އެއާޕޯޓުގައި ކުއްތާއެއް ވައްވައް ޖަހައިފިނަމަ ހަދާނީ ކިހިނެއް؟

އިބްރާހީމްް ސަމީރު
ޖުލައި 6, 2025

އެމެރިކާގެ ޑަލަސް އެއާޕޯޓަށް ހަމީދު ރަމަޟާން ފޭބީ ޗުއްޓީ ހޭދަކޮށްލާށެވެ. ހަމީދު ރަމަޟާންގެ އެމެރިކާ ދަތުރުގައި ގެންދިޔައީ އުންމީދުން ފުރިގެންވާ ހިތަކާއި ކާނާއިން ބަރުކޮށްފައިވާ ފޮށްޓެކެވެ. އެއީ ފަންސަޔާޅީސް ކިލޯގެ ކާނާއެވެ. އޭނާގެ ޗުއްޓީ ހޭދަ ކުރާއިރު ކާން ބޭނުންވާ ބީފް ސްޓޭކްގެ މަސްކޮޅާއި ޓީވީ ބަލާއިރު ޕޮޕްކޯން ހަދާނެ ޒުވާރިއާއި ސަލަޑް ހަދަން ބޭނުންވާ މިރުހާއި ކަމްބާ ކޮޅެކެވެ.

އުމުރުން 70 އަހަރުގެ ހަމީދު ރަމަޟާނަށް އެމެރިކާގެ ފަސްގަނޑުގައި ހޭދަކުރެވުނު ވަގުތު 48 ގަޑިއިރަށް ވުރެންވެސް މަދުވާނެ ކަމަށް ޑަލަސް ކަސްޓަމްސް އޮފިސަރުން ބުނެއެވެ.

ހަމީދު ރަމަޟާންގެ މައްސަލައަކަށް ވީ ކަސްޓަމްސްގެ އޮފިސަރެއް ކަމަށްވާ ފްރެޑީގެ ގައިގައި ކޮޅުފައިން ޖެހުމެވެ. ހަމީދު ރަމަޟާންއަށް ކަސްޓަމްސް އޮފިސަރު ފްރެޑީ މުހިންމު ނުވީ އޭނާގެ ގައުމުގެ އާދަކާދަ ހުންނަ ގޮތުންނެވެ.

އޭނާ އުޅެބޮޑުވި މިސްރުގައި، މީހުން އެމީހުން ގެންގުޅޭ ހިމާރުގެ ފަޔަށްވެސް ފަހަރުވަލައި ހަދައެވެ. އެހެންވެ، ޖަނަވާރުންނަށް އިހުތިރާމް ކުރުމަކީ ހަމީދު ރަމަޟާންގެ ސަގާފަތުގެ ބައެއް ނޫނެވެ.

ހަމީދު ރަމަޟާނަށް ވީގޮތަކީ، އިމިގްރޭޝަން ނިންމާފައި، ކަސްޓަމްސްގެ ތެރޭން ދަނިކޮށް، ކަސްޓަމްސްގެ ކުއްތާ އޮފިސަރު ފްރެޑީ، އޭނާއާ ދިމާއަށް ވައްވައް ޖަހަން ފެށުމެވެ. ބަލާކަށް ނުހުރެ، ހަމީދު ރަމަޟާން ފައިން އެސޮރުގައި ސައްޕެއް ވިއްލާލީއެވެ. މި ހަމަލައިން ކަސްޓަމްސް އޮފިސަރު ބައްޅަ ފްރެޑީއަށް ގޯނާވިކަމަށް ބެލެވުނެވެ.

ހަމީދު ރަމަޟާންގެ ގައުމުގައިވެސް ސަރުކާރު މުވައްޒަފަކަށް ގޯނާ ކުރުމަކީ ގާނޫނީ ކުށެކެވެ. ބައްޅަ ފްރެޑީއަކީވެސް އެމެރިކާ ސަރުކާރުމުވައްޒަފެކެވެ.

މި ކަމާ ގުޅިގެން ވަގުތުން ހަމީދު ރަމަޟާން ހައްޔަރު ކޮށް ފްރެޑީ ވައްވައްޖެހި ސަބަބުން ބެލުމަށް ފޮށި ފާސްކޮށް ބަލަން ފެށިއެވެ. އޭނާގެ ފޮށިން ފެނުނީ، 25 ކިލޯގެ ގެރިމަހާއި 20 ކިލޯގެ ހަނޑުލާއި 7 ކިލޯ ބަށްޓާއި މިރުހާއި ކަމްބާއާއި ކޮތަނބިރިއާއި ގަރްގީރުފަތް ބޮނޑިއަކާއި 2 ކިލޯގެ ޒުވާރި އެވެ. ފްރެޑީއަކީ ލަގެޖުގައި ކާނާ އެތެރެ ކުރާ މީހުން ހޯދައިދޭ އޮފިސަރެވެ.

ސަރުކާރު މުވައްޒަފަކަށް އިހާނެތިކޮށް ހިތުމުން ދެން އެންމެ އަވަހަށް އޮންނަ ބޯޓުން ހަމީދު ރަމަޟާން ޑިޕޯޓުކޮށްލުމަށް ނިންމައި އިމިގްރޭޝަނުން ޑިޓެންޝަންގައި ބޭންދިއެވެ. އަދި ސައްޕެއް ޖެހުމުން އޮފިސަރު ފްރެޑީއަށް ލިބުނު އަނިޔާއަށް އެސޮރުގެ ސީޓީ ސްކޭނަށާއި ބޭސްފަރުވާއަށް ދިޔަ 800 ޑޮލަރު ހަމީދު ރަމަޟާން އަތުން ހޯދިއެވެ.

ދަންނާށެވެ! ރޮލާ ހުންނަ ކާނާއާއި ތަރުކާރީ އަތުލައިގަތުމަށް އިންޓަރނޭޝަނަލް އެއާޕޯޓުތަކުގައި ބައްޅަ ފްރެޑީ ފަދަ އޮފިސަރުން ގެންގުޅޭނެއެވެ. ބައެއް ފަހަރަށް ސިއްސައިގެންދާ ގޮތަށް ވައްވައް ޖަހާފާނެއެވެ. އެކަމަކު ނަމަނަމަ ފައިން ޖަހައި އެސޮރަށް އިހާނެތިކޮށް ނުހިތާށެވެ. އެއީވެސް ސަރުކާރު މުވައްޒަފެކެވެ.

މި ލިޔުމާ ގުޅޭ