މި ޖަނަވަރީ މަހުގެ ތެރޭގައި، ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން އިޢުލާން ކުރައްވާނޭ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ނަޑެއްލާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ، 2008 ވަނަ އަހަރު ތަރައްގީކޮށްފައިވާ ބަނދަރެކެވެ. އެހެންނަމަވެސް ރަށުގެ ތަރައްގީއަށް މިހާރު އައިސްފައިވާ ބަދަލުގެ ސަބަބުން މިހާރުގެ ބަނދަރަކީ އެންމެ އެކަށީގެންވާ ބަނދަރެއް ނޫންކަމަށް ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. ރައީސް ވިދާޅުވީ އައު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް، ހައްލު ގެނެވޭނޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން، ނަޑެއްލާގައި ޒަމާނާ އެކަށީގެންވާ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި، ސްކޫލާއި ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ކުރައްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތައް ކަމުގައިވާ، ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ކޯޓު އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް މި އަހަރު ފެށޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުވަދުއަތޮޅުގައި ފުލުހުންގެ ޚިދުމަތް ނުލިބޭ ހަމައެކަނި ރަށެއްގެ ގޮތުގައި މިވަގުތު އޮތީ ނަޑެއްލާއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ނަޑެއްލާގެވެސް ގާއިމމްވެ ތިބެ ފުލުހުންގެ ހިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަމަށެވެ.






