މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބޭގޮތަށް ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ ގެ ނަމުގައި ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންދަން ނިންމައިފިއެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅުއްވި އަމިއްލަ މެންބަރު ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބަދުލް ހައްނާން އަބޫބަކުރު ވިދާޅުވީ އެ ބިލް އަނބުރާ ގެންދަން ނިންމަވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިލާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުން މަޖިލީހުގެ 75 މެންބަރުންގެ އަޣުލަބިއްޔަތު ބިލް ބަލައި ގަތުމަށް ނުލިބޭނެތީ، މަޖިލީހުގެ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ބިލް އަނބުރާ ގެންދަވަން ނިންމެވީ ކަމަށެވެ.
މި ބިލްގެ މަގުސަދުގެ ގޮތުގައި ބިލްގައި ހިމަނާފައިވަނީ، ރައްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުގައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީޔާތަކާއި މީޑިޔާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލު ކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
ބިލްގައި ބުނެފައިވަނީ މި ކޮމިޝަންގައި ހަތް ބެންބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނައި، މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަން ޖެހޭނެ ކަމަށް ބިލްގައި ވަނީ ކަނޑައަޅައިފައެވެ. ބިލުގައިވާގޮތުން މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެ މަތީން އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ.
މި އިންތިހާބުގައި ވޯޓު ލެވޭނީ ބްރޯޑްކާސްޓް މީޑިއާ ހިމެނޭހެން، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރީންނަށެވެ.
މި ބިލްގައި ވަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރާނީ މަޖިލީސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މި ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެ އެވެ.
ބިލްގައިވާ ގޮތުން، ކަނޑައަޅާފައިވާ ގޮތުގެމަތީން ނޫހުގައި ޝާއިއު ނުރާތާ 12 މަސްދުވަސްވެފައިވާ ނޫސްތަކާއި ރަޖިސްޓްރީ ކުރުމުގައި ކަމެއް އޮޅުވާލައިފައިވާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެއެވެ. ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް އޮތް ފަރާތަކުން މި ގާނޫނާއި ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެ ނަމަ، ވޭތުވެދިޔަ އަހަރު އެ ފަރާތަށް ލިބުނު އާމްދަނީގެ 10 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
ކޮމިޝަނުން އަންގާ ގޮތަށް، ކުރި ކުށް ރަނގަޅު ނުކޮށްފިނަމަ އެ ފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމާއި އެ ތަނަކުން ފޮނުވާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާކަތާއި އާއްމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެއްޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވޭނެ ކަަމަށްވެސް ބިލްގައިވެއެވެ.
މީގެ އިތުރުން މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމާއި، ކޯޓަށް ހުށަޅައިގެން ލައިސަންސް ބާތިލު ކުރުމާ ހަމައަށް ފިޔަވަޅު އެޅުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވާނަމަ އެ ނޫހެއް ނުވަތަ މަޖައްލާއެއް، 5000، ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށްވެސް ބިލްގައި ހިމަނާފައިވެއެވެ.






