މޮޒަމްބިކަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ޗައިނާއަށް ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ތައްޔާރުވަނީ

އިބްރާހީމްް ސަމީރު
ޖުލައި 16, 2025

ގުދުރަތީ ގޭހުން މުއްސަނދި، ދެކުނު އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ މޮޒަމްބިކަށް މިހާރު ދިމާވެފައިވާ ބޮޑު އިޤްތިޞާދީ ދަތިކަމުގެ ސަބަބުން، އެޤައުމުގެ އެންމެ ބޮޑު ދަރަނިވެރިޔާ ކަމަށްވާ ޗައިނާއަށް ދައްކަންޖެހޭ 1.4 ބިލިއަން ޑޮލަރުގެ ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ވިސްވަމުންދާ ކަމަށް، އެޤައުމުގެ ރައީސް ޑެނިއެލް ޗަޕޯ ވަނީ އިއުލާން ކުރައްވާފައެވެ. މިއީ މޮޒަމްބިކްގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެކަން ހައްލުކުރުމަށް އަޅާ ފިޔަވަޅެކެވެ.

މޮޒަމްބިކްގެ އިޤްތިޞާދު ވަނީ ޖެހިޖެހިގެން ދެ ކުއާޓަރުގައި ދަށަށް ގޮސްފައެވެ. ޚާއްސަކޮށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބާ ގުޅިގެން އެޤައުމުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދު ވަނީ އިތުރަށް ގޯސްވެފައެވެ. މި ހަމަނުޖެހުންތަކުގައި ސަތޭކަޔަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގިނަ ފެކްޓަރީތަކާއި ފިހާރަތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

މި ކަންތައްތަކުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ދަރަނި އަދާކުރުމުގެ ބުރަ ބޮޑުވެ، ދެމެހެއްޓެނިވި މާލީ ސިޔާސަތެއް ގެންގުޅެވިދާނެ ކަމާ މެދު ބޮޑެތި ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. މޮޒަމްބިކްގެ ޖުމްލަ ބޭރުގެ ދަރަނި 9.8 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ޗައިނާއިންނެވެ. މި ދަރަނީގެ ބޮޑު ބައެއް އައިސްފައިވަނީ ޗައިނާއިން ބިނާކޮށްފައިވާ ބިޔަ މަޝްރޫޢުތަކާ ގުޅިފައިވާ ލޯނުތަކުންނެވެ.

ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ރަސްމީ މަޝްވަރާތައް އަދި ފަށާފައިނުވި ނަމަވެސް، ރައީސް ޗަޕޯ ވިދާޅުވީ ދަރަނި އަލުން ތާވަލުކުރުން ނުވަތަ މާފުކޮށް ދިނުމަށް އެދޭނެ ކަމަށެވެ. މޮޒަމްބިކްގެ މާލީ ގޮންޖެހުންތައް އިތުރަށް ގޯސްވަނީ ދަރަނި އަދާކުރުމުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ. އެ ގައުމުން ގައުމީ އުފެއްދުމުން ލިބޭ އާމްދަނީގެ 42 އިންސައްތަ ހޭދަ ކުރަނީ ދަރަނި ދެއްކުމަށެވެ.

މޮޒަމްބިކްގެ މި ފިޔަވަޅަކީ ޗައިނާގެ ދަރަންޏަށް ބަރޯސާވުން ކުޑަކުރުމަށް މަސައްކަތްކުރާ ގާނާ އާއި ޒެމްބިއާ ފަދަ އެފްރިކާގެ އެހެން ޤައުމުތަކާ އެއްގޮތް ފިޔަވަޅެކެވެ. މީގެ އިތުރުން، އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑާއެކު އާ މުޢާމަލާތެއް ފެށުމަށްވެސް މޮޒަމްބިކުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

 

މި ލިޔުމާ ގުޅޭ