މެންބަރަކު ގާނޫނާ ހިލާފުވެއްޖެނަމަ ޕާޓީ ޖޫރިމަނާކުރެވޭގޮތަށް ފާސްކޮށްފި

އަހުމަދު މުހައްމަދު
ނޮވެމްބަރ 13, 2024

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރީ މުޅި ކޮމިޓީންނެވެ. އެ ކޮމިޓީން އެ ބިލު ދިރާސާ ކުރުމަށްފަހު ވަނީ އިތުރު އިސްލާހުތަކެއް ގެންނަން ނިންމައިފައެވެ.

އެ އިސްލާހުތަކަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެއް އުވާލި ނަމަވެސް، އުވާލި ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކަ އަދި ކުލަ ފަދަ ޕާޓީ ރަމްޒުކޮށްދޭ ތަކެތި ޕާޓީ އުވާލާތާ ފަސް އަހަރު ނުވާ ނަމަ ބޭނުން ނުކުރެވޭ ގޮތް ހެދުމެވެ. އަނެއް އިސްލާހުގައި ވަނީ ސިޔާސީ ޕާޓީގެ ގައުމީ ބައްދަލުވުމެއް ކޮންމެ ފަސް އަަހަރަކުން އެއް ފަހަރު ނުބޭއްވިއްޖެ ނަމަ ޕާޓީ އުވާނުލެވޭނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީއަށް ގެންނަން ހުށަހެޅި އިސްލާހުތަކަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތް ހެދުމެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުުގައި މިހާރު އޮންނަނީ، ގާނޫނާ ހިލާފުވާ މެންބަރަކު 30,000 ރުފިޔާ އާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އެގޮތަށް ޖޫރިމަނާކުރުމުގެ އިތުރުން އެ މެންބަރަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، އަހަރުގެ މުޅި ބަޖެޓުން ދޭ ފައިސާއެއްގެ ގޮތުގައި އޮތް އޮތުން، ބަޖެޓްގެ އާމްދަނީން ދޭ ފައިސާއެއް ކަމަށް ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

ގާނޫގެ 10 ވަނަ މާއްދާގައި މިހާރު އޮންނަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ މީހަކު އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލްގައި ހުށަޅާފައި ވަނީ އެ މާއްދާ އުވާލުމަށެވެ.

މި ބިލް މަޖިލީހުން ފާސްކުރީ، މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހުކޮށް މަޖިލީހަށް ހުށަހެޅިގޮތަށް، މިއަދުގެ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެވަގުތު ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވީ ބިލް އެގޮތަށް ފާސް ނުކުރުމަށެވެ.

މި ލިޔުމާ ގުޅޭ