ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް އިންޝުއަރެންސެއް ތައާރަފްކުރަން ނިންމައިފިކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މި އިންޝުއަރެންސް ތައާރަފް ކުރަން ނިންމާފައިވަނީ 1447 އަހަރުގެ މުޙައްރަމް މަހުން ފެށިގެން ކަމަށެވެ.
މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެފަދަ މީހުންނަށް އިންޝުއަރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށްކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
”މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މި ދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ.“ ވަޒީރު ވިދާޅުވެފައިވެއެވެ.
ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ކުރެއެވެ. އެގޮތުން ޟަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް ޒަކާތު ފަންޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.






