ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ސޮނެވާ ނަމޫނާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެމްސީއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ސޮނެވާ ނަމޫނާއިން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަޒްހޫރާ އަޙްމަދުއެވެ. މި ފަހުމްނާމާގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
މީގެ މަޤްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުން ކަމަށް އެމްސީއެސް އިން ވިދާޅުވެފައިވެއެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ގައިދީންނަށާއި އޮފިސަރުންނަށް އިސްރާފްކުރެވޭ ކާބޯތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީންތަކާއި ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.






