މަސްވެރިކަމަށް އަމިއްލަ ބްރޭންޑެއް

މުހައްމަދު އަލީ
ޖުލައި 18, 2025

މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ދިވެހިރާއްޖޭގެ އަމިއްލަ ބްރޭންޑް ”ފްރޮމް މޯލްޑިވްސް“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ބްރޭންޑު އިފްތިތާހު ކޮށްދެއްވީ އިނގިރޭސި ވިލާތުގައި މިއަދު ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައެވެ.

މިއީ ދިވެހި މަސްވެރިކަމުގެ ސިނާޢަތް ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ފްރޮމް މޯލްޑިވްސް” ގެ މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާ ގުޅުވާލުމެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމައަށް ކުރާނެ ކަން ކަށަވަރު ކުރުމެވެ. ބްރޭންޑްގެ އަމާޒަކީ ވިޔަފާރީގެ ފައިދާއާއި ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ކުރިއަށް އޮތް އަހަރުތަކަށް ގެނެސްދިނުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަންވެސް މި ބްރޭންޑުން ދައްކުވައިދެއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްޤީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާޢަތެއްކަންވެސް މި ބްރޭޑްއިން ރަމްޒުކޮށްދެއެވެ.

މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ. މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެކެވެ.

ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ މީހުންނަށް ބައިނަލްއަގްވާމީ ބާޒާރުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ހުޅުވިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.

ފްރޮމް މޯލްޑިވްސް މި ބްރޭންޑަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ