ދުނިޔޭގެ އެންމެ މުސްކުޅި ރައީސްގެ ގޮތުގައި ފާހަގަކުރެވޭ، ކެމެރޫންގެ ރައީސް ޕައުލް ބިއާ، އަދިވެސް ވެރިކަމުގައި ހުންނެވުމަށް އެދިވަޑައިގެންފިއެވެ. އުމުރުފުޅުން 92 އަހަރުފުޅުގެ ޕައުލް ބިއާ މިހާރުވެސް ވެރިކަން ކުރައްވަމުން ގެންދަވާތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމަނިކުފާނުގެ މި ނިންމެވުމަކީ ދުނިޔޭގެ ސިޔާސީ މައިދާނަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ.
މި ރައީސަށް އަދި 8 އަހަރު ފަހުން 100 އަހަރު ފުރިވަޑައިގަންނަވާނެއެވެ. އަދި މިހާރުގެ ވެރިކަމަށް 10 އަހަރު އިތުރުވެއްޖެނަމަ، ބައިގަރުނު ދުވަހު ވެރިކަން ކުރެއްވުމުގެ ރެކޯޑު އެމަނިކުފާނު ހާސިލްކުރައްވާނެއެވެ. 20 ވަނަ ގަރުނުގައި ޒުވާނެއްގެ ގޮތުގައި އުޅުއްވި ޕައުލް ބިއާ، 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީ (ސޯޝަލް މީޑިއާ) ބޭނުންކުރައްވައިގެން ރައްޔިތުންނަށް އިއުލާން ކުރެއްވީ، އަދިވެސް ރައްޔިތުންނަށް ޚިދުމަތްކޮށްކޮށް އެމަނިކުފާނުގެ ހިތް ނުފުރޭ ކަމަށެވެ.
ކުރިއަށް އޮތް ކެމެރޫންގެ ރިޔާސީ އިންތިޚާބު އޮންނާނީ އޮކްޓޯބަރު 12 ވަނަ ދުވަހުއެވެ. ޕައުލް ބިއާއަށް މި އިންތިޚާބުގައި ކޮންމެވެސް ވަރެއްގެ އުދަގުލަކާ ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިޔާސީ ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ. ނަމަވެސް 40 އަހަރު ދުވަހުގެ ވެރިކަމުގެ ތަޖުރިބާއާއި، ”ކުޑަ ކާފާއި ބޮޑު ކާފު“ ބޭނުން ކުރައްވައިގެން އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވުން ދூரެއް ނޫން ކަމަށްވެސް އެ ބޭފުޅުން ބުނެއެވެ.
ޕައުލް ބިއާ ވެރކަމަށް ވަޑައިގަތީ 1982 ވަނަ އަހަރު ކުރީގެ ރައީސް އަހުމަދު އަހިދުޖޯ އިސްތިއުފާ ދެއްވުމުންނެވެ. ކެތޮލިކެއް ކަމަށްވާ ބިއާ ހުންނެވީ އަހުމަދު އަހިދޯޖޯގެ ސަރުކާރުގެ ނާއިބް ރައީސްގެ މަގާމުގައެވެ. ކެމެރޫންގެ އާބާދީގެ 30 އިންސައްތައަކީ މުސްލިމުންނެވެ.
ފާއިތުވި އަހަރު، ރާއްޖެއަށް ޗުއްޓީ ހޭދަކުރެއްވުމަށް ވަޑައިގަތުމަށް ފަހު، ޕައުލް ބިއާ ބަޔާޅީސް ދުވަސް ވަންދެން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. އެއީ ގައުމީ ސަލާމަތަށްވެސް ބިރުވެރިކަމެއް ކުރިމަތިވި ހާލަތެކެވެ. ބައެއް ފަރާތްތަކުން ބުނީ ގަނޑުވަރުގައި އާލަސްކަންފުޅުގައި އެނދުމަތި ކުރެވުނީ ކަމަށެވެ. އަނެއް ބަޔަކު ބުނީ ސުއިޒަރލެންޑްގައި ބޮޓޮކޮސް ޖައްސަވަން ވަޑައިގެން އުޅުއްވަނީ ކަމަށެވެ. އެމަނިކުފާނުގެ މި ސިއްރުވެރި ދަތުރާއި ގެއްލިފައި ހުންނެވުމުގެ ސަބަބުން، ކެމެރޫންގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެ، ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރުވެރިކަން އުފެދުނެވެ.
މިދިޔަ ހަފްތާތަކުގައި ބިއާގެ އިސް ދެ ސަޕޯޓަރަކު ވަނީ ސަރުކާރުން އިސްތިއުފާ ދެއްވައި އަމިއްލަ ޕާޓީއެއް އުފައްދާފައެވެ. އެމްޕްލޯއިމަންޓް މިނިސްޓަރު އީސާ ޗިރޯމާ ބަކްރީ ވަނީ އޭނާގެ ”ފްރަންޓް ފޯ ދަ ނޭޝަނަލް ސެލްވޭޝަން އޮފް ކެމަރޫން“ ގެ ފަރާތުން ވާދަ ކުރައްވާނެކަން އިއުލާން ކުރައްވަމުން ސަރުކާރުން އިސްތިއުފާ ދެއްވާފައެވެ. އަދި 30 އަހަރު ވަންދެން ބިއާގެ އެކުވެރިއެއް ކަމަށްވާ ކުރީގެ ބޮޑުވަޒީރު ބެލޯ ބައުބާ މައިގާރީ ވަނީ ”ނޭޝަނަލް ޔޫނިއަން ފޯ ޑިމޮކްރަސީ އެންޑް ޕްރޮގްރެސް“ އިން ވާދަ ކުރަން ނިންމަވާފައެވެ.
މި އިންތިޚާބަކީ ޕައުލް ބިއާގެ ވެރިކަމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ބެލެވެއެވެ. ނަމަވެސް އެމަނިކުފާނުގެ ދިގު ތަޖުރިބާއާއި ސިޔާސީ ހުނަރުގެ ސަބަބުން ކެމެރޫންގެ ރައްޔިތުން އަނެއްކާވެސް ވެރިކަމަށް އެރުވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.






