ގާނޫނު އަސާސީގެ ދިފާއުގައި މާލޭގެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ މިހިނގާ ޖަނަވަރީމަހުގެ 31 ވަނަ ދުވަހު މާލޭގެ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރުމަށެވެ.

މީގެ ކުރިން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ އަށާރަވަން ބައްދަލުވުމުގައި ވަނީ ގާނޫނު އަސާސީއަށް ގެނައި ބަދަލު އިހުއޮތް ގޮތަށް ރުޖޫއަކުރުމާ ހަމައަށް މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިހުތިޖާޖު ކުރުމުގެ ގޮތުން އެކިއެކި ސިޔާސީ ހަރަކާތްތައް ހިންގަމުންދިއުމަށް ނިންމައިފައެވެ. އަދި ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ސަބަބުން ނުކުންނަ ނަތީޖާއާމެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރުމަށް އެމްޑީޕީން ދޭ ދައުވަތު ގަބޫލުކުރާ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މަސައްކަތްކޮށް މުޅިރާއްޖެއަށް ސިޔާސީ ހަރަކާތް ފުޅާކުރުމަށް ވެސް އެ ބައްދަލުވުމުގައި ނިންމިއެވެ.

މަގުތަކަށް ނިކުންނަން ފާސްކުރީ މިރޭ ބޭއްވި ބައްދަލުވުމުގައި މިކަންކަމަށް މަޝްވަރާ ކުރުމަށްފަހުގައެވެ.
އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީ ވަނީ ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާނޭ ކަމަށް ބުނެފައެވެ. އެކަމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަންވެސް އެޕާޓީ ތައްޔާރު ކަމަށް ކުރީންވެސް އައީ ބުނަމުންނެވެ.






