މިހާރުގެ ލިޔުންތެރީންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ އިލްތިމާސެއް ކުރައްވައިފިއެވެ. ލިޔުންތެރިންގެ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވީ އަދުގެ ލިޔުންތެރިން ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ގަލަންތައް ހަރަކާތްތެރި ކުރުވުމަށެވެ. އޭގެ އިތުރުން އައު ޚިޔާލުތަކާއި އައު ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިކުރުމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ވިދާޅުވެފައިވަނީ ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާގެ އަގުވަޒަންކުރައްވާ ކަމަށެވެ. އަދި ލިޔުންތެރިންނަށް ތާރީފުގެ ބަސްތަކާއި ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ލިޔުންތެރީން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ޤައުމާއި އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމަށެވެ. ލިޔުންތެރީންގެ ދައުރެއް ނެތް ދާއިރާއެއް ޤައުމެއްގައި ނިސްބަތުން ނޯންނަކަމަށާއި،ފަރުދީ، މަދަނީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކުގެ އިތުރުން ދީނީ، ތަޢުލީމީ، ވިޔަފާރި އަދި ސިޔާސީ ދާއިރާގައިވެސް ލިޔުންތެރީން އަދާކުރާ ދައުރު ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މި ހުރިހާ ދާއިރާއެއްގައި ލިޔުންތެރީންގެ ދައުރު އޮންނަ ހިނދު، ޤައުމީ ޚިދުމަތުގައި ލިޔުންތެރީން އަދާކުރަން ޖެހޭ ޒިންމާ އާއި ލިޔުންތެރިކަމުގެ ހައްސާސް ޒާތުގެ މަތީން އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ. އެގޮތުން ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭކަމަށާއި، ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ގެއްލުން ލިބޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ދިވެހި ޤައުމު ބިނާކުރުމުގައި، ލިޔުންތެރީން އެކި ދާއިރާތަކުން މުހިންމު ޚިދުމަތްތައް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ ”ލިޔާށެވެ. މަގުދައްކާށެވެ.“ މިއެވެ.






