ފައްޔާޒު އިސްމާއީލް

މިސަރުކާރު ޒިންމާދާރު ކުރުމަށް ޒުވާނުންގެ އަޑު ވަރަށް މުހިންމު

މުހައްމަދު އަލީ
އޭޕްރިލް 24, 2025

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ޒިންމާދާރު ކުރުމަށް ޒުވާނުންގެ އަޑު ވަރަށް މުހިންމު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިމަހު އަށާރަވަނަ ދުވަހުގެރޭ މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އެކާވީސް އަހަރުގެ ޒުވާން އަންހެނަކު ”ވެއްޓި“ ހަސްފަތާލުގައި ފަރުވާމުން ދަނިކޮށް އޭނާގެ ދިފާއުގައި ޒުވާނުންތަކެއް ވަނީ ރޭ މާލޭގެ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްފައެވެ. އެމީހުން ބުނަމުންދިޔައީ ފުލުހުން ކަންތައްތަކެއް އޮޅުވާލަމުންދާ ކަމަށެވެ. ނުވަތަ ފޮރުވަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހިތުގައި ސުވާލު ނުއުފެދޭގޮތަށް އެ ޒުވާނާއަށް އިންސާފު ހޯދައިދޭންޖެހޭ ކަމަށެވެ.

ރޭގެ މުޒާހަރާގެ ވަގުތުގައި ފައްޔާޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެންމެ ބޭނުންތެރި މުއައްސަސާތައް ނާކާމިޔާބު ވުމުން މަގުމައްޗަށް ނިކުންނަން މަޖުބޫރުވަނީ ޒުވާނުންނަށް ކަމަށެވެ. އެހެންކަމުން ރޭގެ މުޒާހަރާ އިންތިޒާމުކޮށް ބައިވެރިވި ހިތްވަރުގަދަ ޒުވާނުންނަށް އެއްބާރުލުން ދެއްވާ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. މުޒާހަރާ ހިނގަމުންދިޔަ ވަގުތު ފައްޔާޒު އުޅުއްވީ އެމްޑީޕީގެ ދަތުރެއްގައި ށ. އަތޮޅުގައެވެ. ”މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒުވާނުންގެ އަޑު ވަރަށް މުހިއްމު،“ އޭނާ ވިދާޅުވެފައިވެއެވެ.

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ކަމަށް ފުލުހުން ކިޔައިދޭ ގޮތާއި އާންމުން ދެކޭ ގޮތްވަރަށް ބޮޑަށް ތަފާތެވެ. ކޮފީ މޭޒުތަކާއި ފިނިމައިޒާން ތަކުގައި ވެސް މިހާރު ދައްކަނީ އެވާހަކައެވެ. ”ފުލުހުން އެބުނާ ގޮތަށް އެކުއްޖާ ނުވަނަ ބުރީގެ ފެންލައިޓުން ފުންމާލިނަމަ ވެއްޓިގެން ގޮސް ޖެހިގެންހުރި ގޭގެ ފުރާޅުގައި ނުޖެހި ޖެހޭނީ އެހެން ދިމާއެއްގައި،“ ކަމަށް ބުނާ މީހުން ވަރަށް ގިނަވެއްޖެއެވެ. އެހެންކަމުން ފުލުހުން މިކަމުގައި ސީރިއަސްވެ އެއްވެސް ކަމެއް ނުފޮރުވައި ރައްޔިތުންނަށް ތެދު މައުލޫމާތު ދިނުމަށް އާންމުންދަނީ އެދެމުންނެވެ.

ރޭގެ މުޒާހަރާގައި ޒުވާނުން ސަރުކާރަށް ޑިމާންޑު ކުރަމުންދިޔައީ ޔުމްނު ވެއްޓުނު ހާދިސާގައި ޒިންމާވާ ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އޭގެ ބަދަލުގައި ފުލުހުން ގެންދަނީ ކަންކަން ފޮރުވަން މަސައްކަތް ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.

މިމައްސަލައިގައި އާންމުން ނިކުމު އިހުތިޖާޖުކުރާ ހިސާބަށް ދިޔައީ،ޔުމްނު ވެއްޓުނުކަމަށް ބުނާ ހާދިސާގައި ޝާމިލުވާ މީހުން ހިމާޔަތްކުރަން ފުލުހުން މަސައްކަތް ކުރަމުންދާތީ ކަމަށް ޒުވާނުން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ