ހުޅުމާލޭގައި އިމާރާޔްކުރާ އައު ސްކޫލަށް ރައީސް ދެއްވިނަމަކީ "ޝަހީދު ޢަލީ ސްކޫލް"

މުހައްމަދު އަލީ
ޖުލައި 4, 2025

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ޢިމާރާތްކުރަމުންދާ އައު ސްކޫލަށް ”ޝަހީދު ޢަލީ ސްކޫލް“ގެ ނަން ދެއްވައިފިއެވެ. މިނަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ޢިމާރާތް ކުރާ ސްކޫލެކެވެ. މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ސްކޫލްގެ ނަން ނިސްބަތްވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) – ޢަލީ ރަސްގެފާނަށެވެ. ޢަލީ ރަސްގެފާނަކީ އީމާންތެރިކަން ވަރުގަދަ، ހިތްޕުޅުގައި ޤައުމީ ލޯބި ފުން އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ދައުލަތަށް ވަފާތެރި، ދިވެހިރައްޔިތުންނާ މެދު ހިތްޕުޅުގައި ކުލުނާއި އިޚްލާޞްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ. ޢަލީ ރަސްގެފާނުގެ ނަންފުޅު ތާރީޚުގައި ފަވާލެވިފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދު އަދި ވަޠަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެއް ގޮތުގައެވެ.

މި ސަރުކާރުގެ އެންމެ ފުރަތަމަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު އަކީ ތަޢުލީމީ ބިނާއެއް ކަމުގައި ހެދުމަށްޓަކައި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ބިންގާ އެޅި މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެއެވެ

 

މި ލިޔުމާ ގުޅޭ