މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި، ބުރަ، ޤައުމީ މަސައްކަތުން އަދުގެ ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދެވިފައި އޮތް އެއްޗެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު އޮތް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މިނިވަންކަން މިގޮތުގައި ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއްކަމަށެވެ.
”ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައްޔާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުގައި، ތިމަންނާ މަސައްކަތްކޮށްފީވިއްޔާ އެކަންޏޭ އެކަން އެވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު، އެއްވެސް ޝައްކެއްނެތި، މިއަދު ޔަޤީންކަމާއެކު ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ،“ ރައީސް ވިދާޅިވިއެވެ. ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ފޯރުކޮށްދެވޭނެ މި ނޫން ގޮތެއް ނެތްކަން ހަނދާންކޮށްދެއްވާ ކަމަށެވެ. ޤައުމީ ލޯބި އިސްކުރެވެން އޮތީވެސް މިމޭރުމުން ކަމުގައި ވިދާޅުވިއެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުން ކަމަށާ، އެހެން ބައެއްގެ އެހީ ހޯދިކަމުގައި ވީ ނަމަވެސް، ދިވެހީންނަށް ބޭނުންވާ ކަންކަން ދިވެހީންގެ އަމިއްލަ އަތުން ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހީންނަށް ފައިދާކުރަނިވި ކޮންމެ ކަމެއްގައި، ބޭރު ޤައުމުތަކާ ގުޅުން ބޭއްވުންވެސް އޭގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ކުރެވެން އޮތީވެސް އެންމެންވެސް އެއް މިސްރާބަކަށް ކުރިއަށް ގޮސްގެން ކަމަށާ، ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީވެސް މި ވިސްނުމުގައި ޤައުމީ ލޯބި އިސްކޮށްގެންކަމުގައި ވީ ހިނދު، މިކަން މިގޮތަށް ކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ދިވެހިރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
ޤައުމުގެ ތަރައްޤީ ކުރިއަށްގެންދިއުމުގައި ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމަށާ، އިހްލާސްތެރިކަމާއެކު ވަޢުދުފުޅުތައް ފުއްދެވުމުގައި ރެޔާއި ދުވާލު މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ވިދާޅުވެފައެވެ.






