މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެ، ތުކީގެ އަސްކަރީ ނުފޫޒު ފުޅާވުމުން ގްރީސްއާއި އިންޑިއާ ތުރުކީއާ ދެކޮޅަށް ސަމާލުވާން ޖެހޭ ކަމަށް ގްރީސްގެ މުހައްލިލުން އިންޒާރު ދެއެވެ. ތުރުކީއަކީ ޒަމާނުއްސުރެން ގްރީސްގެ ވާދަވެރިއެކެވެ. އަދި އަވަށްޓެރިއެއްވެސް މެއެވެ.
ތުރުކީން ވަނީ ޒަމާނީ ޑްރޯން ޓެކްނޮލޮޖީގެ ތެރެއިން ތުރުކީ ސިފައިން ބާރުގަދަ ކޮށްފައެވެ. ތުރުކީގެ ޑްރޯންތައް ކަމަށްވާ ބޭރަގްދާރް ޑްރޯންތައް ޔޫކްރޭންގައި ބޭނުންކުރަމުން ދެއެވެ. އަދި އެއާއެކު ތުރުކީން ވަނީ އެގައުމަކީ ސަރަހައްދީ ބާރަކަށް ވުމުގެ ޝައުގުވެރިކަން ގެންގުޅޭ ގައުމެއްކަން ސާބިތުކޮށްދީފައެވެ. ގްރީސްގެ މުހައްލިލުން ދެކެނީ ތުރުކީގެ ސަރަހައްދީ ވެރިކަމަކީ އެކަމުން ގްރީސްއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖޫން މަހުގެ 15 ވަނަ ދުވަހު ސައިޕްރަސްއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އިންޑިއާގެ އަވަށްޓެރިން ކަމަށްވާ ޕާކިސްތާނާއި ޗައިނާގެ ފުށުން މިފަދަ އިންޒާރުތަކާ އިންޑިއާއިންވެސް ކުރިމަތިލާ ކަމަށެވެ.
ގައުމުތަކުން ދިފާއަށް ހޭދަކުރާ އަދަދުތައް ދިރާސާ ކުރާ ސިޕްރީގެ ޑޭޓާއަށް ބަލާއިރު 2024 ވަނަ އަހަރު އިންޑިއާގެ ޑިފެންސް ހަރަދު 86.1 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. އަދި މުހައްލިލުން ވަނީ އިޒްރޭލުގައި އުފައްދާ ޑްރޯން ބޭނުން ކުރުމަށް ގްރީސްއާއި އިންޑިއާއަށް އިރުޝާދު ދީފައެވެ. އެފަރާތްތަކުން ބުނަނީ އިޒްރޭލުން ޓެސްޓްކޮށްފައިވާ މި ޑްރޯންތަކަކީ ދުރު ރާސްތާއަށް ދަތުރުކޮށް ހިމޭންކަމާއެކު ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭ ޑްރޯންތަކެއް ކަމަށެވެ.
ގްރީސްއިން ވެސް ވަނީ ދިފާއީ ވަސީލަތްތައް ޒަމާނީ ކުރުމަށް އެޖެންޑާ 2030 އެކުލަވާލާފައެވެ. މި އެޖެންޑާގެ ދަށުން އަމިއްލަ ދިފާއީ އުފެއްދުން އުދެއްދުމަށް އިންވެސްޓް ކުރަން ގޮވާލައެވެ.






