ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލުހުރި ގޮތް ބެލުމަށް، ރައްޔިތުންގެ އާއްމު ވޯޓަކަށް ދިޔުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ރޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން ނިންމަވާފައިވާ ކަމަށެވެ.
އެއީ ރިޔާސީ އިންތިހާބުގައި ދެ ވަނަ ބުރާ ހަމައަށް ނުގޮސް، ފުރަތަމަ ބުރުން ވެރިއަކު ކަނޑައެޅުމެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމަށް އެންމެ ރަނގަޅުގޮތަކީ އެއީކަމަށްވާނަމަ ދެން އަންނަ ރިޔާސީ އިންތިހާބު ބާއްވާނީ އެގޮތަށް ކަމަށެވެ. މިއީ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތްކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން މިހާރު އަމަލު ކުރަމު އަންނަ ދެ ކަމެއް ބަދަލު ކުރެއްވުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ނިންމަވާފައވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ދުވަހެއްގެ ގޮތުގައި 17 ނޮވެމްބަރު އިން 11 ނޮވެމްބަރަށް ބަދަލު ކުރުމެވެ.
ރައީސް ވިދާޅުވިގޮތުގައި ސިޔާސީ އޮއިވަރެއްގައި ޖެހިގެން ޖުމްހޫރީ ދުވަސް ވެސް ހަފުތާއެއް ކައްސާލާފައިވާ ކަމަށެވެ. އެ މަނިކުފާނު އެކަން ފާހަގަ ކުރެއްވީ ޖުމްހޫރީ ދުވަހާއި އާ ރައީސް ހުވާ ކުރައްވާ ދުވަސް ދެ ދުވަހަކަށްވުމުންނެވެ.
މީގެ ކުރިން ރައީސް ހުވާކުރައްވަމުން އައީ ޖުމްހޫރީ ދުވަހު އެވެ. ނަމަވެސް، 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބު އަލުން ބާއްވަން ޖެހުމާގުޅިގެން، އެ އިންތިހާބު ކާމިޔާބުކުރެއްވި އަބްދުﷲ ޔާމީންއަށް ހުވާ ކުރެއްވުނީ ހަފުތާއެއް ފަހުން، 17 ނޮވެމްބަރުގައެވެ.
އެމަނިކުފާނު ބަދަލުކުރަންވަން ދެން ބޭނުންފުޅުވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމެވެ.
ރައީސް މުއްއްޒު ވިދާޅުވިގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދޭތެރޭ އާއްމުގޮތެއްގައި ހޭދަވަނީ ދެތިން މަސް ދުވަހެވެ. އަދި ދެ އިންތިހާބަށް ވެސް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ހަރަދު ކުރަން ޖެހޭ ކަމަށާއި، ރާއްޖެއަކީ ކުޑަ، އާބާދީ މަދު ގައުމަކަށް ވާއިރު މިއީ އެންމެ އެދެވޭ ގޮތަކަށް ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަމާ ގުޅޭގޮތުން ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދާން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.






