ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

ހިރި ނިއުސް
ޖުލައި 28, 2025

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސް ޑިސަނާޔަކެއަށް އިސްތިގުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ މަނިކުފާނަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް މިއަދު މެންދުރުފަހު ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސް ޑިސަނާޔަކެ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާއިރު، މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.

 

މި ލިޔުމާ ގުޅޭ