ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށްޓަކައި ބޭނުންވާ ގިނަހަތިޔާރާއި އާލާތްތައް އަންނަ އަހަރު ހޯއްދަވައިދެއްވޭކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަމަށް ޔަގީންކަން ދެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމާއި، ސަލާމަތް ކުރުމަށް ޢަސްކަރީ ބާރު ވަރުގަދަކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރުން ސިފައިންގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އެ އިދާރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މީހުން ތަމްރީނުކުރުމަށް ޤައުމީ ފެންވަރުގެ ޚާއްޞަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަމުގެ ތަފްޞީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުގެ ”ނިއު ޕޮލިސީ އިނީޝިއޭޓިވް“ގެ ތެރެއިން ގިރިފުށިން ހިއްކެން އޮތް 13 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށާއި ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހެހުމަށާއި އެރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް މިއަންނަ އަހަރުތެރޭގައި ފަށްޓަވާނެކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރުވެސް ހަރުދަނާކުރަން ޖެހޭކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާއެކީ ބައެއް މަސައްކަތްތައް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ހަތިޔާރާ ބައެއް އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޒަމާނީ ފެންވަރަށް ޢަސްކަރީ ޚިދުމަތް ގެންދިއުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާކަން މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ. ކްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އެއާކޯ ޤާއިމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫ.އޭ.ވީތައް ގެންނަވައި، ޤައުމުގެ އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެފަދަ ޤާބިލުކަން ސިފައިންގެ ކިބައިގައި ޤާއިމުކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި މިއަދު ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޯސްޓްގާޑް ޑަބަލްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ދެ ގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައިކަމަށާއި ކަނޑުއޮށްގިރި ވެސް މިހާރުވަނީ ކޯސްޓްގާޑާ ހާވާލުކުރެވިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ އެއާއެކީގައި ކުރިއަށްއޮތްތާނގައި މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމުގައި ވެސް ވިދާޅުވިއެވެ.






