އިންޑިއާ އާއި ޗައިނާއިން އަމަލީގޮތުން އެއްބާރުލުން ކުރިއަށް ގެންގޮސް، ދެގައުމުގެ ގުޅުން ހަމައަކަށް އަޅުވައި، ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޗައިނާގެ ނައިބު ރައީސް ހާން ޒެންގް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ހާން މިކަމަށް ގޮވާލެއްވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ބެއިޖިންގައި ބޭއްވެވި ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވަމުންނެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، ޖުލައި 15 ވަނަ ދުވަހު ޗައިނާގެ އުތުރުގެ ޓިއަންޖިންގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ސަރަހައްދީ ސަލާމަތީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ނައިބު ރައީސް ހާންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޖައިޝަންކަރު ވަނީ އިންޑިއާ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 75 އަހަރު ފުރުމަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ. ”އަޅުގަނޑުމެންގެ ގުޅުންތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމުން ދެފަރާތަށް ފައިދާހުރި ނަތީޖާތަކެއް ނެރެވޭނެ“ ޖަޔަޝަންކަރު ވިދާޅުވިއެވެ.
ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން އަކީ، ހުޅަނގުގެ އިއްތިހާދުތަކަށް ވާދަވެރި ޖަމާއަތެއްގެ ގޮތުގައި ޗައިނާއިން އިސްވެ ހަރަކާތްތެރިވާ 10 މެމްބަރުންގެ ޖަމާއަތެކެވެ. އޭގެ އިތުރުން މިއީ ސަލާމަތާއި ވިޔަފާރިއާއި ސައިންސް ފަދަ ދާއިރާތަކުން މެމްބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއްވެސް މެއެވެ.
2020 ވަނަ އަހަރު ހިމަލާޔާ ބޯޑަރުގައި ހިނގި ނުރައްކާތެރި އަސްކަރީ ހަމަނުޖެހުންތަކުގެ ސަބަބުން އިންޑިއާއިން ވަނީ ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ޗައިނާއަށް ދަތުރުތައް ހުއްޓާލުމާއި ޗައިނާގެ ގިނަ އެޕްތައް މަނާ ކުރުމާއި، ޗައިނާގެ އިންވެސްޓްމަންޓް ހަނިކޮށްފައެވެ. މިއަހަރުގެ ޖަނަވަރީން ފެށިގެން ދެ ގައުމުން ވަނީ ސީދާ ދަތުރުތައް އަލުން ފަށާފައެވެ.






