ސްޓެލްކޯގެ މުވައްޒަފުން ތަމްރީން ކުރުމަށް ސިވެކާއެކު އެއްބަސްވުމެއް

ހިރި ނިއުސް
ފެބްރުއަރީ 11, 2025

އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި ކަމަށް ސްޓެލްކޯއިން ވިދާޚުވެެއްޖެއެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ”އަޅުގަނޑުމެންނަށް މި ދޭތެރޭން، ޤައުމުގަ ހިނގާދިޔަ ކަންތައްތަކާ އަދި ބައެއް އިވެންޓްތަކުގަ، އަޅުގަނޑުމެންގެ ބައެއް މުވައްޒަފުން އެބަހުރި ރެސްކިއު ބައެއް އޮޕަރޭޝަންތައް (ހިންގާފަ). ރައްޔިތުންގެ ތެރޭން މިސާލަކަށް މޫދަށް ވެއްޓުނު މީހަކު ނަގާފަ އެބަހުރި. އަދި އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކޮންފްރަންޓް ކޮށްފަ. އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިންގ ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާޙައުލުގަވެސް، އަދި ޤައުމަށް ޚިދުމަތްކޮށްދިނުމުގަވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގަވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް.“

ރަސްމިއްޔާތުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވީ، ”އަޅުގަނޑުމެންގެ އެމްޑީގެ އިސްނެންގެވުމުގެ މަތިން، އެމްޑީގެ މޮޓޯގެ ދަށުން، މިހާރު އަޅުގަޑުމެންގެ ކުންފުނީގެ އަމާޒަކީ، ކުންފުނީގާ އިޚްލާސްތެރި، ވަފާތެރި، ބުރަކޮށް މަސައްކަތްކުރާ، ހިތްވަރާ އަޒުމާއެކު، އެކުވެރިކަމާއެކު، އަޅުގަނޑުމެންގެ ކުންފުނީގެ ތަޞައްވުރާ، މުހިންމަތާ، އަދި ކުންފުނީގާ ރާވާލެވޭ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ޤާއިމްކުރުން“

އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފަ. މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުން.

މިއަދު ވެވުނު ފަހުމުނާމާގެ ދަށުން ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވެވުނު ދާއިރާތައް:

  • ބޭސިކް ފަސްޓް އެއިޑް
  • ފަޔަރ އެވެއާނެސް
  • އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް
  • ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ
  • ސުވިމިންގް އެންޑް ރެސްކިއު
  • ލައިފް ކޯޗިންގ

މީގެ އިތުރުން ފަޔަރ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ފަހުމުނާމާގައި ހިމެނިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

  • ޚަބަރާއިި ފޮޓޯ: ސްޓެލްކޯ

މި ލިޔުމާ ގުޅޭ