ދިރާސީ އަހަރުގެ ކިޔެވުން ނިމި ގިނަ ރައްޔިތުންތަކެއް ޗުއްޓީއަށް ރާއްޖެއިން ބޭރަށް އާންމުކޮށް ދާ މި ދުވަސްވަރު ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް އެރުމުގެ ބިރު އެބައޮތް ކަމަށް މޯލްޑިވްސް ޓްރޭޑު އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ ކުރިއަށް މިއޮތް ބަރަކާތްތެރި ރަމަޟާން މަހު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެކަމުގެ ސިގްނަލް މިހާރުވެސް ބާޒާރުގެ އަގުތަކަށް ބަލާލުމުން ހާމަވެގެންދާ ކަމަށެވެ. އެހެންކަމުން ދައުލަތުން މިކަންކަމާއިމެދު ފުންކޮށް ވިސްނާ މިކަމަށް އަވަސް ހައްލުތައް ހޯދުމަކީ އެ ޖަމްއިއްޔާއިން އެދޭ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު ދަށަށްނުދާ މިންވަރަށް ދަށްވެ ޑޮލަރުގެ އަގު ބޮޑުވެ އަދި ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް މިހާރުވެސް ވަނީ ގޮސްފައި ކަމަށެވެ. އެހެންނަމަވެސް ދައުލަތުން މި ކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
”ނިމިގެންމިދާ 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާ ޚަރަދުކުރި ގޮތުގެ މައުލޫމާތު ސިއްރުކޮށް އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މައުލޫމާތުތައް ހިއްސާނުކޮށް ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކޮށްފައިވާއިރު, މި އަހަރުގެ ބަޖެޓުގައި ހިމެނި އަދި ޓެކްސް ޕޭޔަރުންގެ ފަރާތުން ދައުލަތަށް ލިބުނު ފައިސާއަށް ހެދި ގޮތެއް ދިވެހި ދައުލަތުން ހާމަކޮށްފައިނުވާކަމީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަސް ދެވޭ ވަރަށް ނުބައި ސިގްނަލެކެވެ.“
އެޖަމިއްޔައިން ބުނެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ނަމަވެސް މިފަދަ ކަންތައްތަކަކީ ތަހުޒީބީ މުޖުތަމައުތަކުގައި ކަންކުރާ ގޮތެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ. މިއީ ރައްޔިތުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ދުނިޔޭގެ މާލީ އިދާރާތަކުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ލަފާދީފައިވީ ނަމަވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ފެނިގެންމިދަނީ ސިޔާސީ މަގާމުތައް އިތުރު ކުރަމުންދާތަން ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތައް އިތުރުކޮށް އެފަދަ ކުންފުނިތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ނަހަމަ އަގުގައި ކުއްޔަށް ހިފާ ޚާރަދުތައް ބޮޑުވާ ގޮތަށް ސަރުކާރު އޮފީސް ތަކާއި ކުންފުނިތަކުން އަމަލުކުރަމުންދާއިރު ދައުލަތުގެ މާލީ ވުޒާރާއިން މިފަދަ ކަންތައްތަކާއިމެދު ބަހެއް ބުނެފައި ނުވާކަމަށް ވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ.






