ދަތުރުނާމާ (އަށާރަވަނަ ބައި)

ދަތުރުނާމާ (ދިހަވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
އޯގަސްޓް 16, 2025

އަރުޝީ ޑައިރީ ހުޅުވާލުމާއިއެކު، ކުއްލިޔަކަށް ލައްޕާލިއެވެ. އެހެނީ، އަރުޝީގެ ހިތުގައި އުފެދުނީ ފާޑެއްގެ ބިރުވެރި ކަމެކެވެ. މިހާރު ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލާއިމެދު ވިސްނާލެވުމާއި އެކުގައެވެ. އަރުޝި ނަފީސާގެ ބެލުމުގެ ދަށަށް އައީ ކޮންއިރަކު ކީއްވެގެންބާއޭ ހިތަށް އެރުމާއި އެކުގައެވެ. ސަމްސުއްނިސާ، އޭނާ ބަނޑުއަޅާ ވިހޭ ދަރިފުޅު ދޫކޮށްލީ ކީއްވެބާއޭ ވިސްނާލުމާއި އެކުގައެވެ. އަރުޝީގެ ބައްޕަގެ ދަރިއަކަށް ސަމްސުއްނިސާ ބަލިވެއިންދާ، ސަމްސުއްނިސާއާއި ކައިވެނި ނުކޮށް ނަފީސާއާއި ކައިވެނިކުރީ ކީއްވެބާއޭ ހިތަށް އެރުމާއި އެކުގައެވެ. އެހުރިހާ ޚިޔާލުތަކަށްވުރެ ބޮޑަށް އަރުޝީގެ ބޮލުގައި ރިއްސަންފެށީ، ނަފީސާދެކެ އަރުޝީގެ ބައްޕަ ލޯބިވީ ކަމަށް ބުނަމުން ދިޔައިރު، ނަފީސާގެ މައްޗަށް ޢަލީ ފިރާޤު އެހާބޮޑަށް އަނިޔާވެރިވީ ކޮން ސަބަބަކާއި ހުރެ ކަން ނޭންގޭތީއެވެ. އެހެނީ އަރުޝީގެ މުޅި ޙަޔާތުގައިވެސް ޢަލީ ފިރާޤު، ނަފީސާއާއި ރުހިގެން އަނގައިން ބުނެފައިވަނީ މަދު ފަހަރަކުއެވެ. މިހުރިހާ ޚިޔާލުތަކަކުން އަރުޝީގެ ހިތާއި ސިކުނޑި ވަށާލިއެވެ. ހަމަ އެވަޤުތު އަރުޝީގެ ހަނދާނަށް އައީ އޭނާގެ މަންމަ ނަފީސާ، އަބަދުވެސް ދެމުން ގެނދިޔަ، މުހިންމު ނަސޭހަތެކެވެ. އެހެނީ ނަފީސާއަކީ ދެކައިވެނި ކޮށްފައިވާ އަދި އެދެކައިވެނިން ތަފާތު ދެ ތަޖުރިބާއެއް ކޮށްފައިވާ ފަރާތެކެވެ. ފުރަތަމަ ކައިވެންޏަކީ، ދެމީހުންގެ މެދުގައި ކައިވެނީގެ ކުރިން ޒާތީ މާބޮޑު ގުޅުމެއް ކުރިއަށް ނުގޮސް އޮތެއްކަމަކު، ލޯބިވެތި ދިރިއުޅުމެއް ހޭދަކުރި ކައިވެންޏެކެވެ. ދެވަނަ ކައިވެނި ކުރެވުނީ، ކައިވެނީގެ ކުރިން، ނަފީސާގެ ހިތުގައި އެމީހަކަށްޓަކާ ލޯބީގެ ޖަޒުބާތު އުފެދުނު މީހަކާއެވެ. އެހެންނަމަވެސް އެމީހަކާއިއެކު ހެދަކުރަން ޖެހުނީ ހިތްދަތި ދިރިއުޅުމެކެވެ. އެދުވަހު ނަފީސާ އަރުޝީއަށް ދިން ނަސޭޙަތަކީ، ނަފީސާގެ ޙަޔާތުގައި ކުރެވިފައިވާ ތަޖުރިބާގެ އަލީގައި އަރުޝީއަށް ދީފައިވާ އަގުހުރި ފިލާވަޅެއްކަން މިހާރު އަރުޝީއަށް އެނގިއްޖެއެވެ. ނަފީސާ އަބަދުވެސް ބުނަމުން އައީ އުފާވެރި ޒަވާޖީ ޙަޔާތަކަށް ކޮންމެހެން ލޯބީގެ ގުޅުމެއް ކައިވެނީގެ ކުރިން އުފެދިފައި އޮތުން މުހިންމު ނޫން ކަމަށެވެ. އެހެނަސް އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަންނަން ދަންނަ އަދި އެ އިހްސާސް ތަކަށް އިޙުތިރާމު ކުރަން ދަންނަ މީހަކު އިޚްތިޔާރު ކުރުން މުހިންމު ކަމުގައެވެ. އެގޮތުން ބަލާނަމަ ސާމިރަކީ އެފަދަ މީހެއްކަން އަރުޝީއަށް ޤަބޫލުކުރެވެއެވެ. ވީއިރު، ސާމިރުގެ ހުށައެޅުމަށް ނޫނެކޭ ބުނާނެ ޖާގައެއްވެސް ނެތްތާއެވެ. ސާމިރަކީ އަރުޝީ އެންމެ ތުއްތުއިރުއްސުރެވެސް ދަންނަ ދެކެފަރިތަ މީހެކެވެ. ދިރިއުޅުމުގެ އާޖުފާޖު ރަނގަޅަށް އެނގޭ މީހެކެވެ. އަރުޝީގެ އިހުސާސްތައް އެންމެ ރަނގަޅަށް ދެނެގަންނަން އެނގޭނެ މީހެކެވެ. އަރުޝީގެ ޒަވާޖީ ޙަޔާތް އެމީހަކާއިއެކު ވޭތުކުރަން އެންމެ ރަނގަޅު ފަރާތްކަމުގައި އަރުޝީއަށް ޤަބޫލުކުރެވޭ މީހާވެސް މެއެވެ. ކަންއޮތީ އެހެން ކަމުގައިވީނަމަވެސް، އަރުޝީގެ ޙަޤީޤަތް އެނގުމުން ސާމިރު އެކަން ބަލައިނުގަތްފާނެ ކަމުގެ ބިރު އަރުޝީގެ ހިތުގައި އުފެދެން ފެށިއެވެ. އާނއެކެވެ. އަރުޝީގެ ޙަޔާތުގެ ބައިވެރިޔައަކަށް ސާމިރު ހަދަން މިހާރު އަރުޝީވެސް ބޭނުންވެއެވެ. މީގެ ކުރިން އެކަހަލަ ޚިޔާލެއް އަރުޝީ ކޮށްފާ ނުވިނަމަވެސް މެއެވެ. އެހެނެއްކަމަކު ސާމިރުއަށް އެއްވެސް އެއްޗެއް އޮޅުވާލާ، ސިއްރުކުރާކަށްވެސް އަރުޝީ ބޭނުމެއް ނޫނެވެ. މިހުރިހާ ވިސްނުމަކާއި ފިކުރުތަކުގެ ތެރެއަށް ގެނބިގެން އިނދެފައި އަރުޝީއަށް ލެވުނީ ފުންނޭވާއެކެވެ. އަދި އަތުގައި އޮތް ޑައިރީއާއި ދިމާއަށް ބަލައިލިއެވެ. ރަނގަޅަށް ހަމަޖެހިލާފައި މަޑުމަޑުން ޑައިރީ ހުޅުވާލިއެވެ. ހިތުތެރޭގައި ޒާތެއްގެ ބިރުވެރިކަމެއް އުފެދިފައިވީ ޙާލުގައެވެ. އެހެނީ ކުރިޔަށް ހުރި ޞަފްޙާތަކުގައި ލިޔެފައި އޮންނާނީ ކޮންކަހަލަ ވާހަކަތަކެއްކަން އަރުޝީއަށް ނޭންގޭތީވެސް މެއެވެ. އަރުޝީ މަޑުމަޑުން ލޯމަރާލިއެވެ. އަދި ފުންނޭވާއެއް ލުމާއިއެކު، މަޑުމަޑުން ލޯ ހުޅުވާޅިއެވެ. އެއަށްފަހު، ޑައިރީ ކިޔަން ފެށިއެވެ.

”ޢަލީ ފިރާޤުގެ ނިންމުން އަޑުއިވުމާއިއެކު، އަހަރެންނަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އޭރުވެސް އޭނާ މަޑުމަޑުން އިށީންދެލައިގެން  އިނީއެވެ. އޭނާގެ ހުށައެޅުމަށް އަހަރެން ޖަވާބުދާރީވާން ގަސްތުކުރީމެވެ. އަހަރެންނަށް ވާހަކަ ދެއްކެން ފެށުނީ ވަރަށް ހަރުކަށި ގޮތަކަށެވެ. އަދި ތުރުތުރުއަޅާ ޙާލުގައި ހުރެމެއެވެ. ”ޢަލީ ފިރާޤުގެ ޙަޔާތަށް އަހަރެން ގެންނަން ތިނޫންގޮތެއް ނުފެނުނީތަ؟ އަހަރެން ޢަލީ ފިރާޤާ ކައިވެނި ކުރީމަ ސަމްސުއްނިސާއަށް ވާނެގޮތަކާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ ޢަލީ ފިރާޤުގެ ދަރިޔަކަށް ބަލިވެ އިނދެގެން އެއުޅެނީ ސަމްސުއްނިސާ. އަދިވެސް އެދަރިފުޅަށް އޭނަގެ ޙައްޤު ހޯދައިނުދީ، އަހަރެންނާ ގުޅެންތަ ތިވިސްނަނީ؟“ ”ސަމްސުއްނިސާ ބަނޑުގަ އެއޮތީ އަހަރެންގެ ދަރިއެއްކަން ނަފީސާއަށް ހަމަ ޔަޤީންތަ؟“ އަހަރެން ބުނި އެއްޗަކަށް ޢަލީ ފިރާޤު ރައްދުދިނީ ވަރަށް ހަމަޖެހިލައިގެން އިނދެ،

މަލާމާތުގެ ރާގަކަށެވެ. އެހެންނަމަވެސް އަހަރެންވެސް ހުރީ ފިސާރި ސާބިތުކަންމަތީގައެވެ. ”އާން އަހަރެންނަށް ޔަޤީން. ޢަލީ ފިރާޤު

ސާބިތުކުރަން ތިއުޅޭ އެއްޗެއް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު އަހަރެން މިވަޤުތު ބޭނުމީ ސަމްސުއްނިސާއަށާ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ޙައްޤު ހޯދައިދޭން. އަހަރެންނަށް ފައިދާތަކެއް ހޯދާކަށް ނޫން.“ އަހަރެންގެ ވާހަކަ އެހާ ހިސާބަށް ދިއުމުން ޢަލީ ފިރާޤު އިންތަނުން ފުންމައިގެން ތެދުވިއެވެ. މޭޒުމަތީގައި ދެއަތުން ބާރަށް ޖެހުމާއިވެސް އެކުގައެވެ. ”އަހަރެންގެ ޤަދަރާ ވަޒީފާއަށް ވާނެގޮތަކާމެދު ސަމްސުއްނިސާ އެންމެ ފަހަރަކުވެސް ވިސްނާލިތަ؟ މިކަމުގަ އަހަރެންގެ މައްސަލައަކީ ކޮބާ؟ އަހަރެންނަށް ނަފީސާދެކެ ލޯބިވެވުންތަ؟ ރެއާއި ދުވާލު ނަފީސާޔާމެދު ވިސްނުންތަ އަހަރެންގެ ކުށަކީ؟“ ޢަލީ ފިރާޤުގެ ޝަކުވާތަކަށް ދޭނެ ޖަވާބެއް އެވަޤުތު އަހަރެންނަށް ނުވިސްނުނު ކަހަލައެވެ. އެހެނީ އަހަރެންނަށް ހުރެވުނީ ބަސްހުއްޓިފައި ކަހަލަ ގޮތަކަށެވެ. ހަމައެއާއިއެކު، އަހަރެންނަށް ލެވުނީ ފުން ނޭވާއެކެވެ. އަދި ކޮންމެވެސް ވަރަކަށް ހަމަޖެހެން މަސައްކަތް ކުރީމެވެ. ޢަލީ ފިރާޤުއަށް ރުޅި އިސްކުރެވުނުކަން އޭނާއަށްވެސް އިހުސާސް ކުރެވުނު ކަހަލައެވެ. އެހެނީ އެވަޤުތު ހަމަޖެހިލާފައި މަޑުމަޑުން އަހަރެންގެ ކައިރިއަށް އައިސް ހުއްޓިލިއެވެ. ”އަހަރެން މިއުޅެނީ އެއްވެސް ކަމެއްގެ ބަދަލު ހިފާށޭ ނަފީސާ އެއްގޮތަކަށްވެސް ހީނުކުރޭ. އަހަރެން ހަމަ ޙަޤީޤަތުގަވެސް ނަފީސާދެކެ ލޯބިވޭ. އަހަރެންގެ ޙަޔާތުގެ ބައިވެރިޔައަކަށް ހަދަންވެސް ބޭނުން. އެހެންނަމަވެސް މިހާރު ކަންތައް ވެފަ އޮތްގޮތުން އެކަން ކުރަން ފަސޭހަ ނުވާނެކަންވެސް އަހަރެން ޤަބޫލުކުރަން. އެހެންވިޔަސް ސަމްސުއްނިސާޔާ އަހަރެން ކައިވެނި ކުރާނީ ކިހިނެއް؟ އެކަމަކު ސަމްސުއްނިސާގެ ބަނޑުގައި އޮތީ އަހަރެންގެ ދަރިއެއް ކަމަށްވާނަމަ އެޒިންމާއިން ނެއްޓޭކަށްވެސް އަހަރެން ބޭނުމެއް ނޫން. އެކުއްޖާގެ ޙައްޤު އެކުއްޖާއަށް ދޭން އަހަރެން ބޭނުން. އެހެންވެގެން މިބުނަނީ ނަފީސާ އަހަރެންނާ ކައިވެނި ކުރާށޭ.“ ޢަލީ ފިރާޤުގެ ވާހަކައިން އަހަރެންގެ ހިތުގައި މިފަހަރު އުފެދުނީ ސުވާލެކެވެ. ”ސަމްސުއްނިސާގެ ބަނޑުގައި އޮތް ޢަލީ ފިރާޤުގެ ދަރިއަކަށް ޙައްޤު ހޯދައިދޭން އަހަރެންނާ ކައިވެނި ކުރީމަ ވަނީ ކޯޗަކަށް؟ އޭރުން އެފަކީރު ދާނީ ކޮންތާކަށް؟“ ވަރަށް މަޑުމައިތިރި ކަމާއިއެކީ އަހަރެން ސުވާލު ކޮށްލީމެވެ. ”ކަންތައްވެފަ އޮތްގޮތަށް ބަލާނަމަ މިތަނުގަ ”ފަކީރަކަށް“ އަސްލު ވާނީ އަހަރެންތާ. އެކަމަކުވެސް ސަމްސުއްނިސާއަކަށްވެސް ދެރަގޮތެއް ވިޔަކަ ނުދޭނަން. އެހެންވެގެން އަހަރެން އޮންނާނީ ޚިޔާލެއް ކޮށްލާފަ. މިބުނީ ސަމްސުއްނިސާއަށް ކަންތައްކުރާނެ ގޮތަކާމެދު ގޮތެއް ނިންމައިފީމޭ. މިގޮތަށް ސަމްސުއްނިސާ ނުރުހިއްޖެނަމަ ގެއްލުން ވާނީވެސް ހަމަ އޭނަޔަށް.“ ”އެއީ ކޮންކަހަލަ ގޮތެއް؟“ އެގޮތެއް އޮޅުން ފިލުވަން ކެތްމަދުވެފައިހުރި ޒާތަކަށް އަހަރެންނަށް ސުވާލުކޮށްލެވުނެވެ. އަހަރެން ގާތުގައި ރަނގަޅަށް އަޑުއެހުމަށް ބުނެ، ޢަލީ ފިރާޤު އޭނާގެ ޚިޔާލު އަހަރެންގެ ކުރިމަތީގައި ހުށައެޅިއެވެ. ”އެންމެ ފުރަތަމަ ތި ދެމީހުން މާލެއަށް ދާން ދަތުރުހަދާ. މާލޭގައި ހުރުމުގެ އިންތިޒާމު އަހަރެން ހަމަޖައްސައިދޭނަން. އެއްވެސް ކަމަކަށް ދަތިވިޔަކަ ނުދޭނަން. އަދި އޭގެ ދެދުވަހެއްވަރު ފަހުން އަހަރެންވެސް މާލެއަށް ދާނަން.“ ޢަލީ ފިރާޤުގެ ވާހަކަ މިހާ ހިސާބަށް ދިއުމުން އަހަރެންގެ ހިތްނުތަވަސްވާގޮތް ވިއެވެ. ކީއްވެގެން ކަމެއް ނޭންގުނެވެ. އެހެންނަމަވެސް އެކަން ނުދައްކާ ވޭތޯ އަހަރެން ބަލަމުން ގެންދިޔައެވެ. އަދި މޫނުމައްޗަށް އުފާވެރިކަން ގެނެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދިޔައީމެވެ. އެހެންނަމަވެސް އިޙްލާސްތެރި ލޯތްބަކީ ސިއްރުކުރެވޭނެ އެއްޗެއް ނޫންތާއެވެ. އެހެނީ، އަހަރެންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ޢަލީ ފިރާޤު ދެނެގަތެވެ. އަދި އެކަމާ ސުވާލުވެސް ކުރިއެވެ. އެހެނަސް އަހަރެން އެކަމަކަށް އެއްބަހެއް ނުވަމެވެ. އަދި ވާހަކަ އޮޅުވާލެވޭތޯ މަސައްކަތް ކުރީމެވެ. ”ޢަލީ ފިރާޤު މާލެ ދާނީ ކީކޭ ކިޔާފަ. އަދި ޗުއްޓީ ނަގާކަށްވެސް ކައިރިއެއް ނުވޭނު.“ ފާޑަކަށް ހީނލާފައި އަހަރެންގެ ސުވާލަށް ޢަލީ ފިރާޤު ޖަވާބު ދިނެވެ. ”އަހަރެން ބަލިކަމުން ޑޮކްޓަރަށް ދައްކަން ދާން ބޭނުންވެގެންވެސް އަހަރެންނަށް ދެވިދާނެތާ ދޯ.“ ޢަލީ ފިރާޤުގެ ޚިޔާލަށް އެއްބަސްވުމުގެ ގޮތުން އަހަރެންވެސް ބޯޖަހާލީމެވެ. އެހެންނަމަވެސް އޭނާގެ ވާހަކަ އެހާހިސާބުން ނިމުނީކީ ނޫނެވެ. އެހެނީ އޭނާގެ އަސްލު މަޤްޞަދު އަދި އޮތީ ކުރިއަށެވެ. ”ކޮންމެގޮތެއްވިޔަސް ސަމްސުއްނިސާ މިހާރު އެއިން ޙާލަތުގައި އިންދާ، އަހަރެންނަކަށް އޭނާޔަކާ ކައިވެންޏެއް ނުކުރެވޭނެތާ. އެކަމަކު ކުއްޖާ ދުނިޔެއަށް އައުމާއެކީ އަހަރެން ނަފީސާޔާ ކައިވެނިކުރަން ބޭނުން. އޭރުން ދެމީހުން ވެގެން އެކުއްޖާ ރަނގަޅުގޮތުގަ ބެލެހެއްޓޭނެއެއްނު. ޤަބޫލުކުރަން ބެނުން ނުވިޔަސް އެކަން އެއޮތީ އެހެންވެފަ. ދެންވެސް ހިނގާ ސަމްސުއްނިސާ ބަނޑުގައޮތް ދަރިފުޅަށް ރަނގަޅުގޮތެއް ހޯދައިދެވޭތޯ ބަލަމާ. އެކަމަކު އަހަރެން މިކަން މިގޮތަށް ކުރާނީ ނަފީސާ އެގޮތަށް އެއްބަސް ވާނަމަ. މާނައަކީ އަހަރެންނާ ކައިވެނިކުރަން ޤަބޫލުވާނަމައޭ.“ މިހެން ބުނުމާއިއެކު، އަހަރެންނާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. ވަޢުދުވުމަށް އެދިގެންނެވެ. އަހަރެންނަށް ގޮތްހުސްވި ކަހަލައެވެ. އެހެނީ ސަމްސުއްނިސާ ސަލާމަތްކުރަން ބޭނުންވާނަމަ، އަހަރެންނަށް ޖެހޭނީ ޢަލީ ފިރާޤަށް ވަޢުދުވާށެވެ. އަހަރެން މަޑުމަޑުން އަތް ހިއްލާލުމާއިއެކު ޢަލީ ފިރާޤުގެ އަތްމަތީގައި މަޑުމަޑުން އަތް ބާއްވާލީމެވެ. އަދި އެގޮތަށް އެއްބަސްވާ ކަމަށް ބުނެލީމެވެ. އެހެނަސް އަހަރެންގެ ހިތް ބުނަމުން ގެންދިޔައީ އެހެންނުވާނެ

ކަމަށެވެ. ސަމްސުއްނިސާއާއިއެކު އުފާވެރި ޙަޔާތެއް ޢަލީ ފިރާޤު ހޭދަކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެންނަށް އޮތެވެ. އެހެނީ ސަމްސުއްނިސާއަކީ، ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅަށް އެނގޭ ގެވެހި އަންހެނަކަށް ވީތީއެވެ. އޭގެ އިތުރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަހަރެންނަށް ވިސްނުނީ ސަމްސުއްނިސާ ޢަލީ ފިރާޤު ދެކެ ވާލޯތްބެވެ. ސަމްސުއްނިސާގެ ޙަޔާތުގައި ޢަލީ ފިރާޤު ދެމިހުރުމަށް ހަމައެކަނި ސަމްސުއްނިސާގެ ލޯބިވެސް ފުދޭނެކަން އަހަރެންނަށް ޤަބޫލުކުރެވުނެވެ. އެހުރިހާ ކަމަކާއިމެދު ވިސްނާލެވުމާއިއެކު، އަހަރެންނަށް ހިތްހަމަ ޖެހުމުގެ ފުން ނޭވާއެއް ލެވުނެވެ. އެހެނީ ޢަލީ ފިރާޤު ޙަޤީޤަތުގައިވެސް އަހަރެންދެކެ ލޯބިވާނަމަ، އަހަރެންގެ އެއްވެސް އެދުމަކަށް އޭނާ ފުރަގަހެއް ނުދޭނެއެވެ. އެހެން ވިސްނާލުމާއިއެކު، ޢަލީ ފިރާޤު ނިންމާފައިވާ ގޮތަށް ޢަމަލުކުރުމަށް އެއްބަސް ވީމެވެ. އެހެންމީހުން ދެކޭނެ ގޮތަކާއި ކިޔާނެ ފާޑަކަށް އަހަރެން ބަލަންވެސް ބޭނުން ނުވިކަހަލައެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމާއިއެކު އަހަރެން ބޭނުންވީ މި  ޚަބަރު ވީއެންމެ އަވަހަކަށް ސަމްސުއްނިސާއަށް އިއްވާށެވެ.

ލިބުނު ފުރުޞަތުގެ ބޭނުންކުރުމާއިއެކު، އަހަރެން އަވަހަށް ދިޔައީ ސަމްސުއްނިސާގެ ގެއަށެވެ. އަހަރެން ގޮސް އެގެއަށް ވަތްއިރު ސަމްސުއްނިސާ ފެންނާކަށް ނެތެވެ. އޭނާއަށް ގޮވަމުން އަހަރެން މަޑުމަޑުން ގޭތެރެއަށް ވަދެގެން ދިޔައީމެވެ. ހެދުމުގެ އަތުކުރިން ތުންފޮހެމުން، ސަމްސުއްނިސާ  ފާޚާނާއިން ނިކުމެގެން އަންނަތަން ފެނުނެވެ. ވަރަށް ވަރުބަލިވެފައިވާ ކަހަލަ ގޮތަކަށެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނާގެ އަތުގައި ހިފީމެވެ. އަދި އެނދާއި ހަމައަށް ގެންގޮސް އޮށޯތުމަށް އެހީތެރިވެ ދިނީމެވެ. އަދި ޙާލު އަހާލީމެވެ. ޖަވާބުގައި އެކަހަލަ ގޮތެކޭ ބުނުމާއިއެކު ރޯން ފެށިއެވެ. އަހަރެން ކަންބޮޑުވާ ގޮތްވިއެވެ. އަދި ސަބަބު އޮޅުން ފިލުވުމަށް ބޭނުންވެގެން ސުވާލު ކޮށްލީމެވެ. ސަމްސުއްނިސާ ރޮމުން ރޮމުން އަނެއްކާވެސް އަހަރެންގެ ކިބައިން މަޢާފަށް އެދެން ފެށިއެވެ. ”ނަފީސާ އަހަރެންނަށް އެހާ ރަނގަޅުއިރުވެސް އަހަރެން މަސައްކަތްކުރީ ނަފީސާއަށް ލަނޑުދޭން. އެކަމަކު އަހަރެން ފޭހުނު އިލޮށިގަނޑު މިއޮތީ ޚުދު އަހަރެންގެ ލޮލަށް ހެރިފަ. ނަފީސާ ބުނެބަލަ އަހަރެން މިކަމުން ސަލާމަތްވާން ދެން ހަދާނީ ކިހިނެއް؟ އަހަރެން ތަޢުބާވާންވެސް ބޭނުން.“ ސަމްސުއްނިސާގެ ޙާލު ފެނިފައި އަހަރެންނަށްވެސް ރޮވޭގޮތް ވިއެވެ. ”ސަމްސުއްނިސާ ދެން ހުއްޓާލާ. އަހަރެން މިއައީ ރަނގަޅު ޚަބަރަކައިގެން. އިރާދަކުރެއްވިއްޔާ ދެން ކުރިޔަށް އޮތްތަނުގަ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.“ ސަމްސުއްނިސާގެ ރުއިން މަޑުމަޑުން ހުއްޓެން ފެށިއެވެ. އަދި ހައިރާނުން ފުރިގެންވާ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ”ކޮންކަމެއް ރަނގަޅުވާ ވާހަކަ ނަފީސާ ތިބުނީ؟ އަނެއްކާ ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟“ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ސަމްސުއްނިސާ އިނެވެ. ”އަހަރެން މިއައީ ޢަލީ ފިރާޤު ކައިރިން. އޭނަ އަހަރެން ކައިރީގަ ބުނީ ސަމްސުއްނިސާ ގޮވައިގެން މާލެއަށް ދާށޯ. އެކޮޅަށް ގޮއްސަ ގޮތެއް ނިންމާނީއޭވެސް ބުނި. އަދި ސަމްސުއްނިސާގެ ދަރިފުޅަށް ލިބެންވާ ޙައްޤުވެސް ހޯދައިދޭނަމޭ ބުނި.“ އެވަޤުތު ސަމްސުއްނިސާގެ މޫނުމަތިން ފެނުނީ އުފަލުން ރޮވޭ ކަހަލަ ކުލަވަރެކެވެ. ހަމައެއާއި އެކުއެކީ، އަހަރެން ބުނި އެއްޗެއް ޤަބޫލުނުކުރެވޭ ކަހަލަ ޝުޢޫރެއްވެސް ސަމްސުއްނިސާގެ މޫނުމަތިން ފެންނަން ހުއްޓެވެ. އަދި ބުނާނެ އެއްޗެއް ނޭންގިފާ އިންކަހަލަ ގޮތަކަށް އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ”އަހަރެން މިބުނި އެއްޗެއް ޤަބޫލެއް ނުކުރެވޭ ދޯ؟ އެކަމަކު މީ ހަމަ އަސްލުވެސް ތެދެއް. އަހަރެންވެސް ސަމްސުއްނިސާޔާ އެކީ ދާނަން. އަހަރެން ސަމްސުއްނިސާ އެކަނި ދުލެއް ނުކޮށްލާނަން.“ އާނއެކެވެ. އަހަރެން ހަމަ ޙަޤީޤަތުގައިވެސް ސަމްސުއްނިސާ އެކަނި ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެއީ ކޮންމެހެން ޢަލީ ފިރާޤު އަހަރެންގެ ކުރިމަތީގައި ޝަރުތެއް ހުށައެޅީތީއެއް ނޫނެވެ. އެހެނެއްކަމަކު، ސަމްސުއްނިސާއަކީ، އަހަރެންގެ އެންމެ ޅަދުވަހުއްސުރެ، އަހަރެންގެ ޙަޔާތުގައި ކުރިމަތިވި ކޮންމެ އަޑިގަނޑަކާ އުސްގަނޑެއްގައިވެސް އަހަރެންނާއިއެކު ހުރި އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އަހަރެންގެ ޙަޔާތަށް އައި އެންމެ ހިތްދަތި ދަނޑިވަޅުގައިވެސް އަހަރެންގެ އެންމެ ގާތުގައި ހުރި މިތުރެވެ. ވީއިރު މިއަދު އޭނާއަށް ކުރިމަތިވެފައި މިވާ މުޞީބާތުގައި އަހަރެންވެސް ސަމްސުއްނިސާ ދޫކޮށެއް ނުލާނަމެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރަން ޖެހުނަސް ސަމްސުއްނިސާއަށް ރަނގަޅުގޮތެއް ހޯދައިދޭން އަހަރެން ބޭނުމެވެ. ޢަލީ ފިރާޤު ސަމްސުއްނިސާއަށް ރަނގަޅު ގޮތެއް ހޯދައިދޭނަމަ އަހަރެން މިހުރީ އޭނާގެ އަތްބަކަށް ވާންވެސް ތައްޔާރަށެވެ.

ޢަލީ ފިރާޤު ކަންތައް ކުރަން ނިންމާފައިވާގޮތް ސަމްސުއްނިސާއަށް ކިޔައިދިނުމުން، އަހަރެން ދެއްކި ވާހަކަ ޤަބޫލުކުރިއެވެ. އަދި ހިތްހަމަ ޖެހުމުގެ ފުންނޭވާއެއް ލިއެވެ. ސަމްސުއްނިސާގެ ،މޫނުމަތިން ފެންނަމުން ދިޔައީ، ބޮޑު އަނދަވަޅަކުން ސަލާމަތްވެވުނު ކަމުގެ އުފާވެރި  ޝުޢޫރެވެ. އެހެންކަމުން މިހުރިހާ ކަމެއްގެ ފަހަތުގައިވާ، ޢަލީ ފިރާޤުގެ ޙަޤީޤީ މަޤްޞަދު، ސަމްސުއްނިސާއަށް ސިއްރުކުރަން އަހަރެން ނިންމީމެވެ. އެހެނީ އެކަހަލަ ވާހަކައެއް ދައްކައިގެން އިތުރު މާޔޫސްކަމެއްގެ ތެރެއަށް ސަމްސުއްނިސާ ވައްޓާލަން އަހަރެން ބޭނުން ނުވީތީއެވެ. މިފަދަ ދަނޑިވަޅެއްގައި އެއްވެސް ކަހަލަ ފިކުރެއް ސަމްސުއްނިސާ ކުރުމަކީ، ދަރިފުޅަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަން އަހަރެންނަށް ޔަޤީންވާތީވެސް މެއެވެ. ކުރިއަށް އޮތްތަނުގައި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގެ އުންމީދު އަހަރެންގެ ހިތުގައި އޮތަތީވެސް

މެއެވެ. މާލެ ދިއުމުގެ ކަންތައް ހަމަޖައްސާނެ ގޮތަކާއިމެދު މަޝްވަރާ ކޮށްލުމަށްފަހު، އަހަރެން ދިޔައީ ގެއަށެވެ. އަހަރެންނަށްވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ކަހަލައެވެ. އެހެނީ ޢަލީ ފިރާޤުގެ ނިންމުމަށް އަހަރެން އާންބަސް ދިނީ، ސަމްސުއްނިސާގެ ދިރިއުޅުން އާބާދުވާނެ ކަމުގެ އުންމީދު އޮތަތީ ކަމަށް ވާތީއެވެ. އަހަރުމެން ރާވާފައިވާ ގޮތަށް ހުރިހާކަމެއް ހިނގައްޖެކަމަށް ވާނަމަ ރަށުތެރޭގައި ފަޟީހަތްވުމުންވެސް ސަމްސުއްނިސާ ސަލާމަތް ވާނެއެވެ. އެހެންނަމަވެސް އޭނާ ކުރީ ބޮޑު ފާފައެއްކަން އަހަރެން ދިޔައީ ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ. އަދި އެއީ އެކަމުން އޭނާ ތަޢުބާނުވެ ސަލާމަތް ނުވާނެ ކަމެއްކަން ބުނެދިނީމެވެ.

ދެދުވަހެއްގެ ތެރޭގައި އަހަރެން ސަމްސުއްނިސާ ގޮވައިގެން މާލެއަށް ދިޔައީމެވެ. ޢަލީ ފިރާޤު ހުރީ އޭނާގެ  ރައްޓެއްސެއްގެ އެހީތެރި ކަމާއެކީ، އަހަރުމެން ތިބޭނެ ތަނެއް ހަމަޖައްސައިދީފައެވެ. އަމިއްލައަށް ކައްކައިގެން ކެވޭގޮތަށްވެސް އެތަނުގައި ހުއްޓެވެ. އަދި އެއްވެސް އެއްޗަކަށް ބޭނުންވާނަމަ އެމީހަކު ކައިރީގައި ބުނެލުމަށްވެސް ބުނެފައި އޮތެވެ. އެގޮތުން އަހަރުމެން ދެމީހުންނަށް އެއްވެސް ކަމަކަށް ދައްޗެއް ނުވެއެވެ. އެހެންނަމަވެސް މާލެއަށް އަންނަން ތައްޔާރުވަމުން ދިޔައިރު، ރަށުގެ އެތައް ބައެއްގެ ސުވާލާއި އަހަރެމެން ދެމީހުންނަށް ކުރިމަތިލާން ޖެހުނެވެ. ހުރިހާ އެންމެންގެ ސުވާލުތަކަށްވެސް  އަހަރުމެން ދެމީހުންވެސް ދެމުން އައީ ހަމަ އެއް ޖަވާބެކެވެ. ސަމްސުއްނިސާ ބަލިވެ ގައިން ވަރުދެރަވާތީ، ޑޮކްޓަރަށް ދައްކަން ދަނީކަމަށް އަހަރުމެން ބުނީމެވެ. ގިނަ މީހުން އެކަން އެގޮތަށް ޤަބޫލުވެސް ކުރިއެވެ. އެހެންނަމަވެސް ކޮންމެ މުޖުތަމަޢުއެއްގައިވެސް، ހުރިހާ ކަމެއްގެ ޙަޤީޤަތް ބަލަން ބޭނުންވާ މީހުން ތިބޭނެތާއެވެ. އެފަދަ މީހުން ދިޔައީ އެކި ފާޑުފާޑުގެ ވާހަކަ ދައްކަމުންނެވެ. ސުވާލުތައްވެސް ކުރަމުންނެވެ. ސަމްސުއްނިސާ ބަނޑުބޮޑުވެގެން ކުއްޖާ ވައްޓާލަން ދަނީކަމަށްވެސް އެއްބަޔަކު ކިޔަމުން ގެންދިޔައެވެ. އެހެނީ އޭނާ މެދުނުކެނޑި ހޮޑުލާކަން އޮތީ ރަށުގެ އެންމެންނަށްވެސް އެނގިފައެވެ. ސަމްސުއްނިސާ އެކަމާ ބިރުންވެސް އުޅުނެވެ. އެހެންނަމަވެސް އެކަމުގެ ޒިންމާ އަޅުވާނެ މީހެއް އެއްވެސް މީހަކަށް ނުވިސްނުނެވެ. ހުރިހާ އެންމެންގެ ހިތުގައިވެސް އުފެދިފައި އޮތީ ސުވާލެކެވެ. އެހެނީ އެއްވެސް ފިރިހެނަކާއި އެފަދަ އެއްވެސް ނިޔަތެއްގައި ސަމްސުއްނިސާ ވާހަކަ ދައްކާކަމެއް އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ. ސަމާސާ މިޒާޖެއް ހުއްޓެއްކަމަކު، ފިރިހެނުންނާއި ދޯޅުވުން އެއީ ސަމްސުއްނިސާގެ މިޒާޖުގައި ހުންނަ ސިފައަކަށް ނުވުންވެސް އެއީ ވަކި މީހަކަށް ޝައްކުކުރަން ރަށުގެ މީހުންނަށް އުނދަގޫވި ސަބަބެކެވެ. ކަންއޮތީ އެހެންކަމުގައި ވީނަމަވެސް، ބައެއް މީހުން ޢަލީ ފިރާޤުއަށް ޝައްކުގެ ނަޒަރުން ބަލަމުން ގެންދިޔައެވެ. އެހެންނަމަވެސް އެއްވެސް މިހަކަށް އޭނާއާއި ސުވާލެއްވެސް ކޮށްލާކަށް ނުކެރުނެވެ. އެހެނީ އެއީ ރަށުގެ މީހުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ ފަރާތަކަށް ވީތީއެވެ. މިހުރިހާ ކަމެއް މިހެން ހިނގަމުން ދިޔައިރު، އަހަރެންގެ ހިތްވެސް އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. އެހެނީ އެފަދަ ކަމެއްގައި އަހަރެންގެ އެއްބާރުލުން ދީގެން އަހަރެންނަށްވެސް ކުރެވެމުން މިދަނީ ބޮޑު ފާފައެއްކަން ހިތް ބުނަމުން ގެންދިޔައީތީއެވެ. އެހެންނަމަވެސް މުޖުތަމަޢުގެ ފުރައްސާރައިން އަހަރެންގެ ރަޙުމަތްތެރިޔާ ސަލާމަތްކުރަންވެސް އަހަރެން ބޭނުންވީއެވެ. އެގޮތުން އަހަރެން ގެންދިޔައީ ކެނޑިނޭޅި ދުޢާ ކުރަމުންނެވެ. އަހަރެންނަށް މިކަމުން ތަޢުބާ ދެއްވުމަށް އެދިއެވެ. ހަމައެހެންމެ އަހަރެންގެ އެކުވެރިޔާއަށް ހެޔޮމަގެއް ދެއްކެވުމަށް އެދިގެންވެސް ﷲ ގެ ޙަޟުރަތުގައި ދަންނަވަމުން ގެންދިޔައީމެވެ. ސަމްސުއްނިސާއަށް އޭނާކުރި ފާފައިގެ ފުރިހަމަ އުގޫބާތް ނުލިބޭހާ ހިނދަކު، އޭނާއަކަށް ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ. ދެދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަންވެސް އޮތީ، އެގޮތުގައި ކަމަށް ވީތީވެސް މެއެވެ. ހަމައެހެންމެ ޢަލީ ފިރާޤުއަށް ދެރަގޮތެއް ވާކަށްވެސް އަހަރެންނެއް ނޭދެމެވެ. އޭނާއަށް ހެޔޮމަގެއް ދެއްކެވުންވެސް އެއީ އަހަރެން ނުހަނު ބޭނުންވި ކަމެކެވެ.

އަހަރުމެން މާލެއަށް އައިތާ ހަފްތާއެއް ވީއިރުވެސް ޢަލީ ފިރާޤުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭގެ އެއްހަފްތާފަހުން އަހަރެންނަށް ލިބުނީ ޢަލީ ފިރާޤުގެ ސިޓީއެކެވެ. އެސިޓީގައިވަނީ، މަސައްކަތް ހުރިގޮތުން އަދި އެހާއަވަހަށް މާލެއަށް ދެވެން ނެތް ކަމަށެވެ. އެހެންނޫނަސް އޭނާ އެހާ އަވަހަށް މާލެއަށް އައުމަކީ، މީހުން އޭނާއާއިމެދު ކުރާ ޝައްކު، ޔަޤީނަށް ބަދަލުވެގެން ދާނެ ކަމެއްކަމަށްވެސް އެސިޓީގައި ލިޔެފައި އޮތެވެ. އެހެންނަމަވެސް އޭނާ ވަޢުދުވީ ފަދައިން ހުރިހާ ކަމެއްވެސް ކުރާނެކަމަށް ބުނެ، އަހަރެން އޭނާއަށް ވެފައިވާ ވަޢުދު ފުއްދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ލިޔެފައި އޮތެވެ. ސިޓީ ކިޔާ ނިންމާލުމާއިއެކު، އަހަރެން ކޮންމެވެސް ވަރަކަށް ކަންބޮޑުވާގޮތް ވިއެވެ. ޢަލީ ފިރާޤު އަހަރެންގެ މައްޗަށް ކުރާ އިތުބާރުގެ ބޮޑުކަމުންނެވެ. އެކަން ސަމްސުއްނިސާއަށް އެނގިއްޖެނަމަ އޭނާ ވާނެ ދެރަ ހިތަށް އަރާފަވެސް މެއެވެ.

އެހެންނަމަވެސް އެދެމީހުން ކުރި ފާފައެއްގެ ޝަޒާ، އެމައުސޫމު ކުއްޖާއަށް ލިބޭކަށްވެސް އަހަރެން ބޭނުމެއް ނުވިއެވެ. އޭނާއަށް ބޭނުންވާ މައެއްގެ ލޯބި ލިބެންއޮތީ އަހަރެންގެ ފަރާތުން ކަމަށް ވާނަމަ އެކަން އެގޮތަށް ކުރަން އަހަރެން ތައްޔާރު ވީމެވެ. ސަމްސުއްނިސާވެސް އެކަމަށް ދެކޮޅު ނުހަދާނެކަން އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ސަމްސުއްނިސާގެ ބަނޑަށް އަށްމަސް ފުރިއްޖެއެވެ. ދުވަސް ފުރެން އެންމެ މަހަކަށް ވީއިރުވެސް، ޢަލީ ފިރާޤު މާލެއަކަށް ނާދެއެވެ. ސަމްސުއްނިސާއެކޭ އެއްގޮތަށް އަހަރެންގެ ހިތްވެސް ބިރުގަންނަން ފެށިއެވެ. އޭނާދެކެ ރުޅި އާދެވެން ފެށިއެވެ. އެހެނީ އެހުރިހާ ދުވަސްވީއިރުވެސް ޢަލީ ފިރާޤުގެ ޚަބަރެއްވެސް ނުވީތީއެވެ. އެހެންނަމަވެސް އަހަރުމެން ދެމީހުންނަށް އެއްވެސް ކަމަކަށް ދަތިވިޔަކަ ނުދެއެވެ. ޢަލީ ފިރާޤު އެމީހަކާއި އަހަރުމެން ހަވާލުކޮށްފަ ހުރި މީހާ، އޭނާގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ގެންދިޔައެވެ. ސަމްސުއްނިސާ ޑޮކްޓަރަށް ދެއްކުމުގެ ކަންތައްވެސް ބަރާބަރަށް ކުރަމުން ގެންދިޔައެވެ.

އެއްރެއެއްގެ ދަންވަރު އަހަރެންނަށް ކުއްލިޔަކަށް ހޭލެވުނީ، ވޭނުން ފުރިގެންވާ އަޑަކުން ސަމްސުއްނިސާ ވަރަށް ބާރަށް އަހަރެންނަށް ގޮވާލި އަޑަށެވެ. ނަފީސާއޭ ކިޔާފައެވެ. އަހަރެން ސިއްސައިގެން ގޮސް ފުންމައިގެން ތެދުވީމެވެ. އަހަރެން ދުވެފައި ދިޔައިރު، ސަމްސުއްނިސާ ބަނޑުގައި ރިއްސާތީ ތެޅިފޮޅެނީއެވެ. އެއީ ވިހަން ބަނޑުގައި ރިއްސާ ރިއްސުންކަން އަހަރެންނަށް ޤަބޫލުކުރަން ތަންކޮޅެއް އުނދަގޫވިއެވެ. އެހެނީ ސަމްސުއްނިސާ އިނީ ދުވަސް ނުފުރިއެވެ. އެހެންކަމަށްވާނަމަ ވިހެއުމުގެ ވޭންވަރު ނަގަން އަދި ދުވަސްކޮޅެއް އޮންނާނެތާއެވެ. އެހެންނަމަވެސް އަހަރެން ކަންބޮޑުވެ ހަދާނެގޮތް ހުސްވެގެން އަހަރުމެންގެ އެހީތެރިޔާއަށް ފޯނުކުރީމެވެ. އޭނަވެސް ވަރަށް އަވަހަށް އަތުވެއްޖެއެވެ. އަހަރުމެން ދެމީހުންވެގެން ސަމްސުއްނިސާ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވެ ސަމްސުއްނިސާ ވިހައިފިއެވެ. އަންހެން ކުއްޖެކެވެ. ވަޤުތަކީ ދަންވަރުގެ ވަޤުތެއްކަމުން ހޮސްޕިޓަލްތެރެވެސް އޮތީ ފުދޭ ވަރަކަށް ހަމަހިމޭން ވެފައެވެ. އެހެނަސް އަހަރެންނަށް އިހުސާސްވާން ފެށީ ޒާތެއްގެ ނާމާންކަމެކެވެ. ހިތްބިރުގަންނަން ފެށިއެވެ. އަހަރެންގެ މޭ ބާރަށް ތެޅެން ފެށިއެވެ. ދެންވާނެ ގޮތަކާއިމެދު ވިސްނުނީތީއެވެ. ސަމްސުއްނިސާ އަދި އެނާގެ ދަރިފުޅާއި ޙަވާލުވާނެ މީހެއް ނެތެވެ. އަހަރެންވެސް ހުރީ އެކަންޏެވެ. ކުރާނެ ކަމެއް ދާނެތަނެއް އަހަރެންގެވެސް ނެތެވެ. އެހީއަކަށް އެދި އަތްދިއްކޮށްލާނެ ގާތް މީހަކުވެސް ނެތެވެ. އެފަދަ ފިކުރުތަކެއްގެ ތެރެއަށް ގެނބިފައި އިންދާ އަހަރެންނަށް ލޯމެރުނު އިރުވެސް ނޭންގުނެވެ. ކުއްލިޔަކަށް ސިއްސައިގެންގޮސް ހޭލެވުނީ، ދައްތާއޭ ކިޔާފައި މީހަކު ގޮވާލި އަޑަށެވެ. ކައިރީގައި ހުރީ ނަރުސް ކުއްޖެކެވެ. އޭނާގެ އަތުތެރޭގައި އޮތީ، ސަމްސުއްނިސާގެ ތުއްތު ދަރިފުޅެވެ. ގައިގާ ހުދު ފޮތިކޮޅެއް އޮޅާލާފައި އޮތެވެ. އަހަރެން މަޑުމައިތިރި ކަމާއިއެކީ އެކުއްޖާ ކައިރިއަށް ޖެހިލީމެވެ. ދެލޯ އޮތީ ފިއްތާ ބާރުކޮށްލާފައެވެ. ރަތްކުލައިގެ ނުފޮޅޭ ފިނިފެންމަލެއްފަދަ ތުންފަތެކެވެ. މަޑުފިޔާތޮށި ކުލައަރާ ކޯތާފަތެކެވެ. ކަޅު ދެލިކޮޅެއްފަދަ ބޯ އިސްތަށިކޮޅެކެވެ. އޭރު ފަތިސް ނަމާދު ބަންގިގޮވާ އަޑުވެސް އިވެއެވެ.  އޭނާގެ ކަންފަތަށްވެސް އެ ބަންގީގެ އަޑު އިވޭނެތާއެވެ. އަހަރެން މަޑުމަޑުން ނަރުސްކުއްޖާއާއި ދިމާއަށް އަތް ދިއްކޮށްލީމެވެ. އަހަރެންގެ އަތަށް އެކުއްޖާ ދިނުމަށް އެދިގެންގެންނެވެ. ނަރުސްކުއްޖާ ވަރަށް ފަރުވާތެރިކަމާއިއެކީ އަހަރެންގެ އަތަށް އެކުއްޖާ ދިއްކޮށްލިއެވެ. އަހަރެންގެ ހިތަށް ލިބިނު ފިނިކަމެއްގެ ބޮޑުކަމާއެވެ. މައިވަންތަ ކަމުގެ ލޯބި އަހަރެންގެ މުޅި ހަށިގަނޑު ވަށާލިކަހަލައެވެ. އެހެނަސް އަހަރެންގެ ދެލޮލަށް ޖަމާވާން ފެށީ ކަރުނައެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެއްފަހަރާ އެތައް އިހުސާސްތަކެއް އަހަރެންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެތުއްތު ތުއްތު މަޢުސޫމު ކުއްޖާގެ މުސްތަޤްބަލާމެދު ވިސްނާލާފައެވެ. އޭނާގެ އެއްވެސް ކުށެއް ނެތްއިރުވެސް އެތައް ބައެއްގެ ފުރައްސާރަޔާއި ނަފްރަތާ ކުރިމަތިލާން ޖެހޭނެތީއެވެ. އެވަޤުތު އަހަރެންގެ ދުލުން ބޭރުވީ ހަމަ އެންމެ ލަފުޒެކެވެ. ތުރުތުރުލާ އަޑަކުންނެވެ. ”ދަރިފުޅާ.“

  • ނުނިމޭ –

 

މި ލިޔުމާ ގުޅޭ