އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ހުށަހެޅި ބިލް ފެބްރުއަރީގައި ކޮމިޓީން ނިންމަނީ

އަހުމަދު މުހައްމަދު
ނޮވެމްބަރ 12, 2024

އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން ”ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު“ އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މަސައްކަތް އަންނަ 2025 ވަނަ އަހރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ން ނިންމައިފިއެވެ.

ކޮމިޓީގެ މިއަދުގެ ޖަލްސާގައި، ބިލްގެ މަސައްކަތް ފެބްރުއަރީމަހުގެ ނިޔަލަށް ނިންމަން ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

އެގޮތަށް ހުށަހަޅުއްވަމުން ހަންނާނު ވިދާޅުވީ، އެ ބިލަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ވަރަށް ހައްސާސް މައްސަލައަކާބެހޭގޮތުން ކަމަށެވެ. އެހެންކަމުން އެކަމާބެހޭގޮތުން ވަރަށްގިނަ ފަރާތްތަކާ މަޝްވަރާކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ހަންނާން ވިދާޅުވީ މަޖިލީހުގެ ތިންވަނަ ދައުރުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އަންނަ ޑިސެމްބަރުމަހުގެ އެކަކުން ފެށިގެން ދެ މަސްދުވަހުގެ ޗުއްޓީއަށް މަޖިލިސް ދާންޖެހޭނީ، އެ ބިލްގެ މަސައްކަތް ނިންމަން ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން މި ބިލްގެ މަސައްކަތް ނިންމަން ހުށަހަޅާ ސުންގަޑިއަކީ ފެބްރުއަރީމަހުގެ ނިޔަލަށް ކަމަށް ވެސް ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވީ، މި މައްސަލައިގައި ކޮމިޓީން ގިނަ ބަޔަކާ މަޝްވަރާކުރަންޖެހޭ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި އެންޖީއޯ ތަކުގެ އިތުރުން ގައުމުގެ ކަމުވޮށިގެންވާ މީހުންނާއި، ވިޔަފާރިވެރިންނާ މަޝްވަރާކުރަންޖެހޭ ކަމަށެވެ.

ފަސް މަހަށްފަހު އެބިލްގެ މަސައްކަތް ކޮމިޓީން ފަށާފައި މިވަނީ، އެ ބިލް ކޮމިޓީގައި އޮއްވައި އެއަށްވުރެ ފަހުން ހުށަހެޅުނު ބިލްތަކުގެ މަސައްކަތްނިންމި ނަމަވެސް މި ބިލްގެ މަސައްކަތް ކުރިއަށްނުދާ މައްސަލައިގައި ބައެއް މެންބަރުން ކަންބުޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

އެ ބިލަކީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ބިލުގެ މަސައްކަތް ނުފަށައި ކޮމިޓީގައި އޮންނަތާ ގިނަ ދުވަސްވުމާ ގުޅިގެން، ބިލު ހުށަހެޅުއްވި މެންބަރު މީކާއީލް ވަނީ، ބިލުގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު އޮޅުންފިލުވައިދިނުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲގެ ކިބައިން އެދިވަޑައިގެންފައެވެ. މީކާއީލް އެކަމަށް އެދިވަޑައިގެންފައިވަނީ، މަޖިލިސް ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ބިލުގެ މަސައްކަތް 241 ކޮމިޓީއަށް އެޖެންޑާކޮށްފައި މިވަނީ، އެ ބިލުގެ މަސައްކަތް ކުރިއަށްނުދާތީ އެކަމުގެ ކަންބޮޑުވުންތައް ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް ފާޅުކޮށްފައިވަނިކޮށެވެ. އެ ޕާޓީތަކުން ވަނީ އެ މަސައްކަތްތައް އަވަސްކުރުމަށް ގޮވާލައިފައެވެ.

މީކާއީލް އިސްލާހު ހުށަހަޅުއްވާފައިވަނީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ ”ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން“ ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ 8 ވަނަ މާއްދާގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވެސް ވަނީ ނިންމައިފައެވެ.

މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ނިންމަވާފައިވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެހެންވެ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ