އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު މުރާޖައަ ކުރުމަށްފަހު އަލުން ހުށަހެޅުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން އެގޮތަށް ގޮވައިލެއްވީ މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ގާނޫނާ ޚިލާފަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސް އިއުތިރާފުވެ ވަޑައިގެންފައިވާ ކަމަށް ބުނެއެވެ. ”ލާމަރުކަޒީ ގާނޫނާ ޚިލާފަށް ހުޅަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިއްޔެ ވަނީ އިއުތިރާފުވެފައެވެ. އެހެންކަމުން 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މުރާޖާކޮށް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ގާނޫނުން ލާޒިމުކުރާ ހަގީގީ އަދަދު ހިމަނައި އަލުން ބަޖެޓް ހުށަހެޅުމަށް ސަރުކާރަށް ގޮވާލަމެވެ.“
ނޫސްބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ވަރަށް މުހިންމު ގާނޫނެއް ކަމަށެވެ. ”2008 ވަނަ އަހަރު ތަސްދީގުކުރި ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަސާސީ ސިފައެއް ކަމުގައި ކަނޑައަޅައި ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެކެވެ،“
އެމްޑީޕީ ސަރުކާރުގައި ގެނެސްފައިވާ އިސްލާހު ތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔަކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން ދައުލަތުން އެ އަހަރަކަށް ކަނޑައަޅާ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށް ޤާނޫނުގައި ކަނޑައެޅި ކަމަށް ވެސް ބުނެފައިވެއެވެ.
”އިސްލާހުތަކަށްފަހު އެމް.ޑީ.ޕީ ގެ ސަރުކާރުން ހުށަހެޅި ކޮންމެ ބަޖެޓެއްގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ވަނީ ހިމަނާފައެވެ. އެގޮތުން 2021 ވަނަ އަހަރު 1.3 ބިލިއަން ރުފިޔާ، 2022 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ، 2023 ވަނަ އަހަރު 1.8 ރުފިޔާ ހިމަނައި އެ އަދަދަށް ފައިސާ ދޫކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު 2.2 ބިލައަން ރުފިޔާ ކައުންސިލްތަކަށް ޚާއްސަކޮށްފައިވާކަން ބަޖެޓް ފޮތްތަކުން ފެންނާން އެބައޮތެވެ.“
އެހެނަސް ނިމިދިޔަ އަހަރު ޕީއެންސީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި ބަޖެޓްގައި ދައުލަތުގެ އާމްދަނީ އެހެން އަހަރުތަކަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކޮށްފައިވީ ނަމަވެސް ކައުންސިލްތަކަށް ޚާއްސަކޮށް ހުށައަޅާފައިވަނީ 1.4 ބިލިއަން ރުފިޔާ ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގައި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނާ އަދަދު އޮޅުވާލައިގެން ގަސްތުގައި ކައުންސިލްތައް މާލީ ގޮތުން ބަލިކަށިކޮށްލުމަށް ހިންގާފައިވާ އަމަލެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ޕީއެންސީ ސަރުކާރުން މި އަހަރު ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަދަލުތަކާއެކު ވީ އެންމެ އަވަހަކަށް ރައްޔިތުން މަޖިލީހަށް އަލުން ހުށަހެޅުމަށް ވެސް އެމްޑީޕީން ގޮވާލައިފައިވެއެވެ.






