އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހުގެނައުމަށް މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި މި ބިލްގައި ބަޔާންކޮށްފައިވަނީ، މި އިސްލާހު ގެނައުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި، އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުން ކަމަށެވެ.
ގާނޫނުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އެ ދެ ކޮމިޝަނަށްވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް، އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ކޮމިޝަންގެ ރައީސް، މަގާމުން އިސްތިއުފާދިނުމަށްޓަކައި އެކަން ބަޔާންކޮށް ސިޓީއަކުން ކޮމިޝަނަށް ހުށަހެޅުމުން އެމީހަކު މަގާމުން ވަކިވީ ކަމަށެވެ. ނަމަވެސް ނާއިބު ރައީސްކަމުން އިސްތިއުފާދޭން ހުށަހަޅަންޖެހޭނީ ކޮމިޝަންގެ ރައީސަށް ކަމަށްވެސް ބުނެފައިވެއެވެ.
އޭސީސީގެ ގާނޫނުގެ ހަތްވަނަ މާއްދާއަށް މި ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި ނާއިބުރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންވާނެ ކަމަށެވެ.
ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް، ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަންގެ ރައީސްކަމުގެ މަގާމުން، ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެމީހަކު ވަކިވީ ކަމަށެވެ.
އޭސީސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް މަސްއޫލިއްޔަތު އަދާކުރަމުން ނުދާކަމަށް ކޮމިޝަންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ އެބޭފުޅުން މަގާމުން އިސްތިއުފާދޭންވާނެ ކަމަށެވެ. އަދި (ރ)ގައި ބުނަނީ އެގޮތަށް އިސްތިއުފާދިން ނަމަވެސް ކޮމިޝަންގެ މެންބަރުކަމުން ވަކިނުވާނެ ކަމަށެވެ.
ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ނުވަތަ ނާއިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހުސްވި މަގާމަށް މީހަކު ކޮމިޝަނުން އައްޔަންކުރަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް 10 ވަނަ މާއްދާގެ (ނ) (ރ) އާއި 11 ވަނަ މާއްދާގެ (ރ) އުނިކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.






