އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ފޮޓޯ އެމްޑީޕީ

ރާއްޖެއަށް އެމްޑީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުން: ޝާހިދު

މުހައްމަދު އަލީ
ޖޫން 26, 2025

ރާއްޖެ މިހާރުއޮތް ހާލަތަށް ބަލާއިރު، ރާއްޖެއަށް އެމްޑީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުންތެރި ކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ވިހިވަނަ އަހަރީދުވަހުގެ މުނާ ސަބަތުގައި ދެއްވި ކުރު ބަޔާނެއްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަސް ފާހަގަ ކުރަނީ ފަޚުރުވެރިކަމާއެކު އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އެޕާޓީއަކީ މިދިޔަ ވިހި އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވި ބަދަލު ގެނެސްދިން ޕާޓީ ކަމަށާއި ރާއްޖެއަށް އިސްލާހީ އެތައް ކަންތައްތަކެއް ގެނައި ޕާޓީ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ އިޖުތިމާއީ އެޖެންޑާ ކަނޑައަޅައިދިންޕާޓީ އަކީވެސް އެމްޑީޕީ ކަމަށް ވިދާޅުވިއެވެ.

”ހިތާމައަކީ އެމްޑީޕީ ވެރިކަމުން ބަދަލުވާ ކޮންމެ ފަހަރަކު ހޯދިފައިވާ ހުރިހާ ކުރިއެރުންތަކެއް ފަހަތަށް ސޮއްސާލާތީ. މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އެމްޑީޕީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުން. އަޅުގަނޑުމެންގެ ފަހަތުން މަސައްކަތްކުރާ ސިޔާސީ ޕާޓީތަކުން މިއަދު އެޖެންޑާ ކަނޑައަޅަނީ އަޅުގަނޑުމެންގެ އެޖެންޑާ ބަލައިގެން،“ ޝާހިދު ވިދާޅުވިއެވެ. އެއީ އެމްޑީޕީއަށް ހޯދިފައިވާ އެންމެބޮޑު ކުރިއެރުން ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ ނިޒާމާއި، ހިލޭ ބޭސްފަރުވާއާއި، ހިލޭ ޑިގްރީއާއި، ރަށްރަށުގެ ތަރައްގީ އަކީ އެމްޑީޕީގެ އެޖެންޑާގެ ތެރެއިން ކުރިއަށްދާ ކަންކަން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

”ކުޑަރަށެއް ބޮޑުރަށެއް ނެތި ތަރައްގީ ކުރަމުން ގެންދިޔުން، ވެރިކަމުގެ ބާރުތައް ބަހާލެވިފައިވުން، އެއްބާރުން އަނެއްބާރަށް ފާރަވެރިވުމުގެ ނިޒާމް، ސިޔާސީ ވާދަވެރި ހަރަކާތް ސުލްހަވެރި ކަމާއެކު ހިންގުމުގެ ޖާގަ ހޯދައިދިނުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުން މިހެން ގޮސް މިހުރިހާ ކަމަކީވެސް އެމްޑީޕީން ރައްޔިތުންނަށް ހޯދާދީފައިވާ ފުރުސަތުތައް، އޭނާ ވިދާޅުވެފައިވެއެވެ.

އެމްޑީޕީއަކީ ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ޚާރިޖީ ސިޔާސަތުގައި ހުރިހާ އެންމެންނާ ގުޅިގެން ފަޚުވެރިކަމާއެކު އިހްތިރާމް ރާއްޖެއަށް ހޯދާދީފައިވާ ޕާޓީ ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.

”އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު މުޅިއަހަރު ތެރޭގައި އަންނާނޭ އެންމެބޮޑު ބައްދަލުވުމަކީ ލޯކަލްކައުންސިލް އިންތިޚާބު. މި އިންތިޚާބުގައި މިސަރުކާރަށް ބޮޑުތަނުން ނޫނެކޭބުނެ، އަޅުގަނޑުމެން ވިހިވަނަ އަހަރު ފާހަގަކުރުމަށް މިކާމިޔާބީ ހާސިލް ކުރުމަށް އަޒުމް ކަނޑައަޅަމާތޯ؟ ލޯކަލް ކައުންސިލް އިންތިޚާބު ބޮޑުކޮށް ނަގަމާތޯ،“ ޝާހިދުގެ މެސެޖު ނިންމާލަމުން ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ