1953 ގައި އީރާނުގައި، އެ ޤައުމުގެ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވުނު ވަޒީރުލްއައުޡަމެއް ހުއްޓެވެ. އީރާނުގެ އާންމު ރައްޔިތުން އޭނާއަށް ވޯޓް ދިނެވެ. އަދި އީރާނުގެ ޤާނޫނުހަދާ މަޖިލީހުން، އޭނާ ބޮޑުވަޒީރަކަށް އައްޔަން ކުރިއެވެ. އަދި އޭނާގެ ބޮޑުވަޒީރު ކަމުގައި ވަރަށް މުހިންމު ނިންމެވުމެއް އޭނާ ނިންމެވިއެވެ. އެގޮތުން، އީރާނުގެ ތެލަކީ، އީރާނުގެ ރައްޔިތުންގެ އެއްޗަކަށް ހެއްދެވުމަށް ނިންމެވިއެވެ. އޭނާ، އެ ނިންމެވުން، ނިންމެވިތާ 28 ދުވަސް ފަހުން އޮންނެވީ ޖަލުގެ ކުޑަ ގޮޅީގައެވެ.
އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ ”ސީ.އައި.އޭ“ އިން 2013 ވަނަ އަހަރު ވަނީ އެކަމަށް އިޢުތިރާފު ވެފައެވެ. 1951 ގައި، އީރާނުގެ ބޮޑުވަޒީރު ކަމަށް، މުޙައްމަދު މުޞައްދިޤު އިންތިޚާބު ކުރެވުނެވެ. އޭނާއަކީ އިންޤިލާބީއެއް ނޫނެވެ. އޭނާއަކީ ނިރުބަވެރިއެއް ވެސް ނޫނެވެ. އޭނާއަކީ ޤާނޫނީ ދާއިރާއިން ދަސްވެނިވެ ވަޑައިގެން ހުންނެވި ޤާނޫނީ މޮޅު ވަކީލެކެވެ. އޭނާ މަތީ ތަޢުލީމު ޙާޞިލުކުރެއްވީ ފަރަންސޭސިވިލާތުގެ ޕެރިހުންނެވެ. އަދި، ޤާނޫނީ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާާޞިލުކުރެއްވީ ސްވިޒަރލޭންޑުގެ ނިއުޝަތޭލް ޔުނިވަރސިޓީއިންނެވެ. ވިލާތުގެ ޔުނިވަރސިޓީއަކުން ޤާނޫނީ ދާއިރާއިން އެންމެފުރަތަމަ ޕީ.އެޗް.ޑީއެއް ހެއްދެވި އީރާނު މީހަކީވެސް މުޞައްދިޤެވެ. އޭނާ، އީރާނުގެ ޤާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހެޅުއްވިއެވެ. އެ ބިލުގައި، އޭނާ ހުށަހަޅުއްވާފައި ވަނީ ”އެންގްލޯ ޕާރޝިއަން އޮއިލް ކޮމްޕެނީ“، އީރާނުގެ ޤައުމީ ތެޔޮ ކުންފުންޏަށް ބަދަލުކުރާށެވެ. އެންގްލޯ ޕާރޝިއަން އޮއިލް ކޮމްޕެނީ އަކީ މިހާރު ބްރިޓިޝް ޕެޓްރޯލިއަމްގެ ނަމުން ދުނިޔެ ދަންނަ، މަޝްހޫރު ތެޔޮ ކުންފުންޏެވެ. އެވަގުތު، އީރާނުގެ ހުރިހާ ތެލެއް ނެގީ މި ދެންނެވި ތެޔޮ ކުންފުނިންނެވެ. އަދި ހުރިހާ ފައިދާއެއް ދަނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. އޭރު، އީރާނުގެ ތެލަށް، އީރާނުގެ ރައްޔިތުންނަށް ލިބެމުން ދިޔައީ ވަރަށް ކުޑަކުޑަ ޙިއްޞާއެކެވެ. ހުރިހާ ފައިދާއެއް އޮތީ އިނގިރޭސީންނަށެވެ. މުޞައްދިޤު ވިދާޅުވިއެވެ. ”މިއީ އަޅުގަނޑުމެންގެ ތެލެވެ.“
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ އިއްތިފާޤުން އެބިލު ފާސްކުރިއެވެ. އާންމު ރައްޔިތުން އުފަލުން ނުކުމެ މަގުތައް ފުރާލިއެވެ. އެކަމާ އިނގިރޭސިވިލާތުން އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަދި ވަގުތުން އީރާނަށް އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ. އީރާނުގެ ތެޔޮ އެއްވެސް ފަރާތަކުން ގަނެގެން ނުވާނެކަން އެންގިއެވެ. އެކަމަކު، އިނގިރޭސިވިލާތުގެ ބިރު ދެއްކުމަކަށް މުޞައްދިޤު ދީލައެއް ނުލެއްވިއެވެ. އެއަށްފަހު، އިނގިރޭސިވިލާތުން، އެމެރިކާގެ އެހީތެރިކަމަށް އެދުނެވެ. އަދި، އެމެރިކާގެ ސީ.އައި.އޭއާއި ޚާއްޞަ މަސައްކަތެއް ޙަވާލުކުރެވުނެވެ. އެއީ، އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ ކަމަށްވާ އެމް.16 އާ ގުޅިގެން ”އޮޕަރޭޝަން އެޖެކްސް“ ތަންފީޒު ކުރުމެވެ. ސީ.އައި.އޭ އިން އީރާނުގެ ތެރޭގައި އޮޕަރޭޝަން އެޖެކްސްގެ މަސައްކަތް ފެށިއެވެ. ނޫސްތަކުގައި މުޞައްދިޤާ ދެކޮޅަށް ދޮގު ވާހަކަތައް ލިޔަން ފެށިއެވެ. މުޞައްދިޤާ ދެކޮޅަށް ވާހަކަތައް ދެއްކުމަށް މައުލަވީންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދިނެވެ. ސިފައިންގެ އޮފިސަރުންނަށް ރިޝްވަތުދީގެން ބައެއް އޮފިސަރުން ގަނެލިއެވެ. މަގުތައް މަތީ ހަމަނުޖެހުންތައް ހިންގުވިއެވެ. ސީ.އައި.އޭގެ ޑިކްލެސިފައިޑު ލިޔެކިއުންތަކުގައި، އެ ހުރިހާ ކަމެއް އެމީހުން ކުރި ކަމަށް ލިޔެފައިވެއެވެ.
19 އޮގަސްޓް 1953 ގައި، އީރާނު ސިފައިން ނުކުމެ މުޞައްދިޤުގެ ވެރިކަން ނިމުމަކަށް ގެނައެވެ. އަދި، މުޞައްދިޤު ހައްޔަރު ކުރެއްވިއެވެ. ތިން އަހަރު ދުވަހު، ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަށްފަހު، ގޭބަންދަށް ބަދަލުކުރިއެވެ. އެއްގޮތަކަށްވެސް ގެކޮޅުން ބޭރަށް ވަޑައެއް ނުގެންނެވެއެވެ. އަދި، ގޭބަންދުގައި ހުންނަވަނިކޮށް، 05 މާރިޗް 1967 ގައި މުޞައްދިޤު އަވަހާރަވިއެވެ. މުސައްދިޤަށް ފަހު ހުރިހާ ބާރެއް ޝާހު ރިޒާ ޕަހެލަވީގެ ދަށަށް ގެނެވުނެވެ. ޝާހު ރިޒާ ޕަހެލަވީ ވެރިކަން ކުރެއްވީ ސީ.އައި.އޭ އާ ގުޅިގެންނެވެ. އީރާނުގެ ތެޔޮ، އަލުން އަނބުރާ ބިދޭސީ ކުންފުނިތަކަށް ދޫކޮށްލިއެވެ. އެމެރިކާއިން، ޝާހު ރިޒާ ޕަހެލަވީއަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ. ޝާހު ރިޒާ ޕަހެލަވީ، އޭނާގެ ރައްޔިތުންނަށް އަނިޔާވެރިވިއެވެ. އޭނާގެ ސިއްރު ފުލުހުން ކަމަށްވާ ”ސަވާކު“ އިން މީހުން ވަގަށް ނެގިއެވެ. އަދި އެތައް ބަޔަކު މަރައިލިއެވެ. އޭގެއިތުރުން، އެތައް ބަޔަކު ހައްޔަރުކޮށް، އެ މީހުންނަށް ލާއިންސާނީ އެތައް އަނިޔާއެއް ދިނެވެ. އެ، އަނިޔާވެރިކަން 26 އަހަރު ވަންދެން މެދުނުކެނޑި ކުރިއަށް ދިޔައެވެ.
1969 ގައި ޝާހު ރިޒާ ޕަހެލަވީއާ ދެކޮޅަށް އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުތެވެ. އަދި، އިންޤިލާބު ގެނެވުނެވެ. އަދި، މިއަދުގެ އީރާނަކީ އެމެރިކާ ދެކެ ނަފުރަތުކުރާ ޤައުމެކެވެ. އެ ނަފުރަތުގެ އަސްލަކީ 1953 ގައި، ސީ.އައި.އޭ އިން އީރާނުގައި ހިންގި ހަމަނުޖެހުމެވެ. އެ ހަމަނުޖެހުމުގައި، އީރާނުގެ ރައްޔިތުން އިންތިޚާބުކުރި ވަޒީރުލްއައުޡަމްގެ ވެރިކަން ވައްޓައިލީ، އީރާނުގެ ތެޔޮ އީރާނުގެ ރައްޔިތުންގެ އެއްޗަކަށް ބަދަލު ކުރުމުންނެވެ. 2013 ގައި، ސީ.އައި.އޭ އިން އެ ހުރިހާ ކަމަކަށް، އިޢުތިރާފުވިއެވެ. އެގޮތުން، ސީ.އައި.އޭގެ ޑިކްލެސިފައިޑް ލިޔެކިއުންތަކުގައި، އެ އޮޕަރޭޝަން ހިންގީ އެމެރިކާއާއި، އިނގިރޭސިވިލާތުން ގުޅިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. 2013 ވަނަ އަހަރު ބަރަކް އޮބާމާގެ ރިޔާސީ ދައުރުގައި، އެމެރިކާ ސަރުކާރުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ފައިސާ ދިންކަމާއި އަދި އޮފިޝަލުންނަށް ރިޝްވަތުދިން ކަމަށް އެއްބަސްވެފައެވެ. އަދި އީރާނުގައި ކުރެވުނު ބަޣާވާތުގައި، އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ދަށުން އިސްދައުރެއް އަދާކުރިކަމަށް ރަސްމީކޮށް ގަބޫލުކޮށްފައެވެ. މުޞައްދިޤުގެ ހަމައެކަނި ކުށަކަށްވީ، އޭނާގެ ޤައުމުގެ ޤުދުރަތީ މުއްސަނދިކަން، އަނބުރާ އޭނާގެ ޤައުމުގެ މިލްކަކަށް ހެދުމެވެ. 1953 ގައި އީރާނުގައި ޤާއިމުކުރި ޑިމޮކްރެސީ، އެމެރިކާއާއި، އިނގިރޭސިވިލާތުން ގުޅިގެން ކަފުންކޮށް ވަޅުލީއެވެ. އަދި އޭގެފަހުން އީރާނަކަށް ކުފުރުގެ ޑިމޮކްރެސީއެއް ގެނެވޭ ގޮތެއް ނުވިއެވެ.
އަވަހާރަވުމުގެ ކުރިން، 21 ޖުލައި 1952 ގައި ހިނގި ސިޔާސީ ހަމަނުޖެހުމުގައި މަރުވި މީހުން ވަޅުލާފައިވާ އާންމު ޤަބުރުސްތާނުގައި ވަޅުފުޅުލެއްވުމަށް އެދިވަޑައި ގަތުމުންވެސް، މުޞައްދިޤުގެ ޖަނާޒާ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ބާއްވައި، ވަޅުފުޅުލެއްވުމަށް، ރިޒާ ޕަހެލަވީގެ ސަރުކާރުން ހުރަސްއެޅިއެވެ. އެހެންކަމުން މުޞައްދިޤު ވަޅުފުޅުލައްވާފައި ވަނީ، ގޭބަންދު ކުރައްވާފައި ހުންނެވި ގެކޮޅުގެ ސިޓިންގރޫމްގައެވެ.






