ޕާކިސްތާނުން އެމެރިކާއާއެކު ގުޅުން ބޭއްވުމަށްފަހު، ޗައިނާއަށް ދީލާލައިގެން ސްޓްރެޓެޖިކް ގުޅުމެއް ޗައިނާއާއެކު ގާއިމް ކޮށްފައިވާ ކަމަށް އަސްކަރީ ދިރާސާ ކުރާ ޑައިރެކްޓަސް އިން ބުނެއެވެ.
ޕާކިސްތާނަކީ، 1960 ގެ އަހަރުތަކުން ފެށިގެން ޗައިނާއާ ބަދަހި ގުޅުމެއް ފަށައި، އިންޑިއާއާ ދެކޮޅުވެރިވެ، ސަރަޙައްދީ ނުފޫޒު އިތުރުކުރުމަށްޓަކައި ބެއިޖިންގގެ އިޤްތިޞާދީ އަދި އަސްކަރީ އެހީތެރިކަން ހޯދާފައިވާ ގައުމެކެވެ.
އަދި 62 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމުގައިވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕީއީސީ) ގެ ދަށުން ހިންގޭ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ޗައިނާ ވަނީ ޕާކިސްތާނާއި އިގްތިސާދީ ގޮތުން ގުޅި ލާމެހިފައެވެ.
ޕާކިސްތާންގައި ސިފައިންނަކީ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ ބައެކެވެ. އަދި އަނެއްކޮޅުން ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ޕާކިސްތާނުން ވަނީ އަސްކަރީ އަދި ސަލާމަތީ ކަންކަމުގައި އެމެރިކާއާއެކު ގުޅުން ދަމަހައްޓަމުން ގެންގޮސްފައެވެ.
ޑައިރެކްތަސްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ވަނީ އެމެރިކާއިން ފޯރުކޮށްދޭ ސާމާނު ގެ މައުލޫމާތުފަދަ ހައްސާސް މައުލޫމާތާއި ސިއްރު ޖާސޫސީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
މި ދެ ސްޓްރެޓެޖީގެ ސަބަބުން އެމެރިކާއާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވެއެވެ. އަދި ޕާކިސްތާނުން ބެއިޖިންގއާ ގުޅުން ބަދަހިކުރަމުންދާތީ ވޮޝިންގްޓަންގައި ވެސް ނުތަވަސްކަމެއް އުފެދިފައި ވެއެވެ.
ފާޑުކިޔުންތެރިން ދެކޭގޮތުގައި ސިފައިން އަމަލުތައް ބަހައްޓާގޮތުން ޤައުމީ މަޞްލަޙަތަށްވުރެ ސްޓްރެޓެޖިކް ފައިދާތަކަށް އިސްކަންދީފައި ވެއެވެ. އަދި ޕާކިސްތާނުން އިޤްތިޞާދީ ގޮތުން ޗައިނާއަށް ބަރޯސާވުމުގެ ނުރައްކާ ވެސް ކުރިމަތިވެފައިވެއެވެ.
ޑައިރެކްޓަސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ގެންގުޅެން އުޅޭ ހަމަހަމަކަމުގެ ސަބަބުން ސަރަޙައްދީ ހަލަތަށް ބަދަލުތަކެއް އައިސް، ޚާއްޞަކޮށް އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ގޯސްވެދާނެކަމަށް ބެލެވެއެވެ. އަދ ޕާކިސްތާންގެ ޚާރިޖީ ސިޔާސަތު މިހާރަށް ވުރެން ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަށް ވެސް ޑައިރެކްޓަސްގެ ރިޕޯޓްގައި ގޮވާލާފައި ވެއެވެ.






