އަހަރެންނަށް ހޭވެރިކަން ވީއިރު، މުހަންމަދުފުޅުގެ ދެކަކުލު ހުޅުގައި އޮތީ އޮއްޓު އަޅާފައެވެ. މައިބަދައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައި ކަމަށްވެސް ޙަކީމުބޭބެ ބުންޏެވެ. އެހެންކަމުން އުނަގަނޑާއިއެކު ފިލާގަނޑެއް ކަހަލަ އެއްޗެއްވެސް ބަނދެފައި އޮތެވެ. ފުރިހަމައަށް ފަރުވާ ލިބި، ހަމަފައިމައްޗަށް ތެދުވެލަން ވަރަށް ގިނަދުވަސް ނަގާނެ ކަމަށްވެސް އެތަނުގައި ތިބި އެތައް ބަޔަކު ކިޔަމުން ގެންދިޔަ އަޑު އަހަރެން އެހީމެވެ. އަހަރެންގެ މުޅި ދިރިއުޅުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވީރާނާވީ ކަހަލައެވެ. އެހެނީ އަހަރެންނަކީވެސް މާބޮޑު އާއިލާއެއް އޮތް މީހެއް ނޫނެވެ. ބައްޕަވެސް ހުރީ އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައެވެ. ބައްޕައަށް އިރުން އިރަށް ކާއެތިކޮޅެއް ދެމުން ގެންދިޔައީ އަހަރެންނެވެ. މުހައްމަދުފުޅަކީ އޭނާގެ އެއްބަނޑު ދެ އަންހެން ކޮއްކޮގެ ބެލެހެއްޓުން ތެރިޔާއެވެ. މުހައްމަދުފުޅަށް ކަމެއް ވެއްޖެނަމަ އެދެކުދިންގެ މުސްތަގުބަލުވެސް ބަނަވާނެއެވެ. އެހެންނަމަވެސް އަހަރެން ހިތްވަރު ދެރައެއް ނުކުރަމެވެ. އަހަރެންގެ ކުރިމަތީގައި އޮތީ އަނދިރި ދުވަސްތަކެއްކަން އަހަރެންނަށް އެނގެއެވެ. ކަންއޮތީ މިހެންކަމަށް ވީތީ، މިވަގުތު މުޅި އާއިލާ ބެލެހެއްޓުންތެރިއެއްގެ ޒިންމާ ނަގަން ހުރި ހަމައެކަނި މީހަކީ އަހަރެންކަން، ގަބޫލުކުރީމެވެ. އެގޮތުގެ މަތިން އަހަރެން ކަމަރު ބަނދެލީމެވެ. އެންމެ ތުއްތުއިރުއްސުރެން ފެށިގެން ބައްޕަގެ ފަރާތުން ދަސްވި އެތައް ކަމެއް އެބަ އޮތެވެ. ދިމާވާ ދަތި އުނދަގޫ ހާލަތްތަކުގައި ކެތްތެރިވާން ބައްޕަ ދަސްކޮށްދިނެވެ. މުހައްމަދުފުޅާއި އިނދެގެން މިވީ މުއްދަތުގެ ތެރޭގައި އޭނާގެ ފަރާތުންވެސް ވަރަށް ގިނަ ކަންކަން ދަސްވެފައި އެބަ ހުއްޓެވެ. އެހެން ކަމަށް ވީއިރު އަހަރެން ހިތްވަރު ދެރަކޮށް ފަހަތަށް ޖެހެންވީ ސަބަބެއް ނެތްތާއެވެ. އާނއެކެވެ. މުހައްމަދުފުޅު ރާ އަރަން ދާއިރު، އޭނާއާއިއެކު އަހަރެން ވަރަށް ގިނައިން ގެންދާނެއެވެ. އަދި އެކުގައި ރުކަށް އަރާވެސް ހަދަމެވެ. އެއް އޮޅާނެ ގޮތާއި ރާކުރާނެ ގޮތް އަދި ރާބާލާނެ ގޮތްވެސް މުހައްމަދުފުޅު އަހަރެންނަށް ކިޔައިދީ ހެދިއެވެ. އެކަންކަމަށް އެތައް ބަޔަކު ފާޑުކިޔާ ހެދިއެވެ. އެހެނަސް އެއިން އެއްވެސް އަޑެއް އަހަރުމެން ދެމަފިރިން ކުރެ އެކަކުވެސް ނާހަމެވެ. އެހެނީ އަހަރުމެން ދިރިއުޅެމުން އައީ ނުހަނު ލޯބިން އަދި އެހާމެ ގުޅިގެންނެވެ. އެގޮތުން އެއީވެސް އަހަރެންނަށް ދަސްވެފައިވާ މަސައްކަތެއް ކަމުގައި އަހަރެން ދެކެމެވެ. އެގޮތުގެ މަތިން އެނދުމަތި ވެފައިވާ ލޯބިވާ ފިރިމީހާއާއި، އުފަން ބައްޕަ އަދި ފިރިމީހާގެ ބެލުމުގެ ދަށުގައިވާ ދެ ކޮއްކޮގެ ޒިންމާ ނެގުމަށް އަހަރެން ކަމަރު ބަނދެލީމެވެ.
ޖެހިގެން އައި ދުވަހުގެ ފަތިހު ފަތިސް ނަމާދު ކޮށް ނިންމާލުމަށްފަހު، މުހައްމަދުފުޅު ތާހިރުކޮށްލާ ރީތިކޮށްލީމެވެ. އަދި އަހަރެންގެ ދުރުތާ ތިމާގެ، އެހެނަސް އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި އަހަރެން ދެކޭ އަހަރެންގެ އަވައްޓެރިއެއް ކަމަށްވާ، ސަމްސުއްނިސާ ގާތުގައި މުހައްމަދުފުޅަށް ވާނުވާ ބަލައިލަން ގޭތެރެއަށް ބޯދިއްކޮށްލަން ހަވާލުކޮށްލީމެވެ. އެހެނީ މިހާތަނަށް އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ދެގޮތެއް ނުވެ އަހަރެންނާއިއެކު ހުންނަ ހަމައެކަނި މިތުރަކީ އެއީ ކަމުގައި ވީތީވެސް މެއެވެ. އެއަށްފަހު އަހަރެން ނިކުތީ، މުހައްމަދުފުޅުގެ ރާބަދިތަކާ، ބަޅުވަޅި ހިފައިގެންނެވެ. ރުކަށް އަރަން ދިއުމުގެ ނިޔަތުގައެވެ. އެންމެ ކުޑައިރުއްސުރެން ބައްޕަ ދެމުން އައި ނަސޭހަތްތަކާ، އުނގަންނައިދިން ފިލާވަޅުގެ އަލީގައެވެ. އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ޚާއްޞަވާން ޖެހޭ މަސައްކަތަކަށް ނުވާކަމުގެ ޝިއާރާއިވެސް އެކުގައެވެ. ހިތްވަރު ހުރިއްޔާ ﷲ ގެ އިރާދަފުޅާއިއެކު ނުވާނެ އެއްވެސް ކަމެއް ނޯންނާނެކަން ގަބޫލުވެސް ކުރާތީއެވެ.
ރާބަދިތަކާއި ބަޅުވަޅި ހިފައިގެން ގެއިން ނިކުމެ، އަހަރެން މިސްރާބު ޖެހީ ރައްޔިތުންގެ ރުއްދަނޑާއި ދިމާއަށެވެ. އެދަނޑުގައި މުހައްމަދުފުޅު ރާއަރަން ރަށު އޮފިހުން ހުއްދަދީފައިވާ ރުއްތަކުން ކޮންމެވެސް ރުކަކަށް އެރޭތޯ މަސައްކަތް ކޮށްލުމަށެވެ. އޭރުގައި އަހަރެންގެ އުމުރުން ވާނީ ގާތްގަނޑަކަށް ސަތާރަ ނުވަތަ އަށާރަ އަހަރެވެ. ވީއިރު ޒުވާންކަމުގެ ޖޯޝާއި ހިތްވަރުވެސް އަހަރެންގެ ގައިގާ ހުންނާނެތާއެވެ. އަހަރެންގެ މިސްރާބު ހުރީ ރުއްދަނޑާއި ދިމާއަށް ކަމުގައި ވީނަމަވެސް އެހެން މީހުންގެ ކަޅިތަކުގެ މިސްރާބު ހުރީ ސީދާ އަހަރެންނާއި ދިމާއަށެވެ. ޚާއްޞަކޮށް ގިނަ ފިރިހެނުންގެ ކަޅިތަކެވެ. މުހައްމަދުފުޅުގެ ރާބަދިތައް ހިފައިގެން ނަފީސާ އެދަނީ ކޮންތާކަށްބާއޭ ކިޔާ އަޑުވެސް އިވުނެވެ. ނުވިތާކަށް އަހަރެންގެ ފަހަތުން ބޯކޮޅުބަލަމުންވެސް އެއްބަޔަކު އައެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. އެއާއި ޚިލާފަށް އަހަރެންގެ ހިތުގައި އޮތީ އާއިލާގެ ޒިންމާ ނެގުމުގެ ހިތްވަރާއި ޖޯޝެވެ. މިކަން އަހަރެން ނުކުރިއްޔާ ދެއިރު ހަމައަށް އަނގަޔާއި އަތާ ދިމާނުވާނެ ކަމުގެ ފިކުރެވެ. އަހަރެންގެ ލޯބިވާ މުހައްމަދުފުޅުގެ ބޭސްފަރުވާގެ ޒިންމާއެވެ. ”މީހުން ކިޔާނީ ކީކޭ“ ގެ ޝިޢާރަކީ އެފަދަ
ޒަމާނެއްގައިވެސް އަހަރެން ބަލަން ބޭނުންވި އެއްޗެއް ނޫނެވެ. އެއާއި ޚިލާފަށް އަހަރެން ގަބޫލުކުރީ، ލަދަކާހުރެ ތަދެއް ނުފިލާނެ ކަމެވެ. ކޮންމެއަކަސް އެދުވަހު އަހަރެންނަށް ކާމިޔާބުކަމާއެކު މަސައްކަތް ކުރެވުނެވެ. އަޅަމުން ގެންދިޔަ އެތައް ކަޅިތަކެއްގެ ކުރިމަތީގައެވެ. ރައްދުވަމުން ދިޔަ އެތައް ބަސްތަކަކަށް ބީރު ކަންފަތް ދެމުންނެވެ. ”ފިރިހެން ނަފީސާ“ގެ ނަމުންވެސް އަހަރެންނަށް ނަންދިނެވެ. އެހެނަސް ހިތްވަރާއި ކެތްތެރިކަން ހުރިއްޔާ ކޮންމެ ކަމެއްވެސް ކުރެވޭނެކަން އަހަރެން ދިޔައީ ފިސާރި ކެރިގެން ސާބިތު ކޮށްދެމުންނެވެ. އެގޮތުން މުހައްމަދުފުޅުވެސް ދިޔައީ އަހަރެންގެ ހިތްވަރާއި ކެތްތެރިކަމަށް ސާބަސް ދެމުންނެވެ. އެއީ އަހަރެނަނަށް ލިބެމުންދިޔަ ވަރަށް ބޮޑު ހިތްވަރަކަށްވެސް ވިއެވެ. އެހެންނަމަވެސް އަހަރެންގެ ބޮލުގައި އެޅިފައިވާ ޒިންމާގެ ބޮޑުކަން މުހައްމަދުފުޅަށްވެސް އިހުސާސް ކުރެވެމުން ދިޔައެވެ. އަދި އެކަމުގެ ފިކުރުވެސް މުހައްމަދުފުޅު ގެންދިޔައީ ކުރަމުންނެވެ. އޭނާގެ ލޯބިވާ އަނބިމީހާ އެޙާލުގައި އުޅޭތަން ދެކެން ކެތްނުވާ ވާހަކަ ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. މުހައްމަދުފުޅަށް ވިސްނައިދޭން އަހަރެން ވަރަށް މަސައްކަތް ކުރަމުން ގެންދިޔައީމެވެ. އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުނަމުން ގެންދިޔައީމެވެ. ކަންވީވެސް އެހެންނެވެ. އެހެނީ، މަޑުމަޑުން ހުރިހާ ކަމެއްވެސް ރަނގަޅުވަމުން ދިޔައެވެ. ގެއްލިފައިވާ އުފާވެރި ދިރިއުޅުން މަޑުމަޑުން ހަމަޔަކަށް އެޅެމުން އައެވެ. މީހުންގެ ފާޑުކިއުންވެސް މަޑުމަޑުން ހުއްޓެމުން ދިޔައެވެ. އަދި ފާޑު ކިޔަމުންދިޔަ އެންމެންގެ ދޫތަކުންވެސް، އަހަރެންނަށްޓަކާ ތައުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ.
ކަންއޮތީ އެހެންކަމުގައި ވީނަމަވެސް، ތަޤުދީރުގެ ނިޔާއަށް ބާރު ފޯރުވޭނެ އެއްވެސް މީހަކު ނުހުންނާނެތާއެވެ. ކުއްލިއަކަށް ދިމާވިކަމަކުން އަހަރެންގެ ލޯބިވާ މުހައްމަދުފުޅު އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަބަދުގެ އަބަދަށެވެ. މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކީއެވެ. އެއް ރެއެއްގެ ފަތިހެވެ. އަހަރެން އުޅުނީ، ފަތިސް ނަމާދުކޮށްލައިގެން އާދައިގެ މަތިން މުހައްމަދުފުޅު ރީތިކުރަން ތައްޔާރު ކުރާށެވެ. އެވަޤުތު ވޭނުން ފުރިގެންވާ ގޮތަކަށް މުހައްމަދުފުޅު އަހަރެންނަށް ގޮވާލިއެވެ. ވަރަށް އަވަހަށް އޭނާގެ ކައިރިއަށް ދިއުމަށް އެދެމުންނެވެ. އަހަރެންވެސް ދުވެފައި ދިޔައީމެވެ. ”ނަފީސާ، އަހަރެން ދެން ސަލާމަތް ވާނެހެނެއް ހިއެއް ނުވޭ. އަހަރެންގެ މެއަށް އެބަ ވަރަށް ބޮޑަށް ތަދުވޭ. ހީވަނީ މޭފިތެހެން. ނޭވާލާންވެސް އެބަ އުނދަގޫވޭ.“ މުހައްމަދުފުޅުގެ އެބަސްތަކުން އަހަރެންގެ ހާސްކަން އިތުރުވިއެވެ. ”ތިވާނީ ވައިގަނޑަކަށް. އަހަރެން އަންނާނަން ކޯކު ދަޅެއް ހިފައިގެން.“ އެހެން ބުނުމާއިއެކު އަހަރެން ބޭރަށް ނިކުތުމަށް ދުއްވައިގަންނަށް އުޅުނީމެވެ. ނަމަވެސް މުހައްމަދުފުޅު އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި އޭނާކައިރީގައި މަޑުކުރުމަށް އެދުނެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަތައް އަޑުއެހުމަށް ޓަކައެވެ. އަހަރެން މަޑުމަޑުން މުހައްމަދުފުޅުގެ އެނދުގެ އެއް އަރިމަތީގައި އިށީންދެލީމެވެ. އަދި އޭނާގެ އަތުގައި މަޑުމަޑުން ހިފާލީމެވެ. ”ތި ދައްކަން އުޅޭ ވާހަކައެއް ތަންކޮޅެއް އަވަހަށް ބުނެލަބަލަ. އޭރުންނެއްނު އަވަހަށް ކޯކު ދަޅެއް ބަލާ ދެވޭނީ.“ އަހަރެން ހަމަޖެހޭ ކަމަށް ދައްކަމުން ގެންދިޔައީމެވެ. އެހެންނަމަވެސް އަހަރެންގެ މޫނުމަތީގައިވާ ހާސްކަން މުހައްމަދުފުޅު ދެނެގަތެވެ. އަދި ކަންބޮޑު ނުވުމަށް ބުންޏެވެ. ”ނަފީސާ، އަހަރުމެން ދެމީހުން ދިރިއުޅެމުން މިއައީ ވަރަށް ހަމަޖެހޭ ލޯބވެތި ދިރިއުޅުމެއް. އެކަކު އަނެކަކުގެ މައްޗަށް އޮންނަ އިތުބާރަކީ މިގުޅުމުގެ އެންމެ މުހިންމު އެއްތަނބު. އަދި މަޢާފުކުރުމާ އެކަކު އަނެކަކުގެ ޙާލަތު ދެނެގަނެގެން އުޅުމަކީ އަހަރުމެންގެ ލޯބި އެއް މިންގަނޑެއްގަ ދެމިގެން ދިއުމުގެ އަސްލު. ނަފީސާ، އަހަރެން ނެތް ދުނިއެއެއްގަވެސް އަހަރެންނަށް ތިދިން އިތުބާރާ ލޯބި ދަމަހައްޓަން މަސައްކަތް ކުރައްޗޭ.“ ވަރަށް ކުކުރަމުން ކަހަލަ ގޮތަކަށް މުހައްމަދުފުޅު ވާހަކަ ދައްކަމުން ގެންދިޔައެވެ. ”މުހައްމަދުފުޅު ތިދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟ ތީ މާބޮޑު ކަމެއް ނޫނޭ. ތީ ހަމަ އަރައިގެން އުޅޭ ވައިގަނޑެއް. ކޯކު ބޮނިކޮށް ތިކަން ރަނގަޅުވެދާނެ. އަންނާނަން ހިފައިގެން.“ މިހެން ބުނުމާއިއެކު، އަހަރެން ތެދުވަން މަސައްކަތް ކޮށްލީމެވެ. އެހެންނަމަވެސް އަހަރެން އެތަނުން ތެދުވިޔަނުދީ ބައިދަން ބޭނުންވެގެން މުހައްމަދުފުޅު ވަރަށް އާދޭސް ކުރިއެވެ. އެގޮތުގެ މަތިން އަހަރެންނަކަށްވެސް ތެދުވެގެން ދާކަށް ނުކެރުނެވެ. މުހައްމަދުފުޅު ދައްކަން ބޭނުންވި ވާހަކަ އަޑުއަހަން އަހަރެން މަޑުކޮށްލީމެވެ. އަދި އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”ނަފީސާ، އަހަރެން ފަހަރެއްގަވެސް މިބުނަނީކީ އަހަރެން ނެތް ދުނިޔެއެއްގަ ނަފީސާ އެހެން ޒަވާޖީ ޙަޔާތެއް ނުފަށާށެކޭ ނޫން އިނގޭ. ނަފިސާއަކަށްވެސް މުޅި އުމުރު އެކަނިވެރި ކަންމައްޗަކު ނޫޅެވޭނެކަން އަހަރެންވެސް ޤަބޫލުކުރަން. އެކަމަކު ޙަޔާތަށް ގެންނަ ކޮންމެ މީހަކާ އެކުގަވެސް އިޙުލާސްތެރިކަމާއެކީ ދިރިއުޅެން އެނގެން ވާނެ. އަހަރެންނަށް އެނގޭ ނަފީސާ އަހަރެން ދެކެ ލޯބިވާކަން. އެހެންނަމަވެސް އަހަރެންނަށް ޓަކާ މުޅި އުމުރު އެކަނިވެރިކަންމަތީ ހޭދަ ނުކޮށްލުން އެއީ އަހަރެންގެ ވަރަށް
ބޮޑު އިލްތިމާސްއެއް. ތިޔައީ ދުނިޔޭގެ ހެވާ ނުބައި ވަކިކުރަން އެނގޭ އަންހެނެއް. މީހަކު ދައްކާހާ ދަޅައަކަށް ނުހެއްލޭނެކަން އަހަރެންނަށް އެނގޭ. އެކަމަކުވެސް އަހަރެން ބުނަން ބޭނުންވަނީ، ދުނިޔޭގެ ދަޅަތަކަށް ނުހެއްލެއްޗޭ. އަލުން އާފެށުމަކުން ދިރިއުޅުމެއް ފަށަންވާނޭ. އެކަމަކު ވަރަށް ވިސްނާފަ ނޫނީ އެއްވެސް ފިޔަވަޅެއް ނާޅައްޗޭ.“ މުހައްމަދުފުޅުގެ އެބަސްތަކުން އަހަރެންނަށް ލިބުނީ ހައިރާން ކަމެކެވެ. ”މި މުހައްމަދުފުޅު މިއަދު މިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟ އަހަރެން މިބުނާ އެއްޗެއް އަޑުއަހާބަލަ. އަހަރެން އެބަ އަންނަމޭ ކޯކުދަޅެއް ހިފައިގެން. އިހަށް ތި ހާސަރުބޮނޑި ނުދަމާ ރީތިކޮން އޮވެބަލަ. ދަމުން ސަމްސުއްނިސާއަށް އިޝާރާތް ކޮށްލާފަ މިދަނީ މިގޭގަ މަޑުކޮށްލަން. ރީތިކޮން އޮވޭ އިނގޭ.“ މިހެން ބުނުމާއެކު މުހައްމަދުފުޅުގެ އަތުން އަތް ނައްޓުވާލުމާއިއެކު، އަހަރެން ބޭރަށް ނިކުތީމެވެ. ދޮރުން ނިކުންނަށް އެއްފައި ބޭރަށް އެޅި ވަޤުތު އަނެއްކާވެސް އަހަރެންނަށް ގޮވާލި އަޑު އިވިއްޖެއެވެ. އަހަރެންވެސް އެނބުރި ބަލާލީމެވެ. ލޮލުން ފެން އަންނަހާލު ވަރަށް އޯގާތެރި ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ދެން އަލަކުން ނުފެންނާނެޔޭ ބުނާ ކަހަލައެވެ. ކަނާއަތް އޮތީ މޭމަތީގައެވެ. އެއަތުން މަޑުމަޑުން މޭގައި ފިރުމަމުން ގެންދިޔައެވެ. އަހަރެންގެ ކަންބޮޑުވުން އިތުރުވިއެވެ. އެހެންނަމަވެސް އެދުވަސްވަރު އެތެރެ ހަށީގެ ކޮންމެ ތަދަކަށްވެސް އޮންނަ ރާއްޖެތެރޭގެ ޢާންމު ފަރުވާއަކީ، ކޮކާ ކޯލާއެވެ. އެގޮތުގެ މަތިން އަހަރެންވެސް އަވަސްވެގަތީ އެފަރުވާ މުހައްމަދުފުޅަށްވެސް ދޭށެވެ. ހުރިހާ ކަމެއްވެސް ހަމައަކަށް އެޅޭނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް އެދުވަހު ގޭގެ ދޮރުން ބޭރުވުމަށްފަހު، އަލުން އަނބުރާ އަހަރެންގެ މުހައްމަދުފުޅު އަހަރެނަށް ނުފެންނާނެކަން އަހަރެންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ. އެނގުނުނަމަ ހަމަ ގައިމުވެސް އަހަރެން އެވަޤުތު މުހައްމަދުފުޅު ކައިރިއަކުން ދުރަކަށް ނުދިޔައީމުހެވެ.
ގެއިން ނިކުމެގެން ދުވެފައިގޮސް ސަމްސުއްނިސާ ކައިރީގައި ބުނެލާފައި އަހަރެން ދުއްވައިގަތީ ރަށުގައި ހުންނަ ހަމައެކަނި ފިހާރައާއި ދިމާއަށެވެ. ބާރު ދުވެއްޔެއްގައި ދުވެފައި ގޮސް ކޯކު ދަޅެއް ހިފައިގެން އަހަރެން އައިސް ގެއަށް ވަނީމެވެ. މުހައްމަދުފުޅު ކައިރީގައި އިނީ ސަމްސުއްނިސާއެވެ. މުހައްމަދުފުޅަށް ބާރުބާރަށް ގޮވަނީއެވެ. ”މުހައްމަދުފުޅުބޭ. ލޯ ހުޅުވާލަބަލަ، މިފެންފޮދު ބޯލަބަލަ.“ އަހަރެން ބޭރަށް ނިކުތްއިރު، މުހައްމަދުފުޅުގެ މޭމަތީގައި އޮތް އަތް އޮތީ ބާއްވާފައި އޮތް އަށިން ބޭރާއި ދިމާއަށް ވެއްޓި އެލިފައެވެ. ބޯ އޮތީ އެއްފަރާތަށް އަރިވެފައެވެ. ސަމްސުއްނިސާ އިނީ ވާނުވާ ނޭންގޭ ޙާލުގައެވެ. ކަންބޮޑުވެފައެވެ. އެހެނަސް ރޯން ނޭންގިފައެވެ. އަހަރެންގެ އަތުގައި ހުރި ކޯކުދަޅު އަތުން ދޫވެގެން ވެއްޓުނީއެވެ. ދުވެފައިކަހަލަ ގޮތަކަށް މުހައްމަދުފުޅު ކައިރިއަށް ދިޔައީމެވެ. އަދި ބިންމަތީގައި ދެކަކޫ ޖަހާލައިގެން ކައިރީގައި އިށީންދެލީމެވެ. މުހައްމަދުފުޅުގެ ކޯތާފަތުގައި އަތް އަޅުވާލައިގެން އިނދެ ގޮވަން ފެށީމެވެ. މުހައްމަދުފުޅުގެ މުޅި ހަށިގަނޑު އޮތީ ފިނިވެފައެވެ. އެވަޤުތު ސަމްސުއްނިސާ ދުއްވައިގަތީ ޙަކީމުބޭބެ ގޮވައިގެން އެބަ އަންނަމޭ ބުނަމުންނެވެ. އިސާހިތަކު އެތަނަށް އެތައް ބަޔަކު ޖަމާވިއެވެ. އަހަރެންގެ ގަދައަޑު އިވިގެންނެވެ. ސަމްސުއްނިސާވެސް ޙަކީމުބޭބެ ގޮވައިގެން އައިސް ވަނެވެ. މުހައްމަދުފުޅުގެ އަތުގައި އަތް ޖައްސާލުމާއިއެކު ޙަކީމުބޭބެގެ ދުލުން ނިކުތީ އެންމެ ޖުމުލައެކެވެ. ”އިންނާލިﷲ ވައިންނާ އިލައިހި ރާޖިޢޫން“. އަހަރެންގެ މުހައްމަދުފުޅު އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަހަރެން މުޅިން އެކަނި ކޮށްލާފައެވެ.
އަރުޝީ މަޑުމަޑުން ޑައިރީ ލައްޕާލިއެވެ. ފެންކަޅި ވެފައިވާ ޙާލުގައެވެ. އިތުރަށް ކިޔުމުގެ ހިތްވަރު ނެތިގެން ފޮތް ލައްޕާލި ކަހަލަ ގޮތަކަށެވެ. އެހެނަސް ޑައިރީގެ އެހާ ހިސާބަށް ކިޔާލުމުން އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. ޑައިރީގައި ބުނެފައިވާ ގޮތުން ނަމަ އަރުޝީގެ މަންމައަކީ ދަރިން ނުލިބޭ މީހެއްގެ ގޮތުގައި މުޅި ރަށުގެ އެންމެންވެސް ފާހަގަކޮށްފައިވާ މީހެކެވެ. އެހެންވީއިރު އަރުޝީއަކީ ކާކުގެ ދަރިއެއް ހެއްޔެވެ؟ އަރުޝީގެ ބައްޕަގެ ގޮތުގައި އެންމެ ތުއްތުއިރުއްސުރެ ދެކެމުން އައިސްފައިވާ މީހާގެ ދަރިއެއް ބާވައެވެ. އެހެންވީއިރު ނަފީސާއަކީ އޭނަގެ ކާކު ހެއްޔެވެ؟ މަންމަ ހެއްޔެވެ. ނޫނީ ދޮންމަންމަ ހެއްޔެވެ؟ އަރުޝީގެ ނަސްލު އައިސްފައިވަނީ ކޮން ދިމާލަކުން ބާވައެވެ؟ އޭނަގެ އަސްލު މައިބަފައިންނަކީ ކޮބައިބާވައެވެ؟ އާނއެކެވެ. އަރުޝީގެ ހިތުތެރޭގައި އެއްފަހަރާ އެތައް ސުވާލެއް އުފެދިއްޖެއެވެ. އެހެނީ އޭނާގެ މަންމަ އިތުރު ކައިވެންޏެއް ކުރިކަމެއްވެސް މީގެ ކުރިއަކުން އަރުޝީއަކަށް އެނގިފައެއް ނެތެވެ. މިހުރިހާ ކަމަކާއިމެދު ވިސްނާލުމުން އަރުޝީ ތުރުތުރު އަޅަން ފެށިއެވެ. ޑައިރީއިން އިތުރު ޞަފްޙާއެއް ކިޔާލާނެ ހިތްވަރުވެސް ނެތިގެން ދިޔަކަހަލައެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އޭނާގެ މަންމަގެ މައްޗަށް އޮތް އިތުބާރުވެސް ނެތިގެން ދާން އުޅުނުކަހަލައެވެ. މި ހުރިހާ ފިކުރެއްގައި އޮއްވާ މަޑުމަޑުން ލޯ މެރެމުން ގޮސް އަރުޝީއަށް ނިދިއްޖެއެވެ.
- ނުނިމޭ –






