އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅުން ބައްދަލުވުމެއްގައި/ފޮޓޯ އެމްޑީޕީ

އީސީއާއި އޭސީސީ ރައީސްގެ ބާރުގެ ދަށަށް ގެނައުމަށްކުރާ މަސައްކަތް ހުއްޓާލާ: އެމްޑީޕީ

މުހައްމަދު އަލީ
އޮކްޓޯބަރ 28, 2024

އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެޕާޓީން ނެރުނު ބަޔާނެއްގައި މިކަމަށް ގޮވާލާފައިވަނީ މި ދެ މުއައްސާސާއަށް ރައީސާއި ނާއބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ނިންމުމާގުޅިގެންނެވެ. ”އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް އެ ކޮމިޝަންތަކުގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކުރަމެވެ.“ ބަޔާނުގައި ބުނެފައިވެއެވެ.

އީސީއަކީ ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ މިނިވަން މުއައްސަސާއެކެވެ. އޭސީސީއަކީ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމުގެ ޒިންމާ އޮތް މިނިވަން މުއައްސަސާއެކެވެ. އެހެންކަމުން އެ ދެ މުއައްސަސާ ވާންޖެހޭނީ ވަކި ކޮޅަކަށް ނުޖެހި މިނިވަންކަމާ އެކު މަސައްކަތް ކުރާ މުސްތަގިއްލު ކޮމިޝަންތަކަށް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެއީ އެ ކޮމިޝަންތަކުގެ އަސާސީ ސިފަ ކަމަށްވެސް ވަނީ ބުނެފައެވެ. ’އެ ސިފަ ގެއްލުވާލައި ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ކޮމިޝަންތައް ލުމަށް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ބާރު ކަނޑުވާލައި ކޮމިޝަންތަކުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ އަތް ބޭނުމަށެވެ.“ އެބަޔާނުގައި ބުނެފައިވެއެވެ.

މި ދެ މުއައްސަސާގެ ރައީސުންނާއި ނާއިބުންނަކީ އެ ކޮމިޝަންތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބޭފުޅުންނެވެ. ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން އެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެވޭ ގޮތަށް އޮތް މާއްދާތައް ބަދަލުކުރަނީ ސަރުކާރުން އެ ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގާލައި ސިޔާސީ ނުފޫޒު ފޯރުވުމަށް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

”ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މުޅި ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް އެމްޑީޕީން ގޮވާލަމެވެ.“

މި ލިޔުމާ ގުޅޭ