން ކޮމިޓީއަށް ފޮނުވި ކިތަންމެ ބިލެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ.

އެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ ސަބަބު އޮޅުން ފިލުވުމަށް މިދިޔަ އޯގަސްޓް މަހުވެސް ބިލް ހުށަހެޅުއްވި މެންބަރު މަޖިލިސް ރައީސްގެ ކިބައިން އެދިވަޑއިގެންނެވިއެވެ. ނަމަވެސް އެ މެންބަރު ފޮނުއްވި ސިޓީއަށް މަޖިލިސް ރައީސް ޖަވާބު ދެއްވައިފައެއްނުވެއެވެ.

އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދުގައިބުނާ ކުއްލި މައްސަލައިގައި ހަމަވާންޖެހޭ ޝަރުތުތައް ކުއްލި އެ މައްސަލައިގައި ހަމަނުވާ ކަމަށެވެ. އެހެންކަމުން ކުއްލި އެ މައްސަލަ މަޖިލިސް އަށް ހުށަހެޅުމުގެ ފުރުސަތު ނުދެއްވީ ކަމަށްވެސް ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގެ މި ކުއްލި މައްސަލަގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިސްނެންގެވުމާއެކު އެ ބިލްގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ވަނީ ގޮވާލައިފައެވެ.

އެ ބިލު އެހެން އޮއްވައި، ގާނޫނުތަކަށް އިސްލާހު ގެނެސްގެން، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެކަން 2، ޖޫން 2024، ގައި ސަރުކާރުން އިއުލާން ކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތް އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ބިލް ކުރިއަށް ނުގެންގޮސް ޕާކްކޮށްފައި ބާއްވާފައި އޮންނަތާ ހަތަރު މަސް ފަހުން، އެ ބިލް އަވަސްކުރަން މަޖިލިސް ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީން މިދިޔަ ބުދަދުވަހު ގޮވާލިއެވެ.

އެދުވަހު ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ ޖޫން މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ ތާއީދު ކުރާ ކަމެއް ކަމަށެވެ.

މި ލިޔުމާ ގުޅޭ