މުއައްސަސާތަކަށް ރައީސުންނާއި ނާއިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުމަކީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް ކަމަށް އެޗުއާރުސީއެމްގެ މެންބަރު އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.
ކުރީން އީސީގެ ނާއިބު ރައީސްކަން ކުރައްވާފައިވާ އިސްމާޢީލް ހަބީބު މިހެން ވިދާޅުވީ އީސީއާއި އޭސީސީގެ ރައީސުންނާއި ނާއިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުމަށް މަޖިލީހުން ގާނޫނަށް ބަދަލުގެނެވުމުން އެކަމާ ބައެއް ފަރާތްތަކުން ފާޑުވިދާޅުވަމުން ގެންދަވަނިކޮށްނެވެ. ”އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް،“ އޭނާ އެކްސްގައި ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ މި ނިންމެވުން ދިފާއު ކުރައްވައި އޭނާ ކުރައްވާފައިވާ ޕޯޓުގައި ވިދާޅުވެފައިވަނީ ”އީސީ، އޭސީސީގެ ރައީސާއި ނާއިބު ރައީސް، ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެއްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް،“ ކަމަށެވެ.






