މާލޭގެ ކެފޭއަކުން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މިއީ ޤަވާއިދާ ޚިލާފަށް އުޅެމުން އައި ދެ މީހެއް ކަމަށެވެ.
މި ދެމީހުން ހައްޔަރުކުރީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ ކެފޭއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސް އިން މިދިޔަ މަހުގެ 31ވަނަ ދުވަހު މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިދިޔަ މަހުގެ 10ވަނަ ދުވަހު ވަނީ، ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑު ކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަނުގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.މި އޮޕަރޭޝަނުން، އެ ތަންތަނުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ދާދީ ފަހުން އިމިގްރޭޝަނުން ވަނީ ހުޅުމާލޭގައި ހުންނަ ”ރަށު މާރުކޭޓު“ ސަރަހައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގައި 37 ބިދޭސީއަކު ވެސް ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެތަނުން ވަނީ ބުނެފައެވެ.






