އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާ ބެހޭ ފޯރަމްގެ ޒުވާނުން ބިނާ ކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާ ރާއްޖޭގައި އިފްތިތާހު ކޮށްފިއެވެ. މި ޖަލްސާ އިފްތިތާޙު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް، އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާ ބެހޭ މައުޟޫއަށް ރާއްޖޭގައި ބާއްވާ ދެ ދުވަހުގެ ބައްދަލުވުން އިފްތިތާޙު ކޮށްދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް، ވިދާޅުވީ، އާބާދީއަށް އަންނަމުންދާ ހަލުއި ބަދަލުތަކާ ކުރިމަތިލުމަށް، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޮންފަރެންސްގެ މަންދޫބުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އޮނަރަބަލް ނާޡިމް ވަނީ 2014 ވަނަ އަހަރުގެ ބޯހިމެނުމާ ހަވާލާދެއްވަމުން ރާއްޖޭގެ އާބާދީ ތަރައްޤީ ވަމުން އަންނަ ގޮތުގެ ތަޞައްވުރެއް ހުށަހަޅުއްވައި ދެއްވާފައެވެ.
ރާއްޖޭގެ އާބާދީ، 2054 ވަނަ އަހަރުގެ ނިޔަލަށް އެއް މިލިއަނާ ގާތްކުރާނެ ކަމަށް ލަފާކުރެވޭއިރު، އާބާދީގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގައެވެ. އަދި އާބާދީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަރުދަނާ ސިއްހީ ފަރުވާއާއި، ނަފްސާނީ ސިއްހަތަށް ސަމާލުކަން ދިނުމާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ސިޔާސަތުތަކެއް އެކަށައެޅުމުގެ ބޭނުންތެރިކަމަށްވެސް އޮނަރަބަލް ނާޡިމް ވަނީ އަލިއަޅުވާލައްވާފައެވެ.
”ރާއްޖޭގެ އިންސާނީ ރައުސްމާލަށް ރާއްޖޭގެ ތަރައްޤީ ދެމެހެއްޓޭނެ އެވެ. އެކަން ދެމެހެއްޓެނިގޮތެއްގައި ކުރިއަށް ގެންދިއުމަށް އިންސާނީ ރައުސުމާލަށް އިންވެސްޓް ކުރަން ޖެހެއެވެ. ޒުވާނުން، ވަކިން ޚާއްޞަކޮށް ޒުވާން އަންހެނުންނަށް ތަޢުލީމާއި ހުނަރާއި ލީޑާޝިޕްގެ ދައުރު ފަހިކޮށްދޭން ޖެހެއެވެ.“ އޮނަރަބަލް ނާޡިމް ވިދާޅުވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި މުޖުތަމައުގެ ހެޔޮ ދުޅަހެޔޮކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަވާ ހެޕީނެސް މޯލްޑިވްސް ޕްރޮގްރާމާއި އަދި އެޕްރޮގްރާމާ ގުޅޭ ގައުމީ ހެޕީނެސް އިންޑެކްސްއަށްވެސް އަލިއަޅުވައި ލެއްވިއެވެ. އަދި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސިޔާސަތުތަކަކީ، މިންތީގެ ހަމަހަމަކަން ދެމެހެއްޓުމާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން، ބައިނަލްއަޤްވަނީ މިންގަނޑުތަކާ އެއްގޮތަށް އިޖުތިމާޢީ ދުޅަހެޔޮކަން ބައްޓަން ކުރެއްވުމަށް މުހިންމުކަން ދެއްވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި މަޖިލިސް މެމްބަރުންގެ ސަމާލުކަމަށް ޚާއްސަ މައްސަލައެއްވެސް ހުށަހެޅުއްވިއެވެ.
”އަޅުގަނޑުމެންގެ އެންމެ ތޫނުފިލި ސިކުނޑިތަކުގެ ތެރެއިން ގިނަ ބަޔަކު ރާއްޖެއިން ބޭރުގައި ރަނގަޅު ފުރުސަތުތައް ހޯދަމުން ގެންދާއިރު، އަޅުގަނޑުމެންގެ ޤައުމުގެ އިންސާނީ ރައުސުލްމާލު ހުސްވަމުންދާ މައްސަލައަކީ މިވަގުތު އަޅުގަނޑުމެންނާ ދިމާވެފައިވާ މުހިންމު ގޮންޖެހުމެއް. މިކަން ހައްލު ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތައުލީމީ ނިޒާމާއި ވަޒީފާގެ ފުރުސަތުތަކާއި މާޙައުލާއި، އިގްތިސާދީ ނިޒާމުތައް އިސްލާހުކުރަން ވަނީ ޖެހިފައި. އަޅުގަނޑުމެންގެ އެންމެ ހުނަރުވެރި ސިކުނޑިތައް ޤައުމުގައި ހިފެހެއްޓުމަށްޓަކައި އެފަރާތްތަކުން ޝައުޤުވެރިވާފަދަ މާހައުލެއް އުފައްދައި ދޭން އެބަ ޖެހޭ. … އަޅުގަނޑުމެންގެ ޤައުމު ކުރިއަރައިގެންދާނީ، މި ސިކުނޑިތައް ޤައުމުން ބޭރުވުމުގެ ބަދަލުގައި ޤައުމުގައި ހަރުލާނެ ފަދަ މާހައުލެއް ފަހިކޮށްދީގެން. އެކަން ކުރުމުގެ ޒިންމާއަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް“ އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމް ވަނީ، އޭއެފްޕީޕީޑީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރަކަށް ރާއްޖޭގެ ފަރާތުން ހުރާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޑރ. އަނާރާ ނަޢީމް އިންތިޚާބްވެ ވަޑައިގަތުމުމާ ގުޅިގެން އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި އެކަމުން ސާބިތުކޮށްދެނީ މިދާއިރާއިން ރާއްޖޭގެ ޒަޢާމަތީ ދައުރު ކަން އޮނަރަބަލް ނާޡިމް ފާހަގަ ކުރެއްވިއެވެ.
ރާއްޖޭން އިންތިޒާމު ކުރާ ދެކުނު އޭޝިއާ ސަރަހައްދުގެ އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާ ބެހޭ ސަބް ރީޖަނަލް ޕާލަމެންޓްރީ ބައްދަލުވުން މިއަދު އިފްތިތާޙުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.






