އެމްޑީޕީ ސަރުކާރުންވާނީ ކޮންމެ އެގާރަ ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައި ކަމަށް އެމްޓީސީސީގެ ކުރީގެ އެމްޑީ އަދި މާލޭސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި އެމްޑީޕީން މިހާރު ކުރިއަށްގެންދާ ”ފުދިއްޖެ-ފުނޑިއްޖެ“ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިސަރުކާރަށް އަހަރުވެގެންދާއިރު އެންމެ ގާބުރިއެއްވެސް ބޭއްވިފައިނުވާކަމަށެވެ. ހުޅުވަމުންދަނީ ކުރީގެ ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް ކަމަށް ވެސް ވިދާޅުވިއެވެ. އެވަރުންދާކަމަށްވާނަމަ ހުކުރު މިސްކިތް ވެސް މިސަރުކާރުން އަލުން ހުޅުވާނޭ ކަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ގައުމުދަރުވާލިކަމުގެ ތުހުމަތު އެމްޑީޕީ ސަރުކާރުގެ ބޮލުގައި އަޅުވަމުންދާއިރު އެއީ އެއްވެސް ހަގީގަތެއް އޮތްކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިގައުމު ދަރުވާލީ މިހާރުގެ ސަރުކާރުން ކަމަށް އާޒިމް ވިދާޅުވިއެވެ. ވެރިކަމަށް އައި ގޮތަށް ފަންސަތިރީސް މިލިއަން ޑޮލަރު ދީފައި ”ދޫނިތަކެއް“ ގަތީ ކޮންތާކުހުރި ފައިސާއަކުންތޯ އޭނާ ސުވާލު ކުރެއްވިއެވެ. ވެރިކަމަށް އައިއިރު ބަޖެޓުގައި ފައިސާނެތްކަމަށްވާނަމަ އެކަން އެގޮތަށް ނުކުރެވޭނޭކަމަށް ވެސް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ނަގާފައިވާ ލޯނާއި ކޮށްފައިވާ ޚަރަދު ޓްރާންސިޝަން މުއްދަތުގައި މިސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނޭ ކަމަށެވެ. އޭނާ ވިދާޅުވީ ނުދެއްކޭވަރުގެ ބޮޑު ލޯނެއް އެމްޑީޕީ ސަރުކާރުން ނަގާފައި ނޯންނާނެ ކަމަށެވެ. އެކަން މިސަރުކާރަށް ވެސް އެނގޭނޭ ކަމަށް ވިދާޅުވިއެވެ.






