ސިނަމާލެ ފްލެޓް ”ރީޑިވޮލަޕްމަންޓް ޕްރޮޖެކްޓު“ ގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ކޮންސެޕްޓް ފާސްކޮށްފި ކަމަށް މާލޭ ސިޓީކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ކޮންސެޕްޓްތައް ފާސް ކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 191 ވަނަ ރަސްމީ އާންމު ޖަލްސާއިންނެވެ.
މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކޮށްފައި ވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ހޮންކޮންގައި ރަޖިސްޓަރ ކޮންގެން ހިންގާ، އެސް. އެފް. ޕްރޮޖެކްޓް ކޮންސަލްޓެންސީ ލިމިޓެޑާއެވެ.
މި އެއްބަސްވުމުގެ ދަށުން، 1500 ހައުސިން ޔުނިޓް ތަރައްޤީ ކުރަންހަމަޖެހިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ. މި ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވަނީ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތައް، މިހާރު އިމާރާތް ކުރެވިފައިވާ ސަރަހައްދު ހިމެނޭހެން 23476 އަކަ މީޓަރުގެ ބިމެއްގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
”ނަމަވެސް، މި ފްލެޓްތައް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި، ތަރައްގީ ކުރެވިފައިވާ ހޭންޑްބޯލް ކޯޓް މި ބިމުގައި އޮތުމުން އެ ކޯޓު އޮތް ބިމުން (3310 އަކަ މީޓަރު ) ވަނީ އުނިކޮށްފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފްލެޓް އަޅަން މިހާރު އޮތް ސަރަހައްދު ކުޑަވަމުން، އެ ބިމުގައި އިމާރާތް ކުރެވެނީ ޖުމްލަ 1360 ފްލެޓު ކަމަށްވެސް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެއީ ކުރިން އެއްބަސްވެ ސޮއިކުރި އެއްބަސްވުމަށް ވުރެ، 140 ފްލެޓް މަދު ޢަދަދެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޢިމާރާތް ކުރަން ހަމަޖެހިފައިވާ އިމާރާތްތަކުގެ ތެރެއިން، 20 ފްލޯގެ އެއް ޓަވަރު އަޅަން ބޭނުންވާ ބިން، މިހާރު ވަނީ މަސައްކަތް ކުރާފަރާތާ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދެންހުރި ފްލެޓްތައް ޢިމާރާތްކުރަން ހަމަޖެހިފައިވާ ބިންތަކުގައި، ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ބިންތައް ހުރިކާމަށާއި އެހެން ކަމުން އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށް، ބުދަ ދުވަހުގެ ޖަލްސާގައި މޭޔަރ އާދަމް ޢާޒިމް ވިދާޅުވި ކަމަށްވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިޕްރޮޖެކްޓް ތެރެއިން ސިނަމާލެ ފްލެޓް 1،2،3 އަދި މާލެ ހިޔާ 1،2 ފްލެޓްތައް ތަޅާލައި އެ ބިންތަކުއި އައު ޓަވަރުތައް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފާސްކުރެވިގެން ދިޔަ ކޮންސެޕްޓަކީ އޮރިޖިނަލް އެގްރިމެންޓުގެ ދަށުން ޑިވޮލަޕަރު ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓަށް ވުރެ، ޖާގައިގެ ގޮތުން ތަނަވަސް ، ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރި ކަމަށް ވިސްނާ، އަދި ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ޕާކިން ޖާގަ އިތުރުކުރެވިފައިވާ ފުރިހަމަ ކޮންސެޕްޓެއް ކަމަށް މޭޔަރ އާޒިމް ވިދާޅުވި އެވެ.






